ބަންޑާރަ ނައިބު މަސައްކަތް ކުރައްވަނީ ޔާމީނުގެ ހައްގުތައް ގެއްލުވައިލަން: ވަކީލުން

ރައީސް ޔާމީންގެ ވަކީލުން މާފުއްޓަށް ވަޑައިގަތުމަށް ލޯންޗެއްގައި

ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހައްގުތަކަށް އަރައިގެންފައިކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ވަކީލުން މިހެން ވިދާޅުވެފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ މައްސަލައިގައި ކޮށްފައިވާ ހުކުމުގައި ވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ފައިސާ ދައްކާފައިނުވުމުން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމާއެކު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

އެގޮތުން އެމަނިކުފާނުގެ ވަކީލުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް އެ ހުކުމްގައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަކީ ތަންފީޒުކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.

އަދި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު އެކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް ރަސްމީކޮށް ލިޔުމުން އަންގާފައިވާނެކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

އަދި އިސްތިއުނާފްކުރަން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނިކޮށް ބަންޑާރަ ނައިބު އެ ގޮތަށް އަމަލުކުރަން ނިންމެވުމަކީ މައްސަލައިގެ އިސްތިއުނާފަށް ސީދާ ހުރަސްއެޅުންކަމަށް ވަކީލުން ވިދާޅުވިއެވެ.

"ބުނެވިދިޔަ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބޭ އިސްތިއުނާފްކުރުމުގެ އަސާސީ ހައްގުގެ ދަށުން މައްސަލަ އިސްތިއުނާފް ކުރެވިފައި ވަނިކޮށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެ އާސާސީ ހައްގަށް އެއްވެސް އިހްތިރާމެއް ކުރުމެއް ނެތި އެ ހައްގު ނިގުޅައިގަނެ ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބު އަމަލުކުރައްވަން ގަސްތުކުރެއްވުމަކީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ކަމެއް،" ވަކީލުންގެ ބަޔާނުގައި ވިދާޅުވިއެވެ.

އަދި މިކަމަކީ މިވަގުތު ގައުމުގައި ހުރި މައްސަލަތަކުގެ ފޯކަސް އަނބުރާލުމުގެ ގޮތުން ދައުލަތުން ކުރާ އަމަލެއްގެ ގޮތުގައިވެސް އެމަނިކުފާނުގެ ވަކީލުން ސިފަކުރެއްވިއެވެ.

ހަމައެހެންމެ މިއީ ރައީސް ޔާމީނަށް ޒާތީ ގޮތުން ފުރައްސާރަކުރުމުގެ ގޮތުން ހިންގާ އަމަލެއްގެ ގޮތުގައިވެސް ވަކީލުން ސިފަކުރެއްވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ.

comment ކޮމެންޓް