ހުޅުމާލޭގައި ހިޔާ މަޝްރޫގެ ދަށުން އަޅާފައިވާ ޓަވަރު ތަކުގެ ތެރެއިން H15 އަދި H16 ޓަވަރުތަކުގައި މިއަދުން ފެށުގެން ދާއިމީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މިމަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކުވެސް ހެނދުނު ނުވަ އަކުން ހަވީރު ފަހަކަށް ކަމަށެވެ.
މަސައްކަތް ކުރިއަށް ދާނެ ގޮތަކީ ސްޓެލްކޯގެ ފަރާތުން މިދެ ޓަވަރުތަކުގެ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ފޮނުވައިގެންކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެސްއެމްއެސް ލިބިވަޑައިގަތުމުން ކަރަންޓު ލުމަށްޓަކައި ސްޓެލްކޯއާއެކު ސޮއިކޮށްފައިވާ ފަރާތްތަކުން ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު، އެޓަވަރަކަށް ވަޑައިގަތުމުން އެ ފުލެޓަކަށް ކަރަންޓުދޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
އަދި ފުލެޓުތައް ލިބިފައިވާ ފަރާތްތަކުން އެސްއެމްއެސް ލިބި ހާޒިރު ނުވެއްޖެނަމަ އެފަރާތަކަށް ދެން އެ ފުރުސަތު ދެވިގެންދާނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓުދީ ނިމުމުންކަމަށް ވެއެވެ.
އެހެންކަމުން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެވޭ ޓަވަރުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަށް އެ ދުވަހަކު ހާޒިރުވުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދޭނެ ދެ ޓަވަރު އެކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިފުރުސަތާއެކު ގިނަ ފަރާތްތަކުން ފުލެޓުތަކަށް ބަދަލުވުމުގެ އަމަލީ މަސައްކަތް ފަށާއިރު މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓުތަކުގެ ބޭނުން ކުރެވޭނެކަމަށް އެޗްޑީސީއިން ބުންޏެވެ.
އެގޮތުން 16 އެޕާޓްމެންޓުގެ ޓަވަރުތަކުގައިވާ ތިން ލިފްޓު ތަކުގެ ތެރެއިން ދެ ލިފްޓު އަދި 20 އެޕާޓްމެންޓުގެ ޓަވަރުތަކުގައިވާ ހަތަރު ލިފްޓު ތަކުގެ ތެރެއިން ތިން ލިފްޓު، ތަކެތި އުފުއްލުމަށް ބޭނުން ކުރެވޭނެއެވެ.
މި މަސައްކަތަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަށްވެފައި ފަސޭހަކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދަން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެހެންކަމުން ފުލެޓު ލިބިފައިވާ ފަރާތްތައް ފުލެޓަސް ތަކެތި ވެއްދުމުގައި މަތީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޑީސީއިން އިލްތިމާސްކުރެއެވެ.