މީހެއްގެ ގައިގައި ސައިފު އަލީ ހާން ތަޅައިގަތް މައްސަލަ ބަލަން ފަށައިފި

މުމްބާއީގައި ހުންނަ ތާޖު ހޮޓެލްގެ ރެސްޓޯރެންޓެއްގެ ތެރޭގައި ސައިފް އަލީ ހާން ވިޔަފާރިވެރިއެއްގެ ކަންކަށިމަތީގައި ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި މި މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ ސައިފް ހައްޔަރުކޮށްފަ އެވެ. ނަމަވެސް ގަޑިއިރެއްފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

މިމާރާމާރީ ހިނގީ ސައިފް އޭނާގެ ލޯބިވެރިޔާ ކަރީނާ ކަޕޫރާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެ ދެތަރިންގެ ބައެއް ރަހުމަތްތެރިންނާ އެކު ތާޖު ހޮޓެލްގެ ރެސްޓޯރެންޓެއްގައި ރޭގަނޑު ކާންތިއްބާ އެ މޭޒާ ޖެހިގެން ކަހަލަ ގޮތަކަށް އިން އެހެން މޭޒެއްގައި ތިބި ބަޔަކާ ދެމެދު ހިނގި ޒުވާބެއް ހޫނުވެގެން ގޮސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެގޮތުން ސައިފްމެން ތިބި މޭޒާ ވަރަށް ކައިރީގައި އާއިލާއާ އެކު ކާން އިން އިގްބާލް ސަރުމާ ނަމަކަށް ކިޔާ އެ ވިޔަފާރިވެރިޔާ ސައިފްމެން އަޑުގަދަ ކުރަމުންދާތީ އެކަމާ ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރުމުން އެކަންތައް ވަނީ ޒުވާބަކަށް ބަދަލުވެފަ އެވެ. އަދި އެ ޒުވާބުގަނޑު ނިމިގެންދިޔައީ ސައިފް އެމީހާ މޫނުމަތީގައި ޖެހި ހިސާބުން ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ. މަޑުމަތިތިރިކަން ބޭނުންވާނަމަ ލައިބްރަރީއަކަށް ދިއުމަށް އެމީހާގެ ކައިރިން ސައިފް އެދުނު ކަމަށް ވެސް ބުނެފައިވެ އެވެ.

މި މާރާމާރީގެ ސަބަބުން އެމީހަށް ލިބުނު އަނިޔާއަށް ފަރުވާދީފައިވާއިރު އެމީހާގެ ނޭފަތު ކަށިގަނޑުގައި ރެދެއްލާފައިވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މުމްބާއީގެ ފައިވް ސްޓާ ހޮޓަލެއްގެ ތެރެއިން ސައިފް މީހެއްގެ މޫނުމަތީގައި ޖެހި މައްސަލައެއް ފެންމަތިވެގެން އައިސްފައި މިވަނީ "އަގްނީޕަތް" އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދާދިފަހުން މުމްބާއީގައި ސަންޖޭދަތް ބޭއްވި ޕާޓީއެއްގެ ތެރެއިން ސާހުރުކްހާން ފިލްމް ޑިރެކްޓާ ފަރާ ހާންގެ ފިރިމީހާގެ މޫނުމަތީގައި ޖަހާފައިވަނިކޮށެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު