ކެލިފޯނިއާއިން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާ މީހުންނަށް ފައިސާ ދެނީ

ކެލިފޯނިއާ --- ފޮޓޯ/ ގޫގަލް

ކެލިފޯނިއާ (އޯގަސްޓް 27): މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާނަމަ ފައިސާ ދޭން އެމެރިކާގެ ސްޓޭޓްއެއްކަމަށްވާ ކެލިފޯނިއާއިން ނިންމައިފިއެވެ.

ކެލިފޯނިއާއިން ވަނީ މީގެ އަހަރުތަކެއް ކުރިން އަސްކަރީ ދާއިރާގެ ވެޓަރެންސް ފަރާތްތަކުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާނަމަ ފައިސާ ދޭނެކަމަށްވެސް ބުނެފައެވެ. އަދި އެއީ މީހުން މަސްތުވަތަކެތި ބޭނުންކުރުން ހުއްޓުވަން އޮތް އެންމެ ކާމިޔާބު ގޮތްކަމުގައި ކެލިފޯނިއާގެ އިސް އޮފިޝަލުން ބުނެއެވެ.

އެހެންނަމަވެސް އެގޮތަށް މީހުންނަށް ފައިސާ ލިބޭނީ ކަނޑައަޅާފައިވާ ވަކި މުއްދަތެއްގެ ތެރޭގައި ކުރާ ކޮންމެ ޓެސްޓަކުން ނެގެޓިވްވުމުންނެވެ. އަދި ފައިސާ ލިބޭނީ ކަނޑައަޅާފައިވާ ވަކި މިންވަރަކަށެވެ. ކަނޑައަޅާ މުއްދަތު ތެރޭގައި ޓެސްޓު ކުރާ ހުރިހާ ޓެސްޓެއް ނެގެޓިވް ވެއްޖެނަމަ އެ މުއްދަތު ހަމަވުމުން 100 ޑޮލަރު ލިބޭނެއެވެ. ކެލިފޯނިއާގެ އޮފިޝަލުން މި އުކުޅަށް ކިޔަނީ "ކޮންޓިންޖެންސީ މެނޭޖްމެންޓް"އެވެ.

އެކަމަށް ހަރަދު ކުރާނެ ވަރެއް އެނގޭނީ އެކަމުގައި ބައިވެރިވާ މީހުންގެ އަދަދު އިނގުނީމަކަމަށްވެސް އެ އޮފިޝަލުން ބުނެއެވެ. އެގޮތުން 1،000 މީހުން ބައިވެރިވާނަމަ ގާތްގަނޑަކަށް 286،000 ޑޮލަރުގެ ހަރަދެއްވެސް ހިނގައިދާނެކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް