ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ހަވާލު ކޮށްގެން ބ. ކެންދޫ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތަށް އެރަށަށް ގެންދިޔަ އެކްސްކަވޭޓަރެއްގެ ހައިޑްރޯލިކް ޓޭންކް ތެރެއަށް ބަޔަކު ވެއްޔާއި ފެން އަޅާ ގެއްލުންދީފިއެވެ.
ކެންދޫ ބަނދަރު ސަރަހައްދުގައި ބާއްވާފައި އޮތް މި އެކްސްކަވޭޓަރުގެ ޓޭންކަށް ވެއްޔާ ފެން އެޅީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައެވެ. މި އަމަލު ކުށްވެރިކޮށް ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހްމާން ސޮއި ކުރައްވާ ކައުންސިލުން ވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ ގެއްލުންދީފައިވާ އެކްސްކަވޭޓަރަކީ އާރުޑީސީ އާއި ހަވާލުކޮށްގެން ކެންދޫ ފުޓްބޯޅަ ދަނޑުގެ އޮރިއެންޓޭޝަން ބަދަލުކޮށް ޒަމާނީ ފެންވަރުގެ ދަނޑަކަށް ހެދުމަށް ކުރާ މަސައްކަތުގައި އެ ކުންފުނީގެ ބެލުމުގެ ދަށުން އެހެން ކުންފުންޏަކުން ގެނެސްފައިވާ އެކްސްކަވޭޓަރެއްކަމަށެވެ.
އަދި އެކަން ކޮށްފައިވަނީ މަސައްކަތް ހުއްޓުވާލުމުގެ ބޭނުމުގައި އެކްސްކަވޭޓަރުގެ ޓޭންކް މަތި ނެގުމަށްފަހު ޓޭންކަށް ވެއްޔާ ފެން އަޅައިގެންކަމަށެވެ. އެފަދަ ނޭއްގާނި ފިނޑި އަމަލު ކައުންސިލުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.
ކެންދޫގައި މިވަގުތު ހިންގާ ޕްރޮޖެކްޓްތަކަކީ ކެންދޫ ރައްޔިތުންގެ އެތައް އާދޭހަކުން މިއަދުގެ ސަރުކާރުން ހިންގާ އަސާސީ އަދި މުހިންމު ހިދުމަތްތަކުގެ ޕްރޮޖެކްޓް ތަކެއްކަން ކައުންސިލްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޕްރޮޖެކްޓްތައް ހުއްޓުވަން ބައެއް ފަރާތްތަކުން ކުރަމުންދާ މިފަދަ އަމަލުތަކުގެ ސަބަބުން ގެއްލުން ލިބޭނީ ހަމަ ކެންދޫ ރައްޔިތުންނަށް ކަމަށް ބަޔާނުގައި ބުންޏެވެ.
ކެންދޫގެ ތަރައްގީއަށް ކުރެވޭ މިފަދަ މުހިއްމު މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމުކަން ފާހަގަކޮށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް ލިބިގެން މެނުވީ އެފަދަ ކަންކަމުން އެންމެ އެދެވޭ ނަތީޖާއެއް ހާސިލުވެގެން ނުދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.
ކެންދޫ ބަނދަރު ސަރަހައްދުގައި ބާއްވާފައި އޮތް އެކްކަވޭޓަރުގެ ޓޭންކަށް ވެއްޔާ ފެން އަޅާފައިވުމުގެ ސަބަބުން އެކްސްކަވޭޓަރު އޮޕަރޭޓް ކުރުމުގައި މައްސަލަ ތަކެއް ދިމާވެ، ބޮޑެތި ގެންލުންތަކެއް ވަނީ ވެފައެވެ. ކައުންސިލުން ވަނީ މިއީ ކެންދޫ ރައްޔިތުންގެ ތަރައްގީއަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކެންދޫ ކައުންސިލުން ވަނީ ގަސްތުގައި އަނިޔާވެރިވުމާ އަނިޔާ ދިނުމުގެ ނިޔަތުގައި ހިންގި އެ ޖަރީމާގެ މައްސަލަ ބަލައި ތަހުގީގުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައެވެ. އަދި އެފަދަ އަމަލު ހިންގި ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއްވެސް އަޅާނެ ކަމަށް ކެންދޫ ކައުންސިލުން ވަނީ ބުނެފައެވެ.