ނާޒިމާއި ރިޔާޒު ޖޭޕީން ވަކިވީ ސިއްރުން ރޭވި ރޭވުންތައް، ފަޅާއެރުމުން: އިލްހާމް

ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ޖުމްހޫރީ ޕާޓީން ވަކިވީ އެ ޕާޓީ ތެރޭގައި ސިއްރުން ރޭވި ރޭވުންތައް، ނާކާމިޔާބު ވުމުން ކަމަށް ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މި މޭރުމުން ވިދާޅުވީ ކާނަލް ނާޒިމް މީޑިއާގައި ދެއްކެވި ވާހަކައަކާ ގުޅިގެން، އެ ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މީޑިއާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވެފައިވަނީ ފާއިތުވީ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް ކަމެއްގައި ހަރަކާތްތެރިނުވެ، ނިދާފައި ކަމަށެވެ. މީގެ އިތުރުން ނާޒިމް ވިދާޅުވީ ޖޭޕީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ވަރަށް ހަނި ޕާޓީއެއް ކަމަށެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ޕާޓީގެ ހަރަކާތްތައް މަޑުޖައްސާލަން ޖެހުނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ކަމަށާއި އެކަން ވާނީ ރައްޔިތުންނަށްވެސް ހިއްސާ ކޮށްފައި ކަމަށެވެ.

"ސިއްރުން ކުރައްވަން އުޅުއްވި ކަންތަކަށް ޖޭޕީ ތެރެއިން ނުކުރެވުނީ ނޫންތޯ؟. ރޭވި ރޭވުންތައް ފަޅާ އެރީ ނޫންތޯ؟. އިލްހާމް ވިދާޅުވިއެވެ.

ނާޒިމާއި ރިޔާޒް ޕާޓީ ތެރެއިން ރޭވި، ރޭވުންތަކުގެ ތަފުސީލެއް އިލްހާމް ނުދެއްވައެވެ. އޭނާ ވިދާޅުވީ އެއީ ކޮން ރޭވުންތަކެއްކަން އެ ދެބޭފުޅުންނަށާއި ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ކާނަލް ނާޒިމް އާއި އަބްދުﷲ ރިޔާޒް މަަޖިލީހަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައެވެ.

comment ކޮމެންޓް