އަފްގާނިސްތާނުގެ ޕެރަލިމްޕިކް އެތުލީޓުންނަށް ފުރޭ ގޮތެއް ނުވި

ކާބުލް އެއާޕޯޓުން ފުރަން ތައްޔާރުވި އެމެރިކާގެ އެއާ ފޯސް ޕްލޭން އުދުއްސާލަން އުޅޭ މަންޒަރު -- ފޮޓޯ: ބީބީސީ

އަފްގާނިސްތާނުގެ ހަނގުރާމަވެރި އެންމެ ބޮޑު ޖަމާއަތްކަމަށްވާ ތާލިބާނުން ވެރިރަށް ކާބުލްއަށް އެރުމާ ގުޅިގެން އެގައުމުގައި އުފެދިފައިވާ ބޮޑު ހަމަނުޖެހުމާއެކު ޕެރަލިމްޕިކްގައި ވާދަކުރާ ދެ އެތުލީޓުންނަށް ފުރުސަތު ގެއްލިއްޖެއެވެ.

ޓައެކްވޮންޑޯގައި ވާދަކުރާ ޒަކިއާ ހުދަދާދީއާއި ހަސަން ރަސުލީ މިއަދުގެ ވަގުތެއްގައި ޕެރަލިމްޕިކް ހޯސްޓް ކުރާ ޖަޕާނަށް ދަތުރު ކުރުމަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް އަފްގާނިސްތާނުގެ ހާލަތު މިވަގުތު ހުރި ގޮތުން އެ އެތުލީޓުންނަށް ދަތުރުކުރެވޭނެ ގޮތެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މީގެ ކުރިން ޕެރަލިމްޕިކްގައި އެއްވެސް ފަހަރަކު އަފްގާނިސްތާނުން ވާދަކޮށްފައި ނުވާއިރު، ހުދަދާދީއަށް އޮތީ އެގައުމުގެ ތާރީހުގައި އެންމެ ފުރަތަމަ ޕެރަލިމްޕިކްގައި ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ. އެކަމަކު ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއެކު އެ ފުރުސަތު އޭނާއަށް ގެއްލުމަކީ ހިތާމަކުރާ ކަމެއްކަމަށް އެގައުމުގެ ޕެރަލިމްޕިކް ކޮމިޓީގެ ޗެފް ޑި މިޝަނަރު އަރިއަން ސަދީގީ ވަނީ ބުނެފައެވެ.

ތާލިބާނުން އެގައުމަށް އަތްގަދަކުރުމުގެ މަސައްކަތްތައް ވަރުގަދަކުރަމުން އައިސް މިދިޔަ އާދީއްތަ ދުވަހު ކާބުލް ވަށައިލުމުން، އެގައުމުގެ ހުރިހާ ބާރެއް ކެނޑި، ލޭ އޮހޮރުވުމަކާ ނުލައި ހުރިހާ ބާރުތަކެއް ތާލިބާނުންނާ ހަވާލުކުރުމުގެ މަޝްވަރާތައް ދިޔައީ ކުރެވެމުންނެވެ.

އަދި ރައީސް އަޝްރަފް ގާނީ ގައުމު ދޫކޮށް ވަޑައިގެންނެވުމުން ތާލިބާނުން ވަނީ ކާބުލްއަށް އަރައި ރިޔާސީ ގަނޑުވަރު ހިފާފައެވެ. ފާއިތުވި ދެ ހަފުތާ ތެރޭގައި ތާލިބާނުން ވަނީ އެގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން 26 ޕްރޮވިންސެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

އެއާއެކު އަފްގާނިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ގައުމުން ފުރައިގެން ދިޔުމަށް މަސައްކަތް ކުރަމުންނެވެ. އަފްގާން ރައްޔިތުންގެ އިތުރުން، އެގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުންނާއި ޑިޕްލޮމެޓުން އަނބުރާ ގެންދިޔުމުގެ މަސައްކަތްވެސް އެކި ސަރުކާރުތަކުން ދަނީ ކުރަމުންނެވެ.

އޭގެ ސަބަބުން ކާބުލް އިންޓަނޭޝަނަލް އެއާޕޯޓުގައި ތޮއްޖެހިފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

comment ކޮމެންޓް