ލޮލަށް ނުފެނުނަސް، އުޅޭއުޅުމުގައި ލޯ އަނދިރި މީހެއް ނޫން

ބަޔަކު މަސައްކަތެއް ކުރާއިރު އެތަނުގައި ހަމީދު އިށީންދެލައިގެން -- ފޮޓޯ/އަލީ ފަސީހް

އެއީ މީގެ 56 އަހަރު ކުރިއެވެ. އެ ޒަމާނަކީ މާލޫދަށް މީހުން ދަތުރުވަރިތަކުގައި މާލެއަށް އައިސް އުޅުނު ދުވަސްވަރެކެވެ. ހއ. ހޯރަފުއްޓަށް ނިސްބަތްވާ އަބްދުލްހަމީދު ހުސައިނަކީ އެގޮތަށް މާލެ އައިސް އުޅުނު މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ހަމީދު މާލެ އައިސް ގިނަ ދުވަސްތަކަކު ދޯނީގައި މަޑު ކުރުމަށްފަހު އެެއް ދުވަހަކު ރައްޓެއްސަކު ބުނެގެން "ތިންގަނޑުމި" ކިޔާ ދޯންޏެއްގެ ކައިރީގައި ގޮސް މަޑުކޮށްލައިގެން ވާހަކަ ދައްކައިލަން ހުއްޓެވެ.

"އެ ދޯނި އޮތް ވާޓަރު ކައިރީގައި. ދެން އޭގެ އިންޖީނު ކޮންމެވެސް މަސައްކަތެއް ކުރަން ވެގެން އޮތީ. ދެން އެތަނަށް ފައިބާފަ އަޅުގަނޑު ހުރީ އެތަނުގައި," ހަމީދު އޭރުގެ ހަނދާންތައް އައު ކުރަމުން "ސަން"އާ ހިއްސާ ކުރިއެވެ.

އެތަނުގައި މަޑުކޮށްލުމަށްފަހު އެތަނުން މަސައްކަތް ނިންމާލުމަށްފަހު މީހުންތައް ދިއުމުން އޭނާ މަޑުކުރީ އޭރުގެ ކަސްޓަމު ކައިރީގައެވެ. އެތަނުގައި އޭނާއާއި އޭނާގެ ރަށު ރައްޓެއްސަކާ ދެމީހުން ތިބުމަށްފަހު ދިޔައީ "ގަސްދޮށު މިސްކިތަށް" މެންދުރު ނަމާދަށެވެ.

ނަމާދުން ފޭބުމަށްފަހު އޭނާގެ ރަހުމަތްތެރިޔާއާއެކު ހަމީދު ދިޔައީ މެންދުރުގެ ކެއުމަށް އިންސާފު ކުރާށެވެ. އެތަނުގައި އޭރު ހުންނަ ބޮޑު ގަޑިއެއްގެ ކައިރިން ލައިފައި އެމީހުން ދިޔައީ އޭރުގެ "ތިން ވަތްގަނޑު" ގުދަން ކައިރިންނެވެ. އެ ގުދަނަކީ ސަރުކާރުން އޭރުގައި ކާޑުގެ ބާވަތްތައް ބަހައްޓާ ގުދަނެކެވެ.

ހަމީދު ކިޔައިދިން ގޮތުގައި އެ ގުދަނުގެ ކުރިމަތީގައި އޭރު ބައު ދަގަނޑުތަކެއް ބަހައްޓައިފައި ހުއްޓެވެ.

"އެތަނުގައި މިހެން ބަލަހައްޓައިގެން ހުއްޓާ އެތަނުން ދަގަނޑު ބުރިއެއް ކުއްލިއަކަށް ބޫންބޫން ކިޔާފަ އެނބުރެން ފަށައިފި. އެނބުރެން ފެށީމަ ހިތަށް އެރީ މިއީ އަނެއްކާ ކޮން ކަމެއް ބާވައޭ ޖާދޫއެއް ބާވައޭ," ހަމީދު އެ ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ.

މާ ގިނައިރުތަކެއް ނުވެ ކުއްލިއަކަށް ފެނުނީ ދަގަނޑުގަނޑު ވިއްސައިގެން މާ ދުރަށް ދިޔަ ތަނެވެ. އަދި އެތަނުގެ ކައިރިން ކުއްލިއަކަށް އެއްޗެއް ގޮވައި ހަމީދު ވެސް މާ ދުރަށް ވިއްސައިގެން ގޮސް ގަހެއްގެ ބުޑަށް ޖެހުނެވެ. އެ ވަގުތު ވީނުވީއެއްް ވެސް ހަމީދުއަކަށް ނޭނގުނެވެ.

"އަލިފާން ރޯވެފަ އޮތް މީހާ ވަށައިގެން، ދެން ހަމަ ވާނުވާއެއް ނޭނގެ، ތަނެއް ދޮރެއް ނުފެނޭ. ކަންފަތަށް އިވޭ ސިފައިން ބަރުގަނު އަޅާފައި ނުކުންނަ އަޑު، ލޮލަކަށް ނުފެނޭ," ހަމީދު ކިޔައިދިނެވެ.

ސިފައިން ވަގުތުން އައިސް ވެހިކަލަށް އަރުވައިގެން ހަމީދު ހޮސްޕިޓަލަށް ގެންްދިޔައެވެ. އޭރު ހަމީދު އޮތީ ވަރަށް ބޮޑަށް ފިހިފައެވެ. އަދި އޭނާގެ ދެލޯ ވެސް އޮތީ ފިހިގެން "ނުކުމެފައި" ކަމުގައި އެ ހާދިސާ ސިފަކޮށްދެމުން އޭނާ ކިޔައިދިނެވެ.

އެ ހާދިސާގައި ހަމީދު ނޫނަސް އަދިވެސް އެހެން ބައެއް މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވިއެވެ.

އެއީ ހަމީދުގެ ލޮލުގެ ފެނުން ގެއްލުނު ހާދިސާ ހިނގައިދިޔަ ގޮތެވެ. މާލޭގެ ބަނދަރުގައި "އެމޯނިއަމް" ނަމަކަށް ކިޔާ ވައްތަރެއްގެ ގޭސްފުޅިއެއް ގޮވައި އޭގެ އަސަރު ހަމީދުގެ ލޮލަށް ކުރީއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ވަރަށް ބޮޑަށް ފިހިފައެެވެ.

އެ ދުވަސްވަރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އިބްރާހިމް ނާސިރެވެ. އެމަނިކުފާނުގެ ހެޔޮފުޅުކަމުގެ ސަބަބުން ހަމީދު ފަރުވާއަށް ސްރީލަންކާއަށް ފޮނުވިއެވެ. ސްރީލަންކާގައި ލޮލަށް ބޭސް ކުރަން ހަމީދު ދެ އަހަރާއި ނުވަ މަސް ދުވަސް ވަންދެން މަޑު ކުރިއެވެ. އެހެން ނަމަވެސް ހަމީދުގެ ލޮލަށް ފެނުމުގެ ނަސީބެއް ނުލިބުނެވެ.

ހަމީދު މާލެއަށް އަންނަން ޖެހުނީ ނާސިރުގެ ވެރިކަން ބަދަލުވުމުންނެވެ. އެ ދުވަސްވަރު ނުކުޅެދޭ މީހުންގެ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ދެނީ މީހަކަށް މަހަކު 20 ރުފިޔާއެވެ.

ލޮލުގެ ފެނުން ގެއްލިފައިވީ ނަމަވެސް ހަމީދުއަކީ ވަރަށް ތަފާތު މީހެކެވެ. ހުނަރުވެރި، މަސަައްކަތްތެރި ހީވާގި މީހެކެވެ. ލޯ އަނދިރި މީހަކަށްވެ، އުމުރުން އެންމެ ނުވަ އަހަރުގައި ނުކުޅެދޭ މީހަކަށް އޭނާ ވި ނަމަވެސް ކުޅެދޭ މީހަކަށް ވެސް މަސައްކަތް ކުރެވޭނީ އޭނާ ކުރާ ވަރަށެވެ.

ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އޭނާ މިހާރު ވެސް މަހަށް ގޮސް ހަދައެވެ. އޭނާ ކާންބޯން އެންމެ ކުރީންސުރެ ވެސް އަދި މިހާރު ވެސް ކޮށް އުޅުނު މަސައްކަތަކީ މަސްވެރިކަމެވެ.

ސައީދު ލޮލުގެ ފެނުމުން މަހުރޫމްވީ އުމުރުން 11 އަހަރުގައި -- ފޮޓޯ/ އަލީ ފަސީހް

"ކުއްޖެއްގެ އެހީގައި ގިނަ ފަހަރަށް ދަނީ އޮޑިއަށް. ދެން އޮޑިއަށް އެރުމަށްފަހު ގިނަ ފަހަރަށް އޮޑީގައި ނޯއްވޭ ދަތިވާ އެއްވެސް ކަމެއް. ދެން ހަމަ ޖެހޭ ކޮންމެ ކަމެއްް ވެސް އޮޑިމަތީގައި ކުރެވޭނެ،"

އޮޑި މަހަށް ފުރުމަށް ރަށުގައި ކުރާ މަސައްކަތްތަކުގައި ވެސް ހަމީދުއަކީ ފަރިތަ މީހެކެވެ. އޭނާއަށް ކުރަން ނޭނގޭ މަަސައްކަތެއް މަސްވެރިކަމުގައެއް ނޯންނާނެއެވެ. ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އޭނާއަށް ހިތުގެ އަލިކަން ވާ ކަމުގައި ހަމީދު ކިޔައިދިނެވެ.

މަހަށް ގޮސްފައި ހަމީދު ހަމައެކަނި ކުރަނީ އޮޑިމަތީގައި ކުރަން ޖެހޭ މަސައްކަތެއް ނޫނެވެ. އެންދަމަން ދާ ފަހަރުތަކުގައި އޭނާ އެންދަމަން ވެސް ބައެއް ފަހަރަށް ފައިބައެވެ.

"އެންދަމަން އެން ހަލަށް ވެސް ފައިބަން. އެން ހަަލަށް ފައިބާއިރު ފައިބާނީ ތިން ހަތަރު މީހުން. ހަމީދާ ހިއްލާށޭ ބުނީމަ އަޅުގަނޑު ހިއްލާނީ، ދެން "އާނ"އޭ ކިޔާ ހަޅޭއް ލަވައިގަތީމަ އަޅުގަނޑު ދެން ބާރަށް ދަމަނީ" ހަމީދު އޭނާ މަހަށް ގޮސް އުޅުމުގައި މަސައްކަތް ކުރާ ގޮތް ހިއްސާ ކުރިއެވެ.

ހަމީދު(ކ) މީހަކާއެކު މަސައްކަތެއް ކުރަނީ

މަސްވެރިކަމުގެ ކުރިން އޭނާ ކާންބޯން އެހެން މަސައްކަތެއް ވެސް ކުރިއެވެ. ކުރީ ޒަމާނުގައި ދިވެހީން ގޯތިގެދޮރު ހަދައިގެން އުޅުނީ ތެޅިި ގަލުންނެވެ. އެހެންކަމުން އެ ދުވަސްވަރު ހަމީދު ކުރި މަސައްކަތަކީ ފަރުމައްޗަށް ގޮސް ގާ ތެޅުމެވެ.

"ގާ ނަގައިގެން މީހުނަށް ގެނެސްދީ ގައު ތަޅައިދީ ހަދައިގެން އޭރު އުޅުނީ. މިހާރު ވެސް އޭރު ވެސް އަޅުގަނޑު ކައިބޮއެ އުޅެނީ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން،"

ހޯރަފުށިން ވާހަކަދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި ހަމީދު ރަށުގައި ހިނގައިފައި އުޅޭނީ ވެސް އެކަންޏެވެ. އަދި ދުރުން ބަލާ މީހަކަށް އޭނާގެ ހަރަކާތްތައް ހުންނަ ގޮތުން އެއީ ލޮލަށް ނުފެންނަ މީހެއްކަން ނުވެސް އެނގޭނެ ކަމަށް އެމީހުން ފާހަގަ ކުރެއެވެ.

އެ ގޮތަށް ނުކުމެ އުޅުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި ނުބައި މަގަކުން ދެވޭނަމަ ނުވަތަ ތަނެއްގައި ޖެހޭ ނަމަވެސް ހަމަ ވަރަށް އަވަހަށް އެ ވާހަކައެއް ބުނެލަދޭނެ ކަމަށް ހަމީދު ފާހަގަ ކުރިއެވެ.

ހަމީދުއަށް މިހާރު އުމުރުން 67 އަހަރުވެފައިވާއިރު އޭނާގެ ތިން ދަރިން އެބަތިއްބެވެ. އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އޭނާގެ ދެ ފިރިހެން ދަރިންނާއި އަނބިމީހާއާއެކުގައެވެ. އޭނާގެ އަންހެން ދަރިފުޅު ދިރިއުޅެނީ އިހަވަންދޫގައެވެ.

ހަމީދު ވަނީ އޭނާފަދަ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް މެސެޖެއް ވެސް ހިއްސާ ކޮށްފައެވެ. އޭނާ ބުނީ ލޯ އަނދިރި ވިޔަސް ގޭގައި އޮތުމަކީ ރަނގަޅު ގޮތް ނޫން ކަމަށާއި މީހެއްގެ އެހީތެރިކަމުގައި ވިޔަސް ބޭރަށް ނުކުމެ އުޅެން ވާނެ ކަމަށެވެ. އަދި މަސައްކަތް ވެސް އެމީހަކަށް ވާ ވަރަކުން ކޮށް އުޅެން ވާނެ ކަމަށް އޭނާ ބުންްޏެވެ.

ހަމީދު މަސައްކަތެއް ކުރަނީ -- ފޮޓޯ/ އަލީ ފަސީހް

"ލޯފަން މީހެކޭ ކިޔައި ގޭގައި އޮތަސް ލިބޭނެ އެއްޗެއް ނޯންނާނެއޭ. ކައިގެން ބޮއެގެން އުޅެން މަސައްކަތް ކުރީމައޭ އެއްޗެއް ލިބޭނީ،"

ހަމީދަކީ ލޯ އަނދިރިވެ ނުކުޅެދޭ މީހެއް ނަމަވެސް މީހުންގެ ލޯތަކަށް ކުޅެދޭ މީހެކެވެ. އޭނާއަކީ ހީވާގި މަސްވެރިއެކެވެ. ހުނަރުވެރި މަސައްކަތްތެރިއެކެވެ. ސާބިތު އެ ކޮށްދެނީ ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވި ނަމަވެސް ހިތްވަރު އެލުވައިނުލައި މަސައްކަތް ކޮށްފިނަމަ ކާމިޔާބު މީހަކަށް ވެވިދާނެ ކަމެވެ.

comment ކޮމެންޓް