މެއި ހައެއް ހަމަލާ: އިސްހާގާއި ފަހުމީގެ ބަންދަށް އިތުރު 14 ދުވަސް

އިސްހާގާއި ފަހުމީ -- ފޮޓޯ/ ޕޮލިސް މީޑިއާ

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްުޔަރުކުރި އިސްހާގު އާއި ފަހުމީ އަލީގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެ ދެމީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 14 ދުވަސް ޖަހައިފައެވެ.

މީގެ ކުރިން ފުލުހުން ވަނީ އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި މީހެއް ކަމުގައި ބުނެފައެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކަކީ ވެސް އޭނާ ކަމަށް ފުލުހުން ބުނެފައިވެެއެވެ.

މީގެ އިތުރުން، އިސްހާގަކީ ހަމަލާގައި އެންމެ އިސްކޮށް ބައިވެރިވި ތިން މީހުންގެ ތެރެއިން އެކެއް ކަމަށާއި ފަހުމީ އަކީ ވެސް ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ޖުލައި މަހުގެ ފަހުކޮޅު ކްރިމިނިލް ކޯޓުން ވަނީ 30 ދުވަސް ދީފައެވެ. އަދި އެމީހުން ބަންދުގައި ބައިތިއްބާ މުއްދަތު އިއްޔެ އަނެއްކާވެސް 14 ދުވަހަށް އިތުރު ކުރަނީ އެ މުއްދަތު ހަމަވުމުންނެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އިސްހާގާއި ފަހުމީގެ އިތުރުން އަދިވެސް ހައްޔަރުކޮށްފައި ތިބީ ހއ.ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ނ.މަނަދޫ ނޫރީގެ އަލީ ހައިޝަމާއި އއ.މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ އިތުރުން ހއ.މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.

ފުލުހުން ބުނާ ގޮތުގައި ހައިޝަމާއި ތަސްލީމަކީ ވެސް ހަަމަލާގައި އިސްކޮށް ހަރަކާތްތެރިވީ ބައެކެވެ. އެގޮތުން ސައިކަލުގައި ބޮން ހަރުކުރި މީހަކީ ހައިޝަމް ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި ތަސްލީމަކީ ނަޝީދު އަވަހާރަކޮށްލަން އިރުޝާދުދީ، އެކަމަކީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވިސްނައިދިން މީހާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް