ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރާ ޑރ. މުއިއްޒު ބައްދަލުކުރައްވައިފި

މާލޭގެ މޭޔަރު ޑރ. މުއިއްޒު ތުރުކީގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރާ ބައްދަލުކުރެއްވުން ---

މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތަށް ކުރައްވާ ކައުންސިލްގެ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރ ބުންޔާމީން ޑެމިރުއާ ބައްދަލުކުރައްވައިފިއެވެ.

ދެބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ މިމަހުގެ 11 ވަނަ ދުވަހު ގުންގޮރެން ޑިސްޓްރިކްޓްގެ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް މޭޔަރ ބުންޔާމީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެ ތެރެއިން އިސްލާހްކުރަންޖެހޭ ކަންކަމާއި، ދެފަރާތުން ތަޖުރިބާ ހިއްސާކުރެވޭނެ ކަންކަން ފާހަގަކުރެވުނެވެ.

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރަންވާ މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ތުރުކީވިލާތުގެ އިސްތަމްބޫލަށެވެ.

މާލޭގެ މޭޔަރު ޑރ. މުއިއްޒު ތުރުކީގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރާ ބައްދަލުކުރެއްވުން ---

މި ދިޔަ ހުކުރުދުވަހުރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާވަޑައިގަންނަވަމުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރ ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީގެ ތަރައްގީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއްފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާބެހޭގޮތުން މަޝްވަރާކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަމެވެ. އަދި އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަން ހާމަކުރެއްވިއެވެ.

ޑރ. މުއިއްޒު ތުރުކީވިލާތަށް ކުރައްވާ މިދަތުރުފުޅުގައި ހަ ދުވަސް ހޭދަވާނެއެވެ. މާލޭ ސިޓީ ކައުންސިލުން މިހާރުވަނީ ރާއްޖޭގެ ކައުންސިލްތަކާއެކު ގުޅުންބަދަހިކުރުމުގެ ބައްދަލުވުންތައްވެސް ބާއްވަން ފަށާފައެވެ.

އެގޮތުން މާލެ އަތޮޅު ކައުންސިލާ އަދި މާލެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މމުއިއްޒު ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކު މަޝްވަރާކުރައްވާނެކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ އެހެން ކައުންސިލްތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.

comment ކޮމެންޓް