ސުލްހަވެރި މުޖުތަމައެއްގައި މީހުންނަށް އަދަބު ދޭން ނުޖެހޭނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން ޢަބްދުالله --- ފޮޓޯ/

ރަނގަޅު ސުލްހަވެރި މުޖުތަމައަކީ މީހުންނަށް އަދަބު ދޭން ޖެހޭ މުޖުތަމައެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ ރޭ ނ. މާފަރުގެ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައެވެ.

އިމްރާން ވިދާޅުވީ މުޖްތަމައުގެ އެއްބައި ޖަލުގެ ތޭރިތަކުގެ ފަހަތަށް ދިއުމުން ސަލާމަތްކުރެވޭނީ މުޖުތަމައުގެ އެންމެން އެކީގައި މަސައްކަތްކުރުމުން ކަމަށެވެ. އަދި ސުލްހަވެރި މުޖްތަމައަކީ މިހުންނަށް އަދަބުދީ، ބަންދުކުރަންޖެހޭ މުޖުތަމައެއް ނޫން ކަމަށެވެ.

"ސުލްހަވެރި މުޖުތަމައަކީ މީހުންނަށް އަދަބުދޭން ޖެހޭ މުޖުތަމައެއް ނޫން. ބަންދުކުރަންޖެހޭ މުޖުތަމައެއްނޫން. އާދެ, ޖަލުތަކުގެ ފަހަތަށް ނުވަތަ ތޭރިތަކުގެ ފަހަތަށް އެމުޖުތަމައުގެ ބޮޑު އަދަދެއް ލައިގެން އެކަމަށްޓަކައި ބޮޑަތި ހޭދަތަކެއްކޮށް, އެކަމަށްޓަކައި މައިންބަފައިންނާއި ތިމާގެ މީހުން ކަރުނައަޅަން ޖެހޭކަމެއްނޫން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ހިދުމަތް ގާއިމް ކުރުމަށް މަސަކަތް ކުރަމުން ދާން ކަމަށެވެ.

އެގޮތަށް ފުލުހުންގެ ހިދުމަތް ކޮންމެ ރަށެއްގައި ގާއިމް ކުރުމަކީ ރައްޔިތުންގެ ހަމަޖެހުމާއި އިޖުތިމާއީ ގުޅުންތަކާއި އިގްތިސާދު ސަލާމަތްކުރުމަށްޓަކައި މިއަދު ކޮންމެހެން ބޭނުން ޖެހިފައިވާ ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި މިހާރު މި ހިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެސް, މިހާރު ގާއިމްކުރެވިފައިވާ ހަތް ޑިވިޝަންގެ ބަދަލުގައި ފަސް ރީޖަން ކަނޑައެޅި, އެރީޖަންތަކަށް ކޮމާންޑަރުން ލެވި, އެކޮމާންޑަރުންނަކީ އިތުރު ބާރާއި, ވަސީލަތްތަކާއި, ހިދުމަތް ދިނުމަށް ފަހިކުރެވިފައިވާ އިސްބޭފުޅުންކަމުގައި ހަމަޖެހިގެންދާނެ،" އިމްރާން ވިދާޅުވިއެވެ.

އެކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ފުލުހުންނަށް ފަސޭހަ ވުމާއި ފުލުހުން ނިންމަން ޖެހޭ ނިންމުންތައް އަވަސްވުން ކަމަށް އިމްރާން ވިދާޅުވިއެވެ.

"މީގެ ހަގީގީ ނަތީޖާއަކަށްވާނީ ފުލުހުންގެ ފަރާތުން ރައްޔިތުން އުއްމީދު ކުރާ ހަގީގީ ހިދުމަތް ރައްޔިތުންނަށް ލިބިގެންދިއުން،" އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް