ފޮނަދޫ އިންޖީނު ހަލާކުވެ، ރަށުން ކަރަންޓް ކެނޑިއްޖެ

ލ. އަތޮޅު ފޮނަދު އަށް ކަރަންޓު ދެމުން އަންނަ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ރަށުގެ ހުރިހާ ސަރަހައްދަކުން މިއަދު ހެނދުނުން ފެށިގެން ކަރަންޓު ކެނޑިފައިވާ ކަމަށް ފޮނަދޫ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިއަދު ވިދާޅުވީ ރަށުން ކަރަންޓު ކަނޑައިގެން ގޮސްފައި ވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:45 އެހާކަންހާއިރު އިންޖީނުގެ އެއްޗެއް ބިއްދައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.

"ތިން ސަތޭކަ ފަސްދޮޅަސް ކިލޯ ވޯޓުގެ އެ އިންޖީނަކީ ފޮނަދޫ ރައްޔިތުން 12 ލައްކަ ރުފިޔާ އަށް ގަތް އިންޖީނެއް. އިންޖީނު ހަލާކުވެފައި ވަނީ އެ އިންޖީނު ބޭނުންކުރަން ފެށިތާ ހަފްތާއެއް ވެސް ނުވަނީސް މިއަދު ހެނދުނު 8:45 ހާއިރު އިންޖީނުގެ ޕުޝް ރޮޑެއް ބިންދައިގެން ދިއުމުގެ ސަބަބުން،" ކައުންސިލްގެ ފަރާތުން އިންޖީނުގެ ކަންތައް ބަލަހައްޓަމުން އަންނަ ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިންޖީނަކީ އެއް އަހަރުގެ ވޮރަންޓުގެ ދަށުން ގަނެފައިވާ އެއްޗެއް ކަމުން އިންޖީނުން ހަލާކުވި ސުޕެއާޕާޓްސް މިއަދު ހަވީރުގެ ވަގުތެއްގައި އަންނަ ފުލައިޓުން ގެންދާނެ ކަމަށާއި މިރޭ ގާތްގަނޑަކަށް އަށެއް ނުވައެއް ޖަހާއިރު ކަރަންޓު ދެވޭނެ ކަމަށެވެ.

އަދި އިންޖީނަށް ދިމާވި މައްސަލަތައް ހައްލުކުރެއްވުމުގައި ރަށު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ޝަރީފް ފާހަގަކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު