އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ހޯދުމަށް ޕެރޭޒް ތައްޔާރު ވަނީ

އެމްބާޕޭ ގެންދިއުމަށް ރެއާލްއިން މިހާރު ވިސްނަނީ ހިލޭ ޓްރާންސްފާއެއްގައި--- ފޮޓޯ: ގޯލް

ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ވިއްކާލުމަށް އެ ކްލަބުން ދެކޮޅު ހެދުމާއެކު ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭގެ ސޮއި ހޯދުމަށް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ތައްޔާރުވެއްޖެއެވެ.

ރެއާލްއިން ވަނީ މިޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ގަތުމަށް ދެފަހަރެއްގެ މަތިން އަގު ހުށައަޅާފައެވެ. ނަމަވެސް ޕީއެސްޖީއިން ވަނީ އެމްބާޕޭ ވިއްކާލަން ދެކޮޅު ހަދާފައެވެ.

އެމްބާޕޭ ވިއްކާލަން ދެކޮޅު ހެދުމާއެކު އޭނާ ހިލޭ ޓްރާންސްފާއެއްގައި ރެއާލްއަށް ބަދަލުވުމުގެ ބިރު ޕީއެސްޖީއަށް އެބައޮތެވެ.

އެމްބާޕޭގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ އަހަރެކެވެ. އެހެންކަމުން ކޮންޓްރެކްޓު ހަމަވުމުގެ ހަމަސް ކުރިން ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ސޮއި ކުރުމުގެ ފުރުސަތު ރެއާލްއަށް އޮންނާނެއެވެ.

ރެއާލްއިން ފުރަތަމަ ހުށައަޅާފައި ވަނީ 170 މިލިއަން ޔޫރޯއަށް އެމްބާޕޭ ވިއްކާލުމަށެވެ. ޕީއެސްޖީގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ޕެރޭޒް ވަނީ 180 މިލިއަން ޔޫރޯގެ ދެވަނަ ބިޑެއް ހުށައަޅާފައެވެ. ޕީއެސްޖީއިން ވަނީ ރެއާލްގެ ދެހުށައެޅުމަށްވެސް ބީރު ކަންފަތެއް ދީފައެވެ.

ފްރާންސްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމްބާޕޭ ހުރީ މެސީ ޕީއެސްޖީއަށް ދިޔުމާއެކު ހިތް ނުތަނަވަސްވެފަވެ. އެމްބާޕޭ ވަނީ އޭނާ ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވާކަން މީގެ ކުރިން ހާމަކޮށްފައެވެ.

ބާވީސް އަހަރުގެ ފޯވާޑު އެމްބާޕޭއަށް އާ ކޮންޓްރެކްޓެއް ހުށައެޅުމަށް ޕީއެސްޖީއިން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުން ނުވާކަމަށް ފްރާންސްގެ ނޫސް ލިބަރާޝިއޯއިން ރިޕޯޓްކުރެއެވެ.

comment ކޮމެންޓް