ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ބްރެޒިލް ފަތުރުވެރިޔާ އަތުން އަތުލައިގަތް މަސްތުވާތަކެތި --ފޮޓޯ/ ކަސްޓަމްސް

ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައިވަނީ މިއަދު މެންދުރުފަހު ވައިގެ މަގުން ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން 3.2 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ބުނެފައެވެ. ބަޔާނުގައި ވާގޮތުން އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުންނެވެ.

ލަގެޖް ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއް ފެނުމުން އެ ތަކެތި ޓެސްޓު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ މީހާގެ އަތުން އަތުލައިގަނެވެނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15،985،000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.197 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިކަމާއި ގުޅޭ އިތުރު ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

comment ކޮމެންޓް