އައްޑޫސިޓީ ހިތަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭނެ ތަނަކާއި އެމީހާ ބަލައިދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ، 65 އަހަރުން މަތީގެ ފިރިހެނެެއް ބަލައިދޭނެ ދެ ފަރާތެއް ބޭނުންވާ ކަމަށެެވެ. އެެހެންކަމުން އެމީހާ ބަލައިދިނުމަށް އެދޭ ފަރާތްތަކުން، އަންނަ އާދީއްތަ ދުވަހުގެ ކުރިން 6885753 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް އެ ކައުންސިލުން އެދެއެވެ.
މިކަމާ ގުޅިގެން ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އާމިނަތު އަދާލާ ރަޝީދު "ސަން"އަށް ވިދާޅުވީ، އުމުރުން ދުވަސްވީ އެ މީހާގެ ދަރިއަކާއި ދޮންދަރިއެއް ފިޔަވައި އާއިލާގެ އިތުރު މީހެއް ދުނިޔޭގައި ނެތް ކަމަށެވެ. އަދި އޭނާގެ ދަރިފުޅުހުރީ އެފަދަ މީހަކު ބެލޭނެ ހާލަތުގައި ނޫން ކަމަށެވެ.
އެމީހާގެ ކަންތައްތައް ބަލަމުން އައީ ދޮންދަރިއެވެ. ނަމަވެސް ގޭގައި ބަހައްޓައިގެން ބެލޭނެފަދަ މާލީ ހާލަތެއް ނެތުމުން، މިހާރު އެމީހާ އުޅެމުން ދަނީ މިސްކިތުގައި ކަމަށް އަދާލާ ވިދާޅުވިއެވެ.
މީގެ ކުރިންވެސް މި މީހާ ބަލާނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައި ވެއެވެ. ނަމަވެސް އެ އިއުލާނަށް އެންމެ ފަރާތަކުން ކުރިމަތިލުމާ ގުޅިގެން އަލުން އިވެލުއެޓް ކުރުމަށްފަހު އިއުލާނު ކުރީ ކަމަށް އަދާލާ ވިދާޅުވިއެވެ.
"މިހާރު އޭނަ އުޅެނީ މިކޮޅުގެ މިސްކިތެއްގަ. ރީތިކޮށް ހަދާފަ ހުންނަ ހަމަ ރަނގަޅު މިސްކިތެއް. ދެން އެ މިސްކިތުގަ ނިދާފަވެސް އޮންނަނީ. ދޮންދަރި އޭނައަށް ކާއެއްޗެހި ގެންގޮސްދީ ކާންދީ އެކަހަލަ ކަންތައްތައް ކުރަނީ. މިސްކިތުގަ އާއްމުކޮށް އުޅެނީ، އުޅޭތީވެ އުމުރުން ދުވަސްވެފަ ހުރި މީހެއްވީމަ ދެން އެގޮތަށް ދޫކޮށްލުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާނެތީވެ އަޅުގަނޑުމެން ކަމާބެހޭ ހުރިހާ މުއައްސަސާތަކާ މަޝްވަރާ ކުރަމުން، ބަލަމުން ދާ ކޭސްއެއްމީ،" އަދާލާ ވިދާޅުވިއެވެ.
އަދާލާ ފާހަގަ ކުރެއްވި ގޮތުގައި މި ނޫނަސް މިގޮތަށް ދިމާވެފައި ތިބި މީހުން އެ ސިޓީގައި އުޅެއެވެ.
އެހެންކަމުން ޖެންޑާ މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ޕޫލްއެއް އެކުލަވާލުމަށް ދެފަރާތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޕޫލް އެކުލަވާލުމަށްފަހު މީހުން ޓްރެއިން ކުރުމަށްފަހު ޖެންޑާ މެދުވެރިކޮށް އެފަރާތްތަކަށް އެލަވަންސްއެއް ދެވޭނެގޮތެއް ވެއްޖެނަމަ، އުސޫލެއްވެސް ކަނޑައަޅާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަދި އެފަދައިން މަގުމަތިވެފައިވާ މީހުން ބަލާނެ ފަރާތްތައް ހޯދުމަށް އިއުލާނު ކުރުމަކީ އެންމެ ފަހުގެ އޮޕްޝަން ކަމަށް ކައުންސިލުން ބުންޏެވެ.
އަދި އުމުރުން ދުވަސްވީ މި މީހާ ބަލާނެ ފަރާތެއް ހޯދުމަށް ކުރީގެ ކައުންސިލުންވެސް މަސައްކަތް ކުރި ކަމަށާއި، އާ ކައުންސިލް ހުވާ ކުރުމަށްފަހުގައި ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މި މަސައްކަތް ކުރިއަށް ގެންދާކަމަށް އަދާލާ ވިދާޅުވިއެވެ.
އަދި ހުރިހާކަމެއް ހަމަޖެހުމުގެ ކުރިން، ވަގުތީގޮތުން ނަމަވެސް އެމީހާ ބެލެހެއްޓޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް އަދާލާ ވިދާޅުވިއެވެ.