މަސް ފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު މަރުވެއްޖެ

އދ. އޮމަދޫ --- ފޮޓޯ/ މޯލްޑިވްސް ފޮޓޯގްރަފާ

އދ. އޮމަދޫގައި މަސް ފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު މަރުވެއްޖެއެވެ.

އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް "ސަން"އަށް ވިދާޅުވީ އެ ކުޑަކުއްޖާ ފެނުނީ މިއަދު މެންދުރުފަހު 2:00 ހާއިރު އެ ރަށު ޖަނަވަރީގޭގައި ހަދައިފައި ހުންނަ މަސްފެންގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮއްވާ ކަމަށެވެ.

"ސިއްހީ މަރުކަޒުން ބުނަނީ ގެނައި އިރު ވެސް ފުރާނަ ނެތް ކަމަށް. އެކަމަކު ދެ ގަޑިއިރު ވަންދެން އެމީހުން މަސައްކަތް ކުރި ސަލާމަތް ކުރެވޭތޯ،" ސިއްހީ މަރުކަޒާ ހަވާލާދީ އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވި ގޮތުގައި އެ ކުއްޖާ މަސްފެންގަނޑުން ފެނުނީ ވެއްޓުނުތާ ކިހާއިރެެއް ފަހުންކަން ވެސް އަދި ނޭނގެއެވެ.

އާދިލް ވިދާޅުވީ އެ މަސްފެންނޑުގެ ދިގުމިނުގައި ހުންނާނީ ގާތްގަނޑަކަށް ތިން، ހަތަރު ފޫޓެއް ކަމަށެވެ. އަދި ފުންމިނުގައި ހުންނާނީ ފޫޓެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ ކުއްޖާގެ ބައްޕަގެ އަތްދަނޑިމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ މާޗު މަހު ރ. އުނގޫފާރުގައި ވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައިފައެވެ. އެ ފަހަރު މަސްފެންގަނޑަކަށް ވެއްޓުނީ އެއް އަހަރާ ހަތަރު މަހުގެ ކުއްޖެކެވެ. އެ ކުއްޖާގެ ހާލު ދެރަވެ އައިސީޔޫގައި ވެސް ފަރުވާ ދީފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް