މުވާސަލާތީ ހިދުމަތްދޭ ހުރިހާ އޮޕަރޭޓަރުން އެއް ޓަވަރެއް ބޭނުން ކުރުން މުހިއްމު: އެޗްޑީސީ

މުވާސަލާތީ ހިދުމަތްދޭ ކޮންމެ އޮޕަރޭޓަރަކަށް ވަކި ޓަވަރެއް ހުރުން ލާޒިމު ނޫން ކަމަށާއި ހުރިހާ އޮޕަރޭޓަރުންވެސް އެއް ޓަވަރެއް ބޭނުން ކުރުން މުހިއްމު ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ -- ފޮޓޯ: އެޗްޑީސީ

ރަށްރަށުގައި މުވާސަލާތީ ހިދުމަތްދޭ ކޮންމެ އޮޕަރޭޓަރަކަށް ވަކި ޓަވަރެއް ހުރުން ލާޒިމު ނޫން ކަމަށާއި ހުރިހާ އޮޕަރޭޓަރުންވެސް އެއް ޓަވަރެއް ބޭނުން ކުރުން މުހިއްމު ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީއިން ބުނި ގޮތުގައި ރާއްޖޭގައި އޮންނަނީ ވަކި ވަކި ރަށްތައް ކަމުން ކޮންމެކަހަލަ ވިއުގައެއް ބިނާ ކުރުމުގައިވެސް ގޮންޖެހުންތަކާ ދިމާވާނެއެވެ. އެގޮތުން ކޭބަލްގެ ޒަރީއާއިން ނުވަތަ މައިކްރޯވޭވް ޑިޖިޓަލް ރޭޑިއޯ މެދުވެރިކޮށް ވިޔަސް މުވާސަލާތީ ވިއުގައެއް ބިނާ ކުރުމުގައިވެސް ދަތިތައް ކުރިމަތިވެއެވެ.

އެޗްޑީސީން ފާހަގަ ކުރި ގޮތުގައި ރާއްޖޭގައި ޓެލެކޮމް ވިއުގައެއް ގާއިމު ކުރަން އެންމެ ގިނައިން ބޭނުން ކުރަނީ މައިކްރޯވޭވް ޑިޖިޓަލް ރޭޑިއޯ ޓަވަރެވެ. އަދި އެ ގޮތް އާއްމު ގޮތެއްގައި ބޭނުން ކުރަނީ އެއްރަށާއި އަނެއްރަށް ގުޅުވާލުމަށްޓަކައެވެ. އެއީ ކޭބަލުން ރަށްތައް ގުޅާލުމަކީ ވަރަށް އަގުބޮޑު އަދި ބެލެހެއްޓުމުގެ ހަރަދާ އެކު ބިޔަ އިންވެސްޓްމަންޓަކަށް ވާތީއެވެ.

އެޗްޑީސީން ބުނި ގޮތުގައި އެފަދަ އެއް ޓަވަރަށް ވުރެ ގިނަ ޓަވަރު ބައެއް ރަށްރަށުން ފެނިގެންދެއެވެ. ނަމަވެސް އެއީ ކޮންމެހެން އެކަން އޮންނަންވީ ގޮތެއް ނޫނެވެ.

"މޮބައިލް ސިގްނަލް މުޅިސަރަހައްދަށް ފޯރުކޮށްދިނުމަށްޓަކައި ޓަވަރުތައް ބޭނުންވޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރާއްޖެ ކަހަލަ ފަސްގަނޑު ކުދި ރަށްތަކުގައި މިފަދަ ގިނަ އަދަދެއްގެ ޓަވަރުތައް ނުޖަހާވެސް ފަރުޖެއްސި ދާނެ. ކޮންމެ އޮޕަރޭޓަރަކަށް ވަކި ޓަވަރެއް ހުރުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫން. އެއް ޓަވަރު ހުރިހާ އޮޕަރޭޓަރުންނަށްވެސް ބޭނުން ކުރެވިދާނެ،" އެޗްޑީސީން ބުންޏެވެ.

އެގޮތުން ބައެއް ރިޒޯޓުތަކުގައި މިހާރުވެސް އެކި އޮޕަރޭޓަރުން އެއް ޓަވަރު ބޭނުން ކުރާކަން އެޗްޑީސީން ފާހަގަކުރިއެވެ.

މީގެ އިތުރުން، ހުޅުމާލޭގެ ފޭސް ދޭއްގައި އެޗްޑީސީން ދަނީ މުޅި ޓެލެކޮމް އިންފްރާސްޓަރްކްޗާ ގާއިމު ކުރަމުން ކަމަށާއި އެއީ ޓެލެކޮމް އޮޕަރޭޓަރުން ނޫން އެހެން ބަޔަކު ރާއްޖޭގައި އެފަދަ ބޮޑު އިންވެސްމަންޓެއް ކުރާ ފުރަތަމަ ފަހަރު ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އެ ޓެލެކޮމް އިންފްރާސްޓްރަކްޗާ ޑިޒައިން ކޮށްފައި ވަނީ އެއް ފަހަރާ ގިނަ އަދަދެއްގެ އޮޕަރޭޓަރުންނަށް އެއް ވިއުގައަކުން ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަކަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން އެ މަސައްކަތް ކުރިއަށް ގެންދަނީ ޓެލެކޮމް އޮފަރޭޓަރުންނަށްވެސް މާލީ ގޮތުން މަންފާ ކުޑަ ނުވާނެ ގޮތަށް ބަލާ، އޮޕަރޭޓަރުންނާއި ކޮމިނިކޭޝަން އޮތޯރިޓީ އާއި ކަމާ ގުޅުން ހުރި މިނިސްޓްރީތަކާ ގުޅިގެންނެވެ.

comment ކޮމެންޓް