ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރުފިޔާ ނެރެންޖެހޭ: ރައީސް

14:30


ރައްޔިތުންގެ މަޖިލީހުގައި ހިންގާ ކަންކަން ނިމެމުންދަނީ ރުފިޔާއަށް ބަރޯސާވެގެން ކަމަށްވާނަމަ ޤައުމުގެ އެންމެހާކަންތައްތައް ނިމެމުންދާނީ ފައިސާވެރިން ބޭނުންވާގޮތަށް ކަމަށާއި، ރައްޔިތުން ބޭނުވާގޮތަށް ކަންކަން ނިންމުމަށް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރުފިޔާ ނެރެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެމްޑީޕީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، ރުފިޔާއަށް ނުވަތަ ކޮރަޕްޝަނަށް ބަރޯސާވެގެން ކަންތައްތައް ހިނގަމުން އަންނަ ޤައުމެއްގައި ގާނޫނުތައް ނިމެމުންދާނީ އާންމު ރައްޔިތުން ނިކަމެތިވެ، ފައިސާވެރިން ބޭނުންގޮތަށް، އެމީހުންގެ މަންފާ އިތުރުވާގޮތަށް ކަމަށާއި އެފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވާގޮތަށް މަޖިލީހުގެ މެންބަރުން ވޯޓުލަމުންގެންދާތަން ރައްޔިތުން ދެކޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮރަޕްޝަން ހިއްޕަވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވައި، ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އުޅުނުއިރު ޕާޓީތަކުންނާއި ކެންޑިޑޭޓުން، ރައްޔިތުންނަށްޓަކައި ކަންތައްތައް ކޮށްދޭނެގޮތް ބުނެދިން ކަމަށާއި ރައްޔިތުން ވޯޓު ދެއްވަމުން ގެންދެވީ އެކަންކަމަށް ބައްލަވައިގެން ކަމަށެވެ. ނަމަވެސްމަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވުމުން ރައްޔިތުންގާތު ދެއްކި ވާހަކަތައް ހަނދާންނައްތާލުމަށްފަހު މަހުޖަނުންނަށް ވިކެންފެށީ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.


ރައީސް ނަޝީދު އަދި ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތް ކޮންމެ ހާލަކާލައިގެން ނަމަވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ރާއްޖޭގެ ޗާޓުން ބޭރުން ކަންކަން ކުރަންޖެހިއްޖެނަމަ އެކަން ކުރައްވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު