ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއް: މުޣުނީ

ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ދަސްވެނިވި ފަރާތްތައް

ސްޓެލްކޯއަކީ ކަރަންޓުގެ ސިނާއަތައް ކަނބަލުން ނިކުތުމަށް ހިތްވަރުދޭ ކުންފުންޏެއްމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ މިއަދު ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވެފައި ވަނީ ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިކޯހުގައި މުޅިއެކު 20 ކަބަލުން ބައިވެރިވެފައިވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ދަތިތަކާ ގުޅިގެން ކޯސް ފުރިހަމަ ކުރީ 19 ބައިވެރިންނެވެ.

ދިހަ ބައިވެރިންގެ ތެރެއިން ދަސްވެނިވެފައިވަނީ ހަމައެކަނި އަށް ބައިވެރިންނެވެ.

މިއަދު ބޭއްވި މި ދަސްވެނިވި ވުމުގެ ރަސްމިއްޔާތުގައި މުޣުނީ ވަނީ ކޯސް ނިންމި ހުރިހާ ބައިވެރިންގެ ހިތްވަރު ފާހަގަކޮށްއ މަރުހަބާ ކިޔާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހަސަން މުޣުނީ

އަދި އަންހެނުންނަށް ހާއްސަ ކޮށްގެން ހިންގި މިފަދަ ފުރަތަމަ ކޯހުގެ ބައިވެރިންނަކީ ތާރީހުގައި ލިޔެވިގެންދާނެ ބައެއްކަމަށް މުޣުނީ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން އިތުރު ފުރުސަތުތަކާއެކު، މިކޯހުގެ އިތުރު ބުރެއް މިކުންފުނީގެ ފެށިގެން ދިއުން،" މުޣުނީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވަނީ، ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އަމިއްލަ ނަމުގައްޔާއި މަޖިލީހުގެ ނަމުގައި މަރުހަބާ ދަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ

އަދި އެހެންމެ މި ކޯސް ނިންމި ކަބަލުން ވެގެންދާނީ މުސްތަގުބަލުގައި މި ދާއިރާއަށް ވަންނަން ބޭނުންވާ ކަނބަލުންގެ ހިތްވަރަކަށް ކަން ޖީހާނު ފާހަގަކުރެއްވިއެވެ.

ކޯސް ނިންމި ބައިވެރިންގެ ފަރާތުން ވާހަކަދައްކަމުން މަރިޔަމް ލަޔާލް ބުނީ މި ކޯހުގައި ބައިވެރިވީ އެކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ކަމަށާއި، އެމަސައްކަތުގެ ހުނަރު އިތުރަށް ބިނާ ކުރުމުގެ މަގުސަދުގައި ކަމަށެވެ.

comment ކޮމެންޓް