ޝަރީއަތަށް ނުފޫޒު ފޯރުވިކަމުގެ އޯޑިއޯއެއް ލީކުވެއްޖެނަމަ އިސްތިއުފާ ދޭނަން: އަލީ ޒާހިރު

ސެޕްޓެމްބަރު 5، 2021: ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ/ ރައީސް އޮފީސް

ފަނޑިޔާރުންނާއި ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާކަން ސާބިތުވާ ފަދަ އަސްލު އޯޑިއޯއެއް ލީކުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެެއެވެ.

ރައީސް ޔާމީންގެ ޝަރީއަތަަށް ނުފޫޒު ފޯރުވާކަމަށް ބުނެ އަލީ ޒާހިރުގެ މައްޗަށް އެކި ފަރާތްތަކުން ކުރަމުން އަންނަ ތުހުމަތުތަކަށް ޖަވާބުދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޝަރީއަތަށް ނުފޫޒު ފޯރުވިކަން ދޭހަވާ ފަދަ އަސްލު އޯޑިއޯއެއް ލީކުވެއްޖެ ނަމަ މަގާމުން ވަގުތުން އިސްތިއުފާ ދެއްވާނެކަމަށެވެ.

އެހެންނަމަވެސް އޭނާގެ އެފަދަ އޯޑިއޯއެއް ނޯންނާނެކަން ޔަގީންކަމާއެކު ދަންނަވަން ކެރިވަޑައިގަންނަވާނެކަމަށެވެ.

"އަސްލު އޯޑިއޯއެއް ލީކުވެއްޖެ ނަމަ އިސްތިއުފާ ދޭނަންތޯ؟ 100 ޕަސެންޓު ޔަގީން. އަސްލު އޯޑިއޯއެއް ނުހުންނާނެ. ލީކެއް ނުވާނެ ނެތް އެއްޗެއް،" އަލީ ޒާހިރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާ ހަތް ފަހަރު ހުވާ ކުރައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ހަތް ފަހަރު ހުވާކުރަން އަޅުގަނޑު ތައްޔާރު. އެހެންނަމަވެސް އަޅުގަނޑު ހިތުން އެހިސާބަށް ދާކަމަށް ވާނަމަ މިބާވަތުގެ ކަންކަމުގައި އެ އޮންނަ އުސޫލު އެ އޮންނަ ޕްރިންސިޕަލްސް ދަމަހައްޓަން ވާނެ، މައްސަލަ ހުށަހަޅާ ދައުވާ ކުރާ މީހެއްގެ ކަމެއް ހެކި ދެއްކުމަކީ ސާބިތުކޮށްދިނުމަކީ. ދައުވާ ރައްދުވާ ފަރާތުން އެއަށް އިންކާރު ކުރަނީ. އަދި ހެކި ނުދައްކާ. އެހެންވީމާ ހެކި ދެއްކީމާ އަޅުގަނޑު ހުވާ ކުރާނަން،" އަލީ ޒާހިރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރު ވަނީ އޭނާއަށް ނިސްބަތްކޮށް ދައްކާ ވާހަކައަކީ ސިޔާސީ ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ މައްސަލައިގައި އެމަނިކުފާނުގެ ޝަރީއަތަަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ވަނީ ސިފަކުރައްވާފައެވެ. އިދިކޮޅުން އަންނަނީ ރައީސް ޔާމީންގެ ޝަރީއަތުގެ މައްސަލައިގައި އަލީ ޒާހިރުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން އަލީ ޒާހިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމަށް އިދިކޮޅުގެ އިސްވެރިން ތުހުމަތުކުރެއެވެ.

comment ކޮމެންޓް