ސްޓެލްކޯއިން ހިމަންދޫއަށް އައު ޖަނަރޭޓަރު ސެޓެއް

ސްޓެލްކޯއިން އއ. ހިމަންދޫއަށް ގެންދިޔަ 336kW ގެ މުޅިން އައު ޖަނަރޭޓަރު ސެޓް -- ފޮޓޯ/ ސްޓެލްކޯ

ސްޓެލްކޯއިން އއ. ހިމަންދޫއަށް އައު ޖަނަރޭޓަރު ސެޓެއް ގެންގޮސްފިއެވެ.

ހިމަންދޫގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން، ރަށަށް ބޭނުންވާ ވަރަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ރަށަށް ގެންގޮސްފައި ވަނީ 336 ކިލޯވޯޓްގެ މުޅިން އައު ޖަނަރޭޓަރު ސެޓެކެވެ.

ސްޓެލްކޯއިން ބުނީ، އެ ޖަނަރޭޓަރު ސެޓް ބޭނުން ކުރަން ފެށުމާއެކު ހިމަންދޫގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.

"ޑިމާންޑާ އެއްވަރަށް ކޭޓާ ކުރަން ވާނެ. އެކޮޅަށް [ހިމަންދޫއަށް] ކަރަންޓު ބޭނުންވާ ނިސްބަތް އިތުރުވީ. ދެން އެ އާބާދީއާ ތަރައްގީއާ އެއްގޮތް ވާގޮތުގެ މަތިން ކޭޓާ ކުރަން އާ ޖަނަރޭޓަރެއް މި ގެންދެވުނީ،" ސްޓެލްކޯ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހިމަންދޫގައި ހަތަރު މެގަވޮޓްގެ ޒަމާނީ އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

އެ އިންޖީނުގެއަކީ އުސްކޮށް އިމާރާތް ކުރާ، ވެންޓިލޭޝަން ރަނގަޅު، ރައްކާތެރި މަސައްކަތުގެ މާހައުލެއް އޮންނަ ތަނަކަށް ހަދާނެ މަށް ސްޓެލްކޯއިން ބުންޏެވެ.

އާ އިންޖީނުގޭގެ އިމާރާތާއެކު ހިމަންދޫގެ މަލަމަތި ބަދަލުކޮށްލާނެކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެ އާ އިންޖީނުގެ އިމާރާތް ކުރަނީ ވެސް ރަށަށް އަންނަމުންދާ ކުރިއެރުމާއި ތަރައްގީއާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ކަމަށް ސްޓެލްކޯއިން ފާހަގަކުރިއެވެ.

comment ކޮމެންޓް