ތިޔަ ލޯބި އެދިގެން... - 01

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

_______________

"ތިޔަ ލޯބި އެދިގެން ހުންނަން މަލާއޭ، ތިޔައޭ ބުނަންހޭ ހިތު ވިންދަކީ..." ޑްރެސިންޓޭބަލް މަތީގައި ބާއްވާފައި އޮތް ފޯނު ރިންގުވުމާއެކު، އިވެންފެށި ލަވައިގެ އަޑަށް މިންހާ ދުވެލާފައި ގޮސް ފޯނު ނެގިއެވެ. އެއް އަތުގައި ތުވާލި އޮތްއިރު، އޭނާގެ އިސްތަށިގަނޑު އޭރުވެސް އޮތީ ތެތްކޮށެވެ. މޫނުމަތިން ފެނުނު ތާޒާކަމުން ދެންމެ ފެންވަރައިގެން ނުކުތްކަން ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ.

"ހެލޯ.. އަދި ދޯ ތިހޭލެވުނީ... އަހަރެން ހާދަގުޅައިފީމޭ.. މެސެޖުވެސް ކޮއްފިން...'' ފޯނު ނެގުމާއެކު، މިންހާ އެންމެ ފުރަތަމަވެސް ކޮށްލީ ޝަކުވާއެވެ. އެކޮޅުން ވާހަކަ ދެއްކީ ޒުވާން ފިރިހެން ކުއްޖެކެެވެ. އެ ޒުވާނާގެ ލުއި ހުނުމުގެ އަޑު މިންހާގެ ކަންފަތުގައި ޖެެހުމާއެކު، އޭނާއަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ.

"ކިހިނެއްވީ؟ ހާދަ ރުޅިއައީ...؟ އަހަންނަށް މިހާރު މިންނު ހުންނާނެގޮތް އެބަ ސިފަކުރެވޭ..."

"ދެން އާހިލް..." މިންހާ ތުންކޮޅު އޫކޮށްލިއެވެ. އެއާއެކު މާފަށް އެދެމުން އާހިލް ވާހަކަ ދެއްކިއެވެ.

"އަދިކިރިޔާ އޭ އަށެއް އެޖެހީ، އަދިނުވެއެއްނެ ހޭނުލައިގެން އުޅޭވަރެއް، ނޫނީ ނުގުޅައިގެން އުޅޭވަރެއް ވެސް ލަވް... ރޭގަވެސް އެހާ ގިނައިރު އަހަރެން މިންނު އާ ވާހަކަދެއްކިން ވިއްޔާ.'' އާހިލް ވާހަކަ ދައްކަމުންދިޔައިރު، އެ އަޑުން މިންހާއަށް ފާހަގަކުރެވުނީ ލޯތްބާ އޯގާތެރިކަމެވެ. މިންހާގެ ހިތް އާހިލްގެ ކޮންމެ ޖުމްލައަކަށް ލެނބެމުންދިޔައެވެ. އެއީ އޭނާގެ ހިތުގެ ވިންދެވެ. އޭނާ އުފަލާއި ހިތްހަމަޖެހުމެވެ. އެ އަޑު އެތައް އިރަކު އެހުމަށްވެސް އޭނަ ދުވަހަކުވެސް ފޫއްސެއް ނުވާނެއެވެ.

ރަށުގައިވެސް މިންހާއަކީ ފާހަގަކޮށްލެވޭ ރީތި ކުއްޖެކެވެ. އޭނާ ފަހަތުން އުޅޭ ފިރިހެން ކުދިންނެއް މަދެއް ނޫނެވެ. ސްކޫލު އިރުއްސުރެވެސް ރަށުގައި ފާހަގަކޮށްލެވޭ ޒުވާނުންގެ ފަރާތުން އޭނާއަށް ހުށަހެޅުންތައް ލިބުނު ނަމަވެސް، އެއިން އެއްވެސް ޒުވާނަކަށް އޭނާގެ ހިތް ދެވޭގޮތެއް ނުވިއެވެ. މި ވީހާތަނަށް އެކަން ކާމިޔާބު ކުރެވުނު ހަމައެކަނި މީހަކީ އާހިލްއެވެ.

އާހިލް އާއި މިންހާގެ ގުޅުން ފެށުނީ ސޯޝަލް މީޑިއާގެ ޒަރީއާއިންނެވެ. އާހިލްއަށް އޮޅިގެން ފޮނުވުނު އެންމެ މެސެޖަކުން މިގުޅުން މިހާ ހިސާބަށް ހިނގައިދާނެކަމަށް ފަހަރެއްގައިވެސް ދެމީހުންކުރެ އެކަކަށްވެސް އެންމެ ފުރަތަމަ ޤަބޫލެއް ނުކުރެވުނެވެ. އެމެސެޖަށްފަހު ދެމީހުން ފޭސްބުކުން ރައްޓެހިވެ ގުޅުން ކުރިއަށް ގެންދާތާ ހަތަރު އަހަރުވެފައިވާއިރު، މިންހާއަށް ދުވަހަކުވެސް އާހިލް ހަމަލޮލަށް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް އާހިލް އޭނާއަށް ފޮނުވާ ފޮޓޯތަކުން އާހިލްގެ ސޫރަ މިންހާއަށް ފެނި އޭނާ އާހިލް ދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ލޯތްބަށް އެހެންމީހެއްގެ ހިޔަންޏެއް އެޅުމަކީ އޭނަ ދުވަހަކުވެސް އެދޭނެކަމެއް ނޫނެވެ. ގުޅާ ކޮންމެ ފަހަރަކު ދެމީހުންވެސް ދިޔައީ ބުނެލާ ކުދިކުދި ބަސްތަކުން ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯބި ބަޔާންކުރަމުންނެވެ. ދެމީހުން ދުވަހަކުވެސް ވަކިވާން ނޭދޭ ކަމުގައި ބުނަމުންނެވެ. އެތަކެއް އަހުދުތަކަކާއި ވަޢުދުތަކަކާއި އިޤުރާރުތަކަކުން ލޯބީގެ ފޮނިކަން ދެމީހުންވެސް ހޯދަމުންދިޔައެވެ. އެމީހުންގެ ލޯބީގެ މާ ބަޗީޗާގައި އެތައް މާތަކެއް ފޮޅިފައިވެއެވެ. ދުރުގައި އުޅެންޖެހުނު ކަމަށްވިޔަސް މިންހާ އާހިލްއަށް ވަރަށް އިތުބާރުކުރެއެވެ. އެ އިތުބާރަކީ މިއަދާ ހިސާބަށްވެސް އެ ގުޅުމަށް އެއްވެސް ވަރަކަށް ބުރޫނާރާ އެއް ސަބެބެވެ. އެ ގުޅުން އެގޮތުގައި އަބަދަށް އޮތުމަކީ މިންހާގެ ހިތުގެ އެދުމެކެވެ. އޭނާގެ އުންމީދެވެ.

"ބޭބީ... ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ. އެހެންވެ ހޭނުލެވުނީ، ބޭނުމީ އަދިވެސް ނިދާލަން." އާހިލް ބުނެލިއެވެ.

"ބޭސް ކައިގެން އަރާމުކޮށްލާ އެހެންވީމަ." މިންހާ ލޯބިން ބުނެލިއެވެ. އާހިލް ފޯނު ބޭއްވުމުން މިންހާ ތުވާލި ހެދުން އަޅުވާ ސްޓޭންޑްގައި އަޅުވައިލަމުން އައިސް ޑްރެސިންޓޭބަލް ކައިރީގައި ހުއްޓިލިއެވެ. އެ ކޮޓަރިއަކީ މާ ބޮޑު ކޮޓަރިއެއް ނޫނެވެ. އާދައިގެ ކޮޓަރިއެވެ. އެނދަކާއި ޑްރެސިންޓޭބަލްއަކާއި ހެދުން އަޅުވާ ސްޓޭންޑަކާއި، މޭޒަކާ ގޮނޑިއެއްގެ އިތުރުން އެހެން ފަރުނީޗަރެއް އެތަނުގައި ނެެތެވެ. އެނބުރި އައި މިންހާ ލޯގަނޑު ކުރިމައްޗަށް ހުއްޓިލުމާއެކު، އިސްތަށިގަނޑުގައި ފުނާއަޅަން ފެށިއެވެ. އުމުރުން ސައްވީސް އަހަރުގެ މިންހާއަށް ލިބިފައިވަނީ މެދުމިނުގެ އިސްކޮޅަކާއި އަލި ހަންގަނޑެވެ. އޭނާގެ ކޮޕާ ބްލޮންޑް ކުލަ ޖައްސާފައިވާ ފަން އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ޒުވާންކަމަށް އިތުރު ރީތިކަމެއް ގެނެސްދީފައިވެއެވެ. ހަމައެއާއެކު ކަޅުކަން ގަދަ ކަޅި ހިމެނޭ އެ ބޮޑު ދެލޮލަށް ދިރުން ގެނެސްދީފައިވަނީ އޭނާގެ ދެލޮލަށް ހިޔާއެޅުމުގައި ކާމިޔާބު ހޯދާފައިވާ ދިގު އެސްފިތަކުންނެވެ. އޭނާގެ ހިތިފަތުބުމައާއި، ގުދުރަތީ ގޮތުން މަޑު ފިޔާތޮށި ކުލައެއް ލިބިފައިވާ ތުންފަތުގެ ސަބަބުން ވެސް އެ ރީތިކަން އިތުރުކޮށްދެއެވެ.

އާދައިގެ ޓޮޕަކާއި ޖީންސްއެއް ލަމުން އޭނާ ކޮޓަރިން ނުކުތެވެ. އޭރު ސިޓިންރޫމުގައި ހުރި ސަރަންފީ ގޮނޑިއެއްގައި އޭނާގެ ބައްޕަ ހަނީފް ޚަތިމެއް ހިފައިގެން ޤުރުއާން ކިޔަވައިލަން އިނެވެ. މިންހާ ފެނުމާއެކު ހަނީފް ހިނިތުންވެލިއެވެ.

"ދަރިފުޅާ ހޭލެވުނީތަ؟" އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާ ހަނީފަކީ އެ ރަށު މިސްކިތުގެ މުދިމެވެ. މިންހާގެ އުމުރުން އެންމެ ހަތަރު އަހަރުގައި މިންހާގެ މަންމަ ހިދާޔަތު މި ދުނިޔެ ދޫކުރުމާއެކު، ދަރިފުޅުގެ ހުރިހާކަމެއްގެ ޒިންމާ ނެގީ ހަނީފްއެވެ. އޭނާ އިތުރު ކައިވެންޏެއް ނުކުރީ މިންހާއަށް ދޮންމަންމައެއް ހޯދައިދޭން ބޭނުންނުވާތީއެވެ. މިންހާ ބެލުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އޭނާގެ އެއްބަނޑު އެއްބަފާގައި ހުރި ހަމައެކަނި ކޮއްކޮ ކަމުގައިވާ ޒުބައިދާގެ ފަރާތުންނެވެ. ޒުބައިދާވެސް މީހަކާ އިނދެގެން ތިން ކުދިން ތިބިއިރު އޭނާ އުޅެނީ ވަކިންނެވެ. އެހެންނަމަވެސް މިހާރުވެސް ދިމާވާ ކޮންމެ ކަމެއްގައި ޒުބައިދާ އެ ދެމީހުންނަށް އަޅައިލައެވެ. އެހީތެރިވެދެއެވެ.

"ރޮށި ފިހަން ފުށްވެސް ހުސްވެފަހުރީ. އަންނާނަން އިނގޭ ފިހާރައަށް ގޮސް އެއްޗެހި ގަނެގެން. ބޭކެޑް ބީންސްއާ ރޮއްޓާ މިއަދު ހަދާނީ..." މިންހާ ބުނެލިއެވެ. ހަނީފް ބޯ ޖަހައިލިއެވެ. މިންހާ ފިހާރައަށް ދިޔުމުގެ ކުރިން ގޭގެ ގޯތިފަރާތަށް އަވަސް ނަޒަރެއް ދިނެވެ.

ގޭގެ ގޯއްޗަކީ ބޮޑު ގޯއްޗެކެވެ. ގޯތީގެ އެއްފަޅީފައި ގެ އަޅާފައި ދެން އޮތް ޖާގައިގައި ބަނބުކެޔޮލާ ރުކުގެ އިތުރުން އަނބާ ހިޔާ ދޭ ބޮޑެތި ގަސްތައް ހައްދާފައިވެއެވެ. އެ ދިމާލުގައި ގެއާ ވަކިން އިތުރު ދެ ކޮޓަރި ރާނާފައިވެއެވެ. ދެ ކޮޓަރިއާ ދިމާލުން ހިޔާކޮށްފައިވާ ދިމާ ފެންޑާގައި ސޯފާ ސެޓެއް ބަހައްޓާފައިވެއެވެ. އެއީ ކުއްޔަށް ދީގެން އިތުރު އާމްދަނީ ހޯދުމަށްޓަކައި ހަނީފް ކުރިކަމެކެވެ. އެފަރާތަށް ނުކުމެވެން ހުންނަ ދޮރު ކައިރިއަށް ހުއްޓޭއިރު އެފަރާތް ރީތިކޮށް ފެނެއެވެ. އަދި އެގެއާ އިންވެގެން ޖެހިގެން ހުރި ގޭގެ ގޯތި ތެރެވެސް ފެންނަން އޮންނަނީ ދެ ގޯތި ވަކިކުރަން ވަށާފާރު އެދިމާލުގައި ނުރާނާ ވާތީއެވެ.

ގެއިން ނުުކުމެގެން މިންހާގެ މިސްރާބުހުރީ ރަށުގައި މަޝްހޫރު ފިހާރައެއްކަމުގައިވާ ހާޝިމްބެ ފިހާރަ ދޮށަށް ދާށެވެ. އެ ފިހާރަ ހުންނަނީ އެގެއާ އިންވެގެން ހުރި ދެގެއާ، އެއްމަގު ދޫކޮށްފައެވެ. އޭނާ ފިހާރައަށް ވަތްއިރު ނަސީބަކުން މާގިނަ މީހުންނެއް ފިހާރައަކު ނެތެވެ. ބޭނުންވާ އެއްޗެހި ގަނެގެން ލާރި ދައްކާފައި، އެ އެއްޗެހި ހިފައިގެން ގޮސް މިންހާ ކައްކާ ބަޔަށް ވަނެވެ. ބަދިއާ ކައްކާބައި ހުންނަނީ ގޭތެރެއިން ގޯތިތެރެއަށް ނުކުންނަ ދޮރުގެ އެއްފަރާތުގައެވެ. ކައްކާ ބަޔާއި ކާ ބައި ވަކިކޮށްލާފައިވަނީ ކުޑަ ފާރަކުންނެވެ. އޭނަ އެއަށްފަހު ކުޑަ ދޮރުތައް ހުޅުވައިލިއެވެ. އެއާއެކު ރީތިކޮށް އޭނާއަށް ގޭގެ ގޯތިތެރެ ފެންނަން ފެށިއެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި ޖެހިގެން ހުރި ގޭ ގޯތި ކުނި ކަހަން އޮތް ޒުވާން އަންހެން ކުއްޖާ އަޅައިގަތެވެ. އެއާއެކު އެއްޗެހި ބަހައްޓާފައި އޭނާ ގެއިން ނުކުމެގެން އެ ދިމާލަށް މިސްރާބުޖެހިއެވެ.

"އޭތް ލީން..." މިންހާ ގޮވައިލުމާއެކު އެ އަންހެން ކުއްޖާ ކުނިކަހަން އޮވެފައި ތެދުވެލިއެވެ. އަދި އުނަގަނޑުގައި އަތް ވިއްދައިލިއެވެ.

"މިންނު..." ޔޫލިން އަކީ މިންހާގެ އެންމެ ގާތް އެކުވެރިއާއެވެ. ޕްރީ ސްކޫލުން ފެށިގެން މިއަދާ ޖެހެންދެން ވެސް އެންމެ ފުރަތަަމަ ދުވަހެކޭ އެއްގޮތަށް އެ ގުޅުން ވަރުގަދައެވެ. އެ ދެމެދުގައި ހުރިހާ ސިއްރެއްވެސް ހިއްސާކުރެވެއެވެ. އެކަކު އަނެކަކަށް އެހާމެ އިތުބާރުކުރެއެވެ.

"ކޯންޗެއްތަ ކައްކަނީ؟ އަހަރެން ދާނަން ސައިބޯން. މަށަށާ ލައިގެން ތިހަދާ އެއްޗެއް ހަދާތި..." ޔޫލިން ބުނެލިއެވެ.

"ހަހަ. އާނ އަންނާތި. އޭތް މިވަގުތު ގޮސްލީ. އަދި އެއްކަމެއްވެސް ނުކުރަން. ބައްޕައަށް ވެސް ސައިދޭން ޖެހޭނެ." މިންހާ ބުނެލިއެވެ. އެއަށްފަހު އޭނަ ޔޫލިންއަށް ހިނިތުންވުމެއް ދީފައި އެތަނުން ދިޔުމަށް ހިނގައިގަތުމާއެކު، ޔޫލިންވެސް އަވަސްވެގަތީ އޭނަގެ މަސައްކަތް ކުރުމަށެވެ.

މިންހާ ގޮސް ބަދިގެއަށް ވަނުމަށްފަހު، އެންމެ ފުރަތަމަ ބައްޕައަށް ސައި ތައްޓެއް ހަދައިދީގެން ބިސްކޯދާއެކު އެ އެއްޗެހި ގެންގޮސް ބައްޕަގެ އެއްފަރާތުގައި ހުރި ގޮނޑީގައި ބެހެއްޓީ ހެދުނު ހޭލައިގެން ބައްޕަ އެއްވެސް އެއްޗެއް ނުކައި އިނީތީއެވެ. އެއަށްފަހު އަނބުރާ ބަދިގެއަށް އައިސް އޭނާ ފުށްމޮޑެ ރޮށި ފިހުނެވެ. އަދި ބޭކްޑް ބީންސް ހެދިއެވެ. ހަދާ ނިންމައިލާފައި އޭނާ ބައްޕައަށް ގޮވުމުން ބައްޕަ ބުނީ އަދި ސައިބޯނީ ތަންކޮޅެއް ފަހުންކަމުގައެވެ. ތަށިތައް ހިފައިގެން އައިސް ސިންކަށް ލީތަނާ އޭނައަށް ގޮވަމުން ޔޫލިން އައިސް ބަދިގޭގެ ކުޑަދޮރުގައި ކުޑަކޮށް އިށީނދެލިއެވެ.

"އޭތް. ތީގެ ވަހަށް މަ މިއައީ... ހާދަ ހައޭ." ޔޫލިން ނޭފަތް އެތެރެއަށް ދަމައިލިއެވެ. ޔޫލިންއާއި މިންހާއާ ބަލާބެލުމަށް އިސްކޮޅުން ހަމަހަމަކަމަށް ވިޔަސް، މިންހާއާ ޚިލާފަށް ޔޫލިންއަށް ލިބިފައިވަނީ ރާއްޖޭގެ ގިނަ ކުދިންނެކޭ އެއްގޮތަށް އޮޅަލި ކުލައިގެ ހަންގަނޑަކާއި ގަދަ މުށިކުލައިގެ ކަޅިއެކެވެ. އޭނާ ޖަހާފައިހުރި ހުޅިގަނޑު ދޫވެފައިހުރުމުން އެ ރަބަރބޭންޑް ނައްޓައިލާ އަލުން އެ ބުޅި އިސްތަށިގަނޑު ގެންގޮސް ފަހަތަށް ހައްޔަރުކޮށްލިއެވެ.

"މަންމަ ކާއެއްޗެއް ނުހަދަނީތަ މިއަދު؟" މިންހާ ޔޫލިންއަށް ޖެއްސުން ކޮށްލިއެވެ.

"ދެން ތިބުނީ މަންމަ އެއްޗެއް ނުހަދައިގެންނޭތަ އަހަރެން ހަމައެކަނި މިންނު ކައިރިއަށް އަންނާނީ. ހެވޭ އަހަރެން ގޮސްފާނަން." ޔޫލިން އެހެން ކިޔާ ދެބުމަ ގޮށްޖަހާލާފައި ފަހަތަށް އެނބުރިލުމާއެކު، މިންހާ ޔޫލިންއަށް ގޮވައިލިއެވެ.

އޭތް... ޑްރާމާ ކުއީން. ޑްރާމާ ނުކުޅެ އަންނަންވީ!" މިންހާ އެހެން ބުނެލުމާއެކު، ޔޫލިން ފަހަތަށް އެނބުރިލިއެވެ. އޭރު އޭނަ ހުރީ ބައްތިރީސް ދަތްފެންނަ ވަރަށް ހެވި ދިލިފައެވެ.

"ޖެއްސުންވެސް ކުރަން ދަންނަ އަންހެނެއް ހުވާ..." ދެފަރާތަށް ބޯ ހޫރާލަމުން މިންހާ އެހެން ބުނެލިއެވެ. ޔޫލިން އައިސް ބަދިގެއަށް ވަނދެފައި މޭޒުމައްޗަށް އެއްޗެހި އަރުވަން މިންހާއަށް އެހީތެރިވެދޭން ފެށިއެވެ.

"ރޭގަ އަހަރެން ގުޅީމަ އެހާ އަވަހަށް ފޯނު ބޭއްވީ އެ އާހިލްއަށް ގުޅައިގެން އޮތީމަ ދޯ." މޭޒު މައްޗަށް ރޮށިތަށި އަރުވަމުން ޔޫލިން ބުނެލިއެވެ. އެއަށްފަހު އޭނާ ފާރުން އަނެއްފަރާތަށް ބޯ ދިއްކޮށްލާ މިންހާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.

"އޭތް... މާގިނަ ވާހަކަ ނުދައްކާ މި ވެސް މޭޒުމައްޗަށް ލާބަލަ!" ތަށިތައް ޔޫލިން އަތަށް ދެމުން މިންހާ ބުނެލިއެވެ.

"ނުބުންޏަސް މަށަށް އެނގެޔޭ..." ޔޫލިން ބުނެލިއެވެ.

"ދެން ލީންވެސް މީހަކު ހޯދަބަލަ ގުޅައިގެން އޮންނަން... އޭރުން ނުޖެހޭނެއެއްނު ބިޓެއް ނުވެފަ މަށަށް ގުޅާކަށް..." މިންހާ ހީގަތެވެ. ސަކަރާތްޖަހަމުން ދެ އެކުވެރިން އެ މަސައްކަތްކޮށް ނިންމައިލިއެވެ. އެއަށްފަހު ދެމީހުން ސައިބޯން ވެގެން އައިސް މޭޒު ދޮށުގައި އިށީނދެލިއެވެ.

"ދެން ބުނެބަލަ، ތި ދެމީހުންގެ ގުޅުން ހަމަ ކުރިއަށް ދޯ ދަނީ... ބައެއް ފަހަރު މަ ހައިރާން ވޭ އޭނައާއެކު މިހާ ގިނަ ދުވަސް މިންނުއަށް އުޅެވުނީމަވެސް. އައި މީން ލޯންގް ޑިސްޓެންސް ރިލޭޝަންއެއްގަ މި ޒަމާނުގަ ކުދިންނަކަށް ނޫޅެވޭނެ. އުހުން. ހަމަ ގައިމުވެސް މަށަކަށް ނޫޅެވޭނެ." ޔޫލިން ބުނެލިއެވެ.

"ތި ދައްކަނީ ލީންގެ ވާހަކައެއްނު. އެހެންނޫނަސް، ލޯބި ވެވުނީމަ އުޅެވޭނެ..." މިންހާ ބުނެލިއެވެ.

"ހެހެ... ހޫން ހެވޭ ދެން. އެކަމަކު އަހަރެން ސީރިއަސްކޮށް އެއްޗެއް ބުނަންތަ؟" ޔޫލިން އަޑަށް ސީރިއަސްކަން ވެރިކޮށްލަމުން ބުނެލިއެވެ. އެއާއެކު މިންހާ ބޯ ޖަހައިލިއެވެ.

"އެގޮތަށް ނުފެންނަ މީހަކާ ކިތަންމެ ގާތްކޮށް ވާހަކަ ދެއްކިޔަސް އޭނަގެ ހަޤީގަތެއް ނޭނގޭނެ އިނގޭ... އައި މީން ކާކު މި ޒަމާނުގަ ލޯންގް ރިލޭޝަންޝިޕްއެއްގަ އެހާ ދުވަހު އުޅޭނީ... އެއްފަހަރުވެސް ނުފެނި. އެނގިއްޖެދޯ މި ބުނި އެއްޗެއް؟" ޔޫލިން ބުނެލިއެވެ.

"އެނގިއްޖޭ ލީން. އެކަމަކު ޓްރަސްޓް މީ. އަހަރެމެން ދެމީހުން ހަމަ ވަރަށް ހެޕީކޮށޭ މިއުޅެނީ..." މިންހާ ބުނެލިއެވެ.

"ދެން ބުނެބަލަ! ތި ދެމީހުން އެއްވަރަކަށްވެސް މެރީ ކުރާ ވާހަކަ ދައްކަންތަ؟" ޔޫލިން އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

"އަހަރެން ވެސް އަދި އެހާ އެހާ ބޭނުމެއް ނޫނޭ މެރީކުރާކަށް... ޕްލަސް އާހިލްވެސް ރެޑީ އެއް ނޫން. ދެފަރާތުން ރެޑީވެގެން ދޯ އެވަރުކަމެއް ކުރެވޭނީ..." މިންހާ ބުނެލިއެވެ.

"އޭނައަށް މިންނު ތިހާ އިތުބާރުކުރާއިރު އޭނަ މިންނު ދޫކޮށްނުލާނެތަ؟ މި ބުނީ މިހާ ދުވަސްވީއިރު އޭނަ ވެސް އިސްވެ ކައިވެނީގެ ވާހަކަ ދުވަހަކުވެސް މިންނު ކައިރީގައި ނުދައްކާތީ... އަހަރެން އަބަދުވެސް މިންނުއަށް ހެޔޮ އެދޭތީ!" ޔޫލިން ރޮށިކޮޅެއް އަނގަޔަށް ލަމުން ވާހަކަ ދެއްކިއެވެ.

(ނުނިމޭ)

ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތި ދެއްވާ ސަޕޯޓްއަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު