ކޮވިޑް-19: އެކްޓިވް ކޭސްތައް 1،900 އަށް ދަށްވެއްޖެ

ޖުލައި 7، 2021: މާލޭގައި ރެންޑަމް ސާމްޕަލް ނުގުމުގެ މަސައްކަތުގައި އެޗްޕީއޭގެ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިވަގުތު ހުރި ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު 1،960 އަށް ދަށްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ރާއްޖޭގައި ހުރީ 2،090 އެކްޓިވް ކޭސްއެވެ. އެހެންނަމަވެސް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންނާއި، ބަލިން ރަނގަޅުވި މީހުންގެ އަދަދުތަކާއެކު ރާއްޖޭގެ އެކްޓިވް ކޭސްތައް މިވަނީ 1،960 އަށް ދަށްވެފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އަލަށް ޕޮޒިޓިވްވީ 111 މީހުންނެވެ. އޭގެ ތެރެއިން 24 މީހުން ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. އަދި 79 މީހުން ވަނީ އަތޮޅުތެރޭ އެހެން ރަށްރަށުން ޕޮޒިޓިވްވެފައެވެ. ރިސޯޓުތަކުން ޕޮޒިޓިވްވީ އަށް މީހުންނެވެ. މި ކޭސްތަކަކީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ނެގި 5،297 ސާމްޕަލްއިން ޕޮޒިޓިވްވި ކޭސްތަކެވެ.

ރާއްޖެއިން ޖުމްލަ ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިހާރު މިވަނީ 78،926 އަށް އަރައިފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ 24 ގަޑިއިރު ތެރޭ 241 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އެއާއެކު ރާއްޖެއިން ބަލި ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދު މިވަނީ 76،491 އަށް އަރައިފައެވެ.

ޖުމްލަ 222 މީހަކު ވަނީ މި ބަލީގައި ރާއްޖެއިން މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު