ގައުމީ ތަރައްގީގެ ކަންކަމުގައި އަދިވެސް އަންހެނުންނަށް އެކަށީގެންވާ މިންވަރަށް ފުރުސަތުތައް އެކަށީގެންވާ މިންވަރަކަށް ފަހިވެފައިނުވާކަމަށް ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިރޭ އޮތް ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކަންކަން ނިންމުމުގެ މަރުހަލާގައި އަންހެނުންގެ ދައުރު އަދިވެސް ކުޑަކަަމަށެވެ.
"އޭގެ ނަތީޖާއަކަށް ވެފައި މިއޮންނަނީ ގައުމީ ތަރައްގީގެ މުހިންމު ކަންކަމުގައި އަދިވެސް އެކަށީގެންވާ މިންވަރަށް އަންހެނުންނަށް ފުރުސަތު ނުލިބުން. ސިޔާސީ ދާއިރާއާއި އިޖްތިމާއީ ދާއިރާގައި ވެސް މިދެންނެވި ހުސްކަން ފެންނަން އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އަންހެނުން ސިޔާސީ ދާއިރާގެ ތެރޭ ބާރުވެރިކުރުވުމަކީ ސަރުކާރުގެ އެންމެ މުހިންމު އިސްކަމެއް ދޭ އެއްކަން ކަމަށެވެ.
އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް އުފެދިގެން ދިޔުމަކީ ވެސް އެކަމަށް އެޅުނު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 6، 2021: ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
"މި މުުހިންމު ބަދަލުތަކުގެ ސަބަބުން ތަރައްގީގެ ސިޔާސަތު ނިންމުމުގައި އަންހެނުންގެ ބައިވެރިވުން މިހާރު އިތުރުވެއްޖެ،" ރައީސް ވިދާޅުވިއެެވެ.
ހަމައެއާއެކު ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް އަންހެނުންގެ ދައުރު ވަރަށް ފުރިހަމައަށް ފެންނަން އެބަހުރިކަމަށެވެ.
"ރާއްޖޭގެ ތާރީހަށް ބަލާއިރު ފާހަގަކޮށްލެވޭ އެތައް އަންހެނުންނެއްގެ އިހްލާސްތެރި ހިދުމަތްތަކެއް ގައުމަށް ލިބިފައި އެބަހުރި، ކެރޭ ކުޅަދާނަ ހީވާގި މުރާލި ހުނަރުވެރވި ކިތަންމެ އަންހެނުންނެއް ފާހަގަވެ ފެންނަން އެބަހުރިި،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު މިއަދު ވަޒީފާގެ މާހައުލުގެ އިތުރުން އެހެނިހެން ދާއިރާތަކުގައި ވެސް މިންތީގެ ހަމަހަމަކަން ވަރަަށް ބޮޑަށް ގާއިމްކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިރޭ ރެހެންދި ސްކޫލުގައި އޮތް ރެހެންދި އެވޯޑު ދިނުމުގެ ޖަލްސާގައި ރައީސްގެ އިތުރުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.