ތިޔަ ލޯބި އެދިގެން... - 04

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

"ލީން..." ޔޫލިންއަށް ހަމަހޭވެރިކަންވީ މިންހާ ގޮވައިލުމާއެކުގައެވެ.

މިންހާ ޔޫލިންއަށް ބަލައިލަމުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އެ ބުނުމުން އޭނަ އެހެން އުޅެންޏާ ރައިހާންއަށް ހުރިހާކަމެއް އެނގޭނެޔޭ ބުނާފަދަ އަސަރުތަކެއް މިންހާގެ މޫނުމަތީގައިވެއެވެ. މިންހާ ކުޑަކޮށް ކަޅި ރައިހާންއާ ދިމާލަށް ހިންގައިލުމުން، ޔޫލިންއަށް މިންހާ އެ ބުނަން މަސައްކަތްކުރަނީ ކީކޭކަން ދެނެގަނެވުނެވެ. އޭނާ މޫނުމަތީގައިވީ އަސަރުތައް ފޮރުވައިލިއެވެ. އޭރުވެސް ރައިހާން ޖޯލިފަތީގައި އޮތެވެ. އޭނާ މިންހާއަށް ބަލައިލިއެވެ. އެ ހިތުގައި ހިނގަމުންދިޔަ ހައިޖާނުގަނޑުގެ ޒަައްރެއްގެ މިންވަރުވެސް މިންހާއަށް ނޭނގޭނެކަން، އޭނާއަށް އެނގެއެވެ. މިންހާ އޭނާއަށް ނޫނޭކޭ ބުނިފަހުން އެފަދަ ގޮތަކަށް މިންހާއާ ވާހަކަ ނުދެއްކިނަމަވެސް، އަދިވެސް އޭނާގެ ހިތުގައި ހަމަ އެ އިޙްސާސްތައް ވެއެވެ. އަސަރާ ޖަޒުބާތުތައްވެސް މެއެވެ. އެހެންނަމަވެސް، އަލުން މިންހާއަށް ލޯބި ހުށައަޅަން އޭނާ ޖެހިލުންވެއެވެ. މިންހާގެ ފަރާތުން ކުރިން ދެފަހަރު ދިން ޖަވާބު ތަކުރާރުވެދާނެތީ އޭނާ ޖެހިލުންވަނީއެވެ.

މާގިނަ ވާހަކަތަކެއް އެ ތިން މީހުން ދޭތެރޭ ނުދެކެވެއެވެ. އެހެން ތިއްބާ އައިހަމް ނުކުތެވެ. އަތްކުރު، ކަނޑުނޫ ކުލައިގެ ޓީޝާޓަކާއި ސޯޓެއްގައި އޭނާ ފެންނަލެއް ކިތަންމެ ހާވެސް ފިރިހެންވަންތައެވެ. މިންހާ ޔޫލިންގެ އަތުގައި ނުވާކަމަކަށް ކޮށްޓައިލުމަށްފަހު، އެ ދިމާ ދައްކައިލިއެވެ. ޔޫލިން އެ ދިމާލަށް ބަލައިލި ގޮތަށް ހުއްޓުން އެރިއެވެ.

"ހިނގާ ދާން..." ރައިހާންއަށް ބަލައިލަމުން އައިހަމް ބުނެލިއެވެ. ރައިހާން ޖޯލިން ތެދުވެލަމުން މިންހާއަށާއި ޔޫލިންއަށް ބަލައިލިއެވެ.

"ބަލައިގެން ދުއްވާތި..." އައިހަމް ޔޫލިންއަށް ބަލައިލުމާއެކު، އައިހަމްއަށް ނަޒަރު ހުއްޓާލައިގެން ހުރި ޔޫލިންއަށް އަވަސްއަވަހަށް ބުނެވުނެވެ. އޭނާ ހުރީ އެއްޗެކޭ ބުނާކަށް ނޫނެވެ. އެހެންނަމަވެސް ހާސްވެފައި ހުރިވަރުން ވިސްނާނުލާ އެބަސްތައް ބޭރުކޮށްލެވުނީއެވެ.

"ދޮންބެ ކައިރީ ބުނޭ ބަލައިގެން ދުއްވަން. އޭނައޭ ދުއްވާނީ..." އައިހަމް ލާނެއްގޮތަކަށް ބުނެލުމާއެކު، ޔޫލިން ރަކިވާގޮތްވިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އިސްޖަހައިލެވުނެވެ. ތުންފަތުގައި ދަތް އަޅައިލުމާއެކު، އޭނައަށް ލަދުވެތި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލެވުނެވެ.

"އޯކޭ އޯކޭ އޭ... އަހަރެން ބުނެފާނަން... ރައިހާން! ބަލައިގެން ދުއްވާތި!" އެކުވެރިޔާ ލަދުން ސަލާމަތްކުރުމުގެ ގޮތުން މިންހާ އެހެން ބުނެލިއެވެ. އެއާއެކު ރައިހާންގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދައުރުކޮށްލިއެވެ. މިންހާގެ އެ ޖުމްލައިންވެސް އޭނާގެ މެއަށް ފިނިވެލިއެވެ. އެއީ މަޖަލަކަށް ބުނި ޖުމްލައެއް ނަމަވެސް، އެކަމުންވެސް ރައިހާންއަށް އަސަރުތަކެއް ކުރިއެވެ. ރައިހާންއާ އައިހަމްއާ ދެމީހުން ޔޫލިންމެން ގޯއްޗާ ދިމާލަށް ހިނގައިގަތުމުން، މިންހާ ފޯނަށް ބަލައިލީ އޭނާއަށް އެވަގުތު ފޯނެއް އައުމުންނެވެ. ގުޅަނީ އާހިލްކަމުން އޭނާ އުފާވެފައިހުރެ، ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ހެލޯ ބޭބް... އައި މިސް ޔޫ..." ފުރަތަމަވެސް ކަންފަތަށް އިވިގެންދިޔަ ޖުމްލަތަކުގެ ސަބަބުން މިންހާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

"މިސް ޔޫ ޓޫ..." މިންހާ މަޑުމަޑުން ބުނެލިއެވެ.

"ކީއްކުރަނީ؟" އާހިލް ސުވާލުކޮށްލުމާއެކު، މިންހާ އެ ސުވާލަށް ޖަވާބުދެމުން އަހައިލީ މިގަޑީގައި އެއްވެސް ކަމެއް ނެތީތޯއެވެ.

"އަހަރެން އަބަދުވެސް މިންނުއަށް ގުޅަން ފްރީވާނެޔޭ... އަހަރެން އަބަދުވެސް މިންނުއަށް ބޭނުންވޭ... ލޯބިވޭ... ދުވަހަކު ހަނދާން ނައްތައިލާކަށް ބޭނުމެއް ނުވޭ...” އާހިލް ބުނަމުންދިޔައެވެ. މިންހާ ލުއިކޮށް ހީލިއެވެ.

"ކިހިނެއްވީ؟ އެހެންބުނީމަ މަލާމާތް ކުރަނީތަ؟ ހީވަނީތަ ދޮގެކޭ؟" އާހިލް ސުވާލުކޮށްލިއެވެ.

"ނޫނޭ އަހަރެން ދެކެ އާހިލް ލޯބިވާކަން އަހަންނަށް އެނގެޔޭ..." މިންހާ ބުނެލިއެވެ.

"ދެން މިންނުއޯ؟"

"އަހަރެންވެސް..."

"އަހަރެން ދުވަހަކުވެސް މިންނު ދޫކޮށެއް ނުލާނަން... ތީ އަހަރެންގެ މީހެއް..." އާހިލް ބުނެލިއެވެ. މިންހާ ދެކެ އިންތިހާ ލޯބިވާކަން، އޭނާ ބުނަމުންދިޔަ ކޮންމެ ޖުމްލައަކުން މިންހާއަށް އިޙްސާސްކޮށްދެމުން އާހިލް ދިޔައެވެ.

"އޯކޭ އާހިލް. އަހަރެން ފަހުން ގުޅާނަން... މިއުޅެނީ ބެސްޓީއާ އެކީ..." މިންހާ ފޯނު ބާއްވާ ހިތް ނުވެ ހުރެފައިވެސް އެހެން ބުނެލީ އޭނާގެ ކައިރީގައި ޔޫލިން ހުރި ހަނދާންވެފައެވެ. މިންހާ ފޯނު ބާއްވަމުން ޔޫލިންއަށް ބަލައިލިއެވެ. އޭރު ޔޫލިންވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.

"ދެމީހުން މާ ފަށެއްވެސް ފޮޅުވާލައޭ... ސާބަސް އިނގޭ މިންނުއަށް..." ދިމާކޮށްލުމުގެ ނިޔަތުގައި ޔޫލިން ބުނެލިއެވެ. އޭރު ޔޫލިންގެ މޫޑުވެސް ހަމައަކަށް އެޅިފައިވުމުން، އިތުރަށް އައިހަމްގެ ވާހަކަ ދައްކާކަށް މިންހާވެސް ބޭނުމެއް ނުވިއެވެ. އެ ދެމީހުން އެތަނުގައި އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

ރޭގަނޑު ރައިހާންމެން ގެއިން ކައިގެން އައިސް އައިހަމްއާ ރައިހާންއާ ދެމީހުން މިންހާމެން ގޭ ގޯތިތެރެއަށް ވަތްއިރު ވެސް ވާހަކައިގައި މިންހާއާ ޔޫލިން ތިއްބެވެ. ޔޫލިން އޮތީ އެތާ ހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯއްޔެއްގައެވެ. މިންހާ އޮތީ ޖޯލީގައެވެ.

"މިތިބީނު އެދެމީހުން..." ރައިހާން ބުނެލިއެވެ.

"ކީއްކުރަނީ އަހަރެމެން ހޯދަނީ؟" މިންހާ ސުވާލުކޮށްލިއެވެ.

"މިއަދު ހަވީރު ދިޔަ މަގުމަތީގައި ނާއިފްމެންނާ ދިމާވީ... މާދަމާ ކައިރީގައި އޮތް ފަސްގަނޑަށް ދަތުރު ދާންވެގެން... ދާނަންދޯ؟" ރައިހާން ޔޫލިންއާ މިންހާއަށް ބަލައިލިއެވެ.

"ކޮންބައެއް ދަނީ؟" ޔޫލިން ސުވާލުކޮށްލިއެވެ.

"ނާއިފްމެން ގްރޫޕްގައި އުޅޭ ތިން މީހުންނާ ދެން ނާއިފްގެ ކޮއްކޮ ނަދާ އާ ރީމާއާ..." ރައިހާން އޮޅުންފިލުވައިދެމުން އަނެއްކާވެސް އެދެމީހުން ދާނުތޯ ސުވާލުކޮށްލިއެވެ.

"ދެން ހިނގާބަލަ ދާން... ލީންވެސް ނުދާނަންތަ؟ މިންނު ބުނޭ ދާނަމޭ އޭރުން ލީންވެސް ދާނެ..." އައިހަމް ޖޯލީގައި އިށީނދެލިއެވެ.

"އަހަރެން އެއްފަހަރުވެސް ބުނެފިންތަ ނުދާނަމޭ... ނުބުނަމެއްނު..." ޔޫލިން އައިހަމްއަށް ބަލައިލަމުން ބުމަ އަރުވައިލުމާއެކު، އައިހަމް ބޯ ކަހައިލިއެވެ.

"ދެން ބުނެބަލަ! ދާނަންތަ؟ މިންނު ދާނަން ދޯ!" ރައިހާން ސުވާލުކޮށްލިއެވެ. މިންހާ ޔޫލިންއަށް ބަލައިލަމުން ބޯ ޖަހައިލިއެވެ. ޔޫލިންވެސް އޭނާ ދާނެކަމުގައި ބުނެލިއެވެ. ދަތުރުގެ ވާހަކަ ދައްކަން އެމީހުން އެތައްއިރަކު ތިއްބެވެ.

"ގުޅާބަލަ ނާއިފްމެންނަށް، ބުނެބަލަ ޕްލޭން ކުރަން މިގޭ ދޮށަށް އަންނާށޭ..." އައިހަމް ރައިހާންއަށް ބަލައިލިއެވެ. ރައިހާން ނާއިފްމެންނަށް ގުޅުމާއެކު، ލަސްތަކެއް ނުވެ ރީމާ އާއި ނަދާ ގޮވައިގެން އެމީހުން އަތުވެއްޖެއެވެ. ގެންދާނެ އެއްޗެއްސާ ކުރާނެކަންތައްތަކުގެ އިތުރުން ކުޅޭނޭ ކުޅިވަރުތައްވެސް އެމީހުން ރާވާ ނިންމައިލިއެވެ. ކައްކަން ނިންމީ އެތަނަށް ގޮހެވެ. މެންދުރު ނަމާދުކޮށްގެން ގޮސްފައި އިރުއޮއްސޭއިރަށް އަންނަން އެންމެންވެސް އެއްބަސްވިއެވެ.

މަޝްވަރާތަށް ނިންމާލާފައި، ނާއިފްމެން ދިޔުމުންވެސް މިންހާމެން އެތަނުގައި ވާހަކައިގައި އެތައް އިރަކު ތިއްބެވެ. އެގާރަޖެހިފަހުން ނިދި އައި ކަމަށްބުނެ އައިހަމް ކޮޓަރިއަށް ވަނުމުން ރައިހާންވެސް ދިޔައެވެ. ޔޫލިންއާ މިންހާއާ ދެމީހުން ގެއަށް ވަނީ ބާރަޖަހާ ބޮޑުވީފަހުންނެވެ. ގޭތެރެއަށް ވަތްއިރު މިންހާގެ ބައްޕަ ކޮޓަރިން ނުކުންނަނީއެވެ.

"ދަރިފުޅާ... ހާދަ ލަސްވަންދެން ބޭރުގަ؟" ހަނީފް ސުވާލުކޮށްލިއެވެ. އޭރު އޭނާގެ އަތުގައި ހުސް ފުޅިއެއް އޮތެވެ.

"އެއީ ލީންއާ ވާހަކަ ދައްކަން އޮވެވުނީ... ފެންފުޅި ހުސްވީތަ؟ ގެނޭ ފެން އަޅައިލަދޭނަން." ހަނީފްގެ އަތުން ފުޅި އަތުލަމުން މިންހާ އެ ހިފައިގެން ގޮސް ފެންއަޅައިގެން ގެނެސްދިނެވެ.

"ބައްޕާ...." ހަނީފް ކޮޓަރިއަށް ވަންނަން ތަޅުގައި ހިފައިލި ވަގުތު މިންހާ ހަނީފްއަށް ގޮވައިލިއެވެ.

"ކީކޭ ދަރިފުޅާ؟" ހަނީފް މަޑުޖެހިލަމުން ފަހަތަށް ބަލައިލިއެވެ.

"މާދަން ދަތުރު ދާންވެގެން މިއުޅެނީ... އެވާހަކަ މި ދެއްކީ..." މިންހާ ބުނެލިއެވެ.

"ކޮންބައެއް ދަނީ؟ ރައިހާންމެންތަ؟" ހަނީފް ސުވާލުކޮށްލިއިރު ވެސް އެ ސުވާލުގެ ޖަވާބު އޭނާއަށް އެނގޭފަދައެވެ. އައިހަމް ރަށަށް އަންނަ ފަހަރުތަކުގައި ރައިހާންމެން ދަތުރު ދިޔުމަކީ، އާއްމުކޮށް ވެސް ކުރާކަމެއްކަން އޭނާއަށް އެނގެއެވެ.

"ކުރިންވެސް ދާ މީހުން ހަމަ..." މިންހާ އެހެން ބުނެލުމާއެކު، ހަނީފް ބުނީ އެންމެ ރަނގަޅުކަމުގައެވެ.

"ކޮން އިރަކުން ފުރަނީ؟ ހެނދުނު؟" ހަނީފް ސުވާލުކޮށްލިއެވެ.

"ނޫނޭ! މެންދުރު ނަމާދުކޮށްގެން. ދެން ކައްކާ ހަދާފަ ދާނީ. ކާން ހަދާފަ ދިޔައިމަ މެންދުރު ބައްޕައަށް ކެވޭނެއެއްނު." މިންހާ އޭނާ ރާވާފައިވާ ގޮތް ހަނީފްއަށް ކިޔައިދިނެވެ. ހަނީފް ބޯ ޖަހާލާފައި އެތެރެއަށް ވަނުމުން މިންހާވެސް ފޯނަށް ބަލަމުން ހުރެ ގޮސް ކޮޓަރިއަށް ވަނެވެ. އެންމެ ރެއަކުވެސް އާހިލްއާ ވާހަކަ ނުދައްކާ ނިދުމަކީ އޭނާ ކުރާކަމަކަށް ނުވާތީ، ފޯނުން އާހިލްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. އެހެން ރޭރޭ އާހިލް ގުޅާނެއެވެ. މިރޭ ނުގުޅުމުން އަނެއްކާ އާހިލްއަށް ކަމެއްވީބާއޭ ވެސް މިންހާގެ ހިތަށް އެރިއެވެ. އާހިލް ފޯނެއް ނުނަގައެވެ. ފޯނު ބިޒީކޮށްލަނީއެވެ. މިންހާ އަނެއްކާވެސް އާހިލްއަށް ގުޅައިލިއެވެ. މިފަހަރުވެސް އާހިލް ފޯނު ބިޒީކޮށްލީއެވެ. ދެން އައީ މެސެޖެކެވެ. އޭގައި އޮތީ އޭނާ ބިޒީކަމުގައެވެ. މިރޭ ފަހަރެއްގައި ނުގުޅޭނޭ ކަމުގައެވެ. އެހެންނަމަވެސް އޭނާ މާދަމާ ހެނދުނު މިންހާ ހޭލަން ވާއިރަށް މިންހާއަށް ގުޅާނޭކަމުގައި މެސެޖުގައި އޮތެވެ. މިންހާ އެ މެސެޖަށް ރިޕްލައިކޮށްލަމުން ޑްރެސިން ޓޭބަލް މަތީގައި ފޯނު ބާއްވަމުން ފާޚާނާއަށް ވަނީ ނިދުމުގެ ކުރިން ތާޒާ ވެލުމުގެ ބޭނުމުގައެވެ.

*****

ފަތިހުގެ ފަނޑުއަލިކަމުގެ މައްޗަށް އިރުގެ އަލި އަތްގަދަ ކުރަމުންދިޔައެވެ. ފަޒާގައި ހިފާލާފައިހުރި ތެތްފިނިކަން ފިލުވަމުން ދިޔައީ އިރުގެ ހޫނެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތައްވެސް ވަނީ އެކީ ހިނދިފައެވެ. އުޑުމަތި ސާފެވެ. ވިލާކޮޅެއްހާ ހިސާބުވެސް ފެންނާކަށް ނެތެވެ. ނިދިފައި އޮތް މިންހާއަށް ހޭލެވުނީ ފޯނު އެލާމްވި އަޑާއެކުގައެވެ. ތެދުވެ މޯޅިއަކަށް ދެމިލަމުން، އޭނާ ފޯނު ނަގާ އެލާރމް ނިއްވައިލަމުން ފޯނަށް ބަލައިލިއެވެ. އާހިލްގެ މިސްކޯލެއް ނެތެވެ. އާހިލް އޭނާއަށް ގުޅާނެކަމަށް ބުނެފައިވުމުންނާ، މިސްކޯލެއް ނެތުމުން އާހިލް އަދި ނުހޭލަނީކަން އޭނާއަށް އެނގުނެވެ. އާފުރިލަމުން މިންހާ އެނދުން ތެދުވީ ކަންނެއްކަމާއެކުގައެވެ. އެ އަރާމު ތަންމަތި ދޫކޮށްލާފައި ދުރަށް ދާން އޭނާގެ ހަށިގަނޑު ބޭނުން ނުވާފަދައެވެ. ފައި ކާއްތަމުން ކާއްކަމުން ކަހަލަ ގޮތަކަށް ގޮސް، ތުވާލި ހިފައިގެން ފާހާނާއަށް ވަތް މިންހާގެ ދެލޮލުގައި އޭރުވެސް ވަނީ ނިދީގެ އަސަރެވެ. ރޭގައި ލަހުން ނިދުނީމައި ކަމަށް ވެސް ވެދާނެއެވެ. އޭނާގެ ދެލޯ އޭރުވެސް ރަނގަޅަށް ނުހުޅުވެއެވެ.

ފެންވަރާ ހަދާލައިގެން ނުކުމެ އޭނާ ބަދިގެއަށް ވަދެ ކާއެއްޗެހި ތައްޔާރުކޮށްލިއެވެ. އެއަށްފަހު ގޭ ގޯތިތެރެ ކުނި ކަހައިލިއެވެ. ޔޫލިން ނުކުތީ އޭނާ އެ މަސައްކަތް ނިންމާލިފަހުންނެވެ.

"އަދި ދޯ ތި ހޭލީ؟" މިންހާ ސުވާލުކޮށްލިއެވެ.

"އާނ... ނުހޭލައިގެން މަންމަ ގޮވީ..." ޔޫލިން ބުނެލިއެވެ. އެއަޑުގައި އޭރުވެސް ނިދި މޯޅިކަންވެއެވެ. މިންހާ ޖޯލީގައި ހިނދުކޮޅަކަށް ޖައްސައިލީ ވެފައިހުރި ވަރުބަލި ފިލުވައިލުމުގެ ބޭނުމުގައެވެ. ޔޫލިން ކުނި ކަހާ ނިންމާލާފައި ދިޔައީ، އޭނާގެ މަންމަ ގޮވައިލުމާއެކުގައެވެ. މިންހާ އާހިލްއަށް ގުޅައިލިއެވެ. އާހިލް ފޯނު ނެގިއެވެ.

"ހެލޯ ބޭބީ!" އާހިލްގެ އަޑުން އޭނާ ދެންމެ ހޭލީކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ.

"އަދި ކިރިޔާ ދޯ ތިހޭލީ؟ އަހަރެން ހޭލަންވާއިރަށް ގުޅާނަމޭ ކިޔާފަވެސް ނުގުޅުނެއްނު. އެހެންވެ ރުޅިއައިސްފަ މިހުރީ." މިންހާ ބުނެލިއެވެ.

"މިންނު ރުޅިއަޔަސް އަހަރެން މިންނު ދެކެ ރުޅިއެއް ނާންނާނަން. މިންނުއަކަށް ދުވަހަކުވެސް އަހަރެން ރުޅިއެއް ނޭރުވޭނެ! ދެން ހީލަބަލަ!" އާހިލް ބުނެލިއެވެ. އޭނާ މިންހާ ހެއްވާލުމުގެ ނިޔަތުގައި ލާނެއް ޖުމްލައެއް ވެސް ބުނެލިއެވެ. އެއާއެކު މިންހާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ގޭތެރެއަށްވަނީ އިރުކޮޅަކު އާހިލްއާ ވާހަކަ ދައްކައިލަން އިނުމަށްފަހުއެވެ.

***

މެންދުރު ނަމާދުކޮށްގެން މިންހާ ހަނީފް ކައިރީގައި އޭނާ ދަނީކަމަށް ބުނެ ނުކުތްއިރު، ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަސްދޮށުގައި އައިހަމްއާއި ރައިހާންގެ އިތުރުން ޔޫލިން ވެސް ތިއްބެވެ. އޭރު އޭނާގެ އަތުގައި އަޅަންގެންގުޅޭ ތޮފި އޮތެވެ. މިންހާ އޭނާ ލާފައިހުރި ފްލޯރަލް ޓޮޕްކޮޅު ރީތިކޮށްލަމުން، އޭނާގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން އެދިމާލަށް ހިނގައިގަތެވެ. އެއްވެސް ކަހަލަ މޭކަޕެއް ކޮށްފައި ނުވާއިރުވެސް، މިންހާގެ އެ ސާދާކަމާއި ރީތިކަމަށް ހިތާހިތުން ރައިހާންއަށް ތަޢުރީފް ކުރެވެމުންދިޔައެވެ.

އެ ހިސާބާ އަރާ ހަމަވެފައި ޔޫލިންއަށް ބަލައިލި މިންހާއަށް ބުމަ އަރުވައިލެވުނީ، ޔޫލިންއާ އައިހަމްއާ ލާފައި ހުރި ހެދުމަށް ބަލައިލުމަށްފަހުއެވެ.

"މި ދެމީހުން ހީވަނީ އެއްބަހެއް ކިޔައިގެންހެން ދޯ... އެއް ކުލައެއްގެ ހެދުމެއް ލައިގެން..." ރައިހާން ބުނެލިއެވެ. އައިހަމް ލާފައިހުރީ މަޑު ނޫކުލައިގެ އަތްކުރު ޓީޝާޓަކާއި ސޯޓެކެވެ. އިއްތިފާގަކުން ޔޫލިންއަށްވެސް ލެވިފައިހުރީ މަޑުނޫކުލައިގެ ހެދުމެކެވެ.

"އަހަރެން ދެން ހެދުން ބަދަލުކުރަން ދާނީ އިނގޭ ދޮންބޭ... އޭރުން ލަސްވާނީ ހަމަ ދޮންބެމެންނަށް..." ޔޫލިން ތުންކޮޅު އޫކޮށްލިއެވެ. އައިހަމްގެ ގާތަށްވެސް ހިނި އަންނަ ގޮތްވިއެވެ. މިންހާއަށް ބަލައިލުމަށްފަހު، އޭނާ ދެ ކޮނޑު އަރުވައިލިއެވެ.

"ކޮބާ އެއްޗެހި ހަމަތަ؟" އެތަނުގައި ބަހައްޓާފައިހުރި ބައެއް ސާމާނަށް ބަލައިލަމުން މިންހާ ސުވާލުކޮށްލިއެވެ.

"އާނ. މިކޮޅުން ގެންދާ ހުރިހާ އެއްޗެއް މިހުރީ... ބާކީ ހުރި އެއްޗެހި ދެން ގެންދާނީ ނާއިފްމެން..." ރައިހާން ބުނެލިއެވެ. ރައިހާންއާއި އައިހަމްއާ ދެމީހުން ސާމާނުތައް ހިފައިގެން ހިނގައިގަތްއިރު، އެމީހުންނަށް ހިފޭ ފަދަ އެއްޗެހި ހިފައިގެން މިންހާއާއި ޔޫލިންވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ދަމުންދަމުން މިންހާ އޭނާގެ ބޮލުގައި ތޮފި އަޅައިލިއެވެ.

އެމީހުންނަށް ބަނދަރާ ހިސާބަށް ދެވުނުއިރު ނާއިފްމެން ވެސް އެތަނުގައި ހުުރި ގަހެއްގެ ދޮށުގައި މަޑުކޮށްލައިގެން ތިއްބެވެ.

"ކާކު މަދީ؟" އައިހަމް ސުވާލުކޮށްލިއެވެ.

"ނަބީލް... އޭނަ އައިމަ ދޯ ދެވޭނީ... އޭނަ ނޫނީ ނޫޅޭނެ ޑިންގީ ދުއްވަން އެނގޭ މީހަކު..." ރައިހާންވެސް ބުނެލިއެވެ. އަވި ގަދަނަމަވެސް، ޖެހެމުންދިޔަ ވައިރޯޅިތަކުގެ ސަބަބުން، ތަނުގައިވި އުދާސްކަން ކޮންމެވެސް ވަރަކަށް ދުރުކޮށްދީފައިވެއެވެ.

"އޭނައަށް ގުޅާބަލަ!" ނާއިފްގެ އެކުވެރި ސަމާހު ބުނެލިއެވެ. އޭރު ރީމާއާއި ނަދާއާ ދެމީހުންވެސް މިންހާމެން ކައިރިއަށް ޖެހިލާ ވާހަކައިގައި ތިއްބެވެ.

"ގައިމު ބުނާނެ އަހަރެމެން އަންހެން ވެރިން ލަސްވާ ވާހަކަ...ހީވޭ ކަމެއްހެން..." އެއްޗެކޭ ނުބުނެ ނުހުރެވިގެން އެންމެ ފަހުން ނަދާ ބުނެލައިފިއެވެ. ނަދާގެ ވާހަކައަށް ހުރިހާ އަންހެން ކުދިން އެއްބަސްވިއެވެ. އެފަދަ ވާހަކަަތަކެއްގައި އެމީހުން ތިއްބާ ދުރުން ނަބީލް އަންނަތަން ފެނުމާއެކު، ރައިހާން އެދިމާލަށް އިޝާރާތް ކޮށްލިއެވެ.

"އޭތް ހާދަ ލަސްވީ ބްރޯ..." އައިހަމް ނަބީލްގެ ކޮނޑަށް އަތް ވައްޓައިލަމުން ބުނެލިއެވެ.

"އާނ. ހަމަ ނުކުންނަނިކޮށް ކަމެއް ދިމާވީއޭ... ހިނގާ އަރަންދާން..." ނަބީލް އެހެން ބުނެލާފައި ހިނގައިގަތުމުން، އެހެން އެންމެންވެސް ނަބީލްގެ ފަހަތުން ހިނގައިގަތެެވެ. އެ ދިޔަ ދިޔުމުގައި ވެސް ރައިހާންގެ ނަޒަރު ހުރީ މިންހާއަށް ހުއްޓިފައެވެ. ތޮފި އަޅާލައިގެން ހުރި ނަމަވެސް އޭރުވެސް ކޮޕާ ބްލޮންޑް ކުލަ ޖައްސާފައިވާ އޭނާގެ ދިގު އިސްތަށިގަނޑު ދިޔައީ ވަޔާ ސަމާސާ ކުރަމުންނެވެ. ރައިހާންގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ދައުރުކޮށްލިއެވެ.

ރީމާއާއި ނަދާގެ އިތުރުން ނާއިފްމެން ވެސް އަރާ ހަމަޖެހިލިއެވެ. މިންހާވެސް އަރާ އިށީނދެލިއެވެ. ރައިހާން އެއްޗެހިތައް ހަމަޖައްސަން އުޅުނެވެ. އެކަނި އަރަން ނުކެރިފައިހުރި ޔޫލިން ލޮލުގައި އަޅައިގަތުމާއެކު، އައިހަމް އެދިމާލަށް ގޮސް ޔޫލިންއާ ދިމާލަށް އޭނާގެ އަތް ދިއްކޮށްލިއެވެ. ޔޫލިންއަށް ބަލައިލެވުނީ އައިހަމްގެ މޫނަށެވެ.

"އަތުގައި ހިފާފަ އަރާބަލަ!" ޔޫލިން ފާޑަކަށް އޭނާއާ ދިމާލަށް ބަލަން ހުންނަން ފެށުމުން، އައިހަމް ހީލަމުން ބުނެލިއެވެ. ޔޫލިން ދެ ވިސްނުމެއްގައި ހުރެފައި އައިހަމްގެ އަތުގައި ހިފާލައިގެން ޑިންގީއަށް އެރިއެވެ.

"ތެންކިޔު..." ޝުކުރު އަދާކޮށްފައި އޭނާ ފަހަތަށް އެނބުރިލިވަގުތު، އަރި އަޅައިލުމާއެކު، މަޑު ހަޅޭކެއްގެ އަޑު އޭނާގެ ދެ ތުންފަތް ފޫ އަޅުވާލާފައި ނިކުތެވެ. ލޯ މަރާ ފިއްތާލެވުނު ޔޫލިންއަށް ދެވަނަ ސިކުންތުގައި ލޯ ހުޅުވައިލަން މަޖުބޫރުވީ، މީހަކު އޭނާގެ އުނަގަނޑުގައި ހިފެއްޓި ކަހަލަ އިޙްސާސްއެއް ވުމާއެކުގައެވެ. ލަސްލަހުން އޭނާ އެސްފިޔަތައް ދުރުކޮށްލާ، ލޯ ހުޅުވައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު