މާދަމާ ފައިޒާ ވެކްސިން ޖަހަން ފަށާނެ ހެލްތް ޕޮރެޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާން ކޮށްފިއެވެ.
އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވާގޮތުން އެމެރިކާގެ އެހީގައި ރާއްޖެ ގެނައި 128،600 ޑޯޒުގެ ފައިޒާ ވެކްސިން ޖެހުމުގެ މަސައްކަތް މާލެއާއި އަތޮޅުތަކުގައި މާދަމާއިން ފެށިގެން ކުރިއަށްދާނެއެވެ.
ފައިޒާ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން މާބަނޑު މީހުންނަށެވެ.
ވެކްސިން ޖަހަން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ޑޯޒްގެ ގޮތުގައި ކޮވިޝީލްޑް ޖަހާފައިވާ މާބަނޑު މީހުންނަށް ފައިޒާ ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޝީލްޑް ނުވަތަ ސިނޮފާމްގެ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތި ވެފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ޖަހަން، ވެކްސިން ޖެހުމަށްފަހު އޭގެ ސައިޑްއިފެކްޓް ދިރާސާ ކުރާ ކޮމިޓީއިން ލަފާދީފައިވާ ފަރާތްތަކަށްވެސް ފައިޒާ ވެކްސިން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ކިޔަވަންދާ ނުވަތަ ކިޔަވާ ފަރާތްތަކުގެ ތެރެއިން ކިޔަވަންދާ ގައުމެއްގައި ހަމެއެކަނި ފައިޒާ ވެކްސިން ގަބޫލުކުރާ ކަމުގައި ވާނަމަ ފައިޒާ ވެކްސިން ޖަހައިދޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލްގަ އުޅޭ ކުދިންނާއި މިދިޔަ ދިރާސީ އަހަރުގައި 10 އެއް ނިންމި ކުދިންނަށް ވެކްސިން ޖަހައިދޭނީ ސްކޫލްތައް މެދުވެރިކޮށެވެ.
މިނޫން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.
ވެކްސިން ޖަހަންދާއިރު އައިޑީކާޑާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ގެންދިޔުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވެކްސިން ޖަހަން ހަމަޖެހިފައިވާ ގަޑިތަކާއި މަރުކަޒުތައް:
- އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 16:00 އަށް
- ހުޅުމާލެ ހޮސްޕިޓަލް - މެންދުރު 13:00 އިން ހަވީރު 16:00 އަށް
- ވިލިމާލެ ޔޫތް ސެންޓަރު - ހޯމަ ދުވަހުން ފެށިގެން މެންދުރު 13:00 އިން ހަވީރު 16:00 އަށް