މިނިސްޓަރު އިމްރާން ކޮވިޑުން ރަނގަޅުވެއްޖެ

ޖުލައި 26، 2021: ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކޮވިޑް-19 އިން ރަނގަޅުވެގެން އަލުން އަބުރާ އޮފީހަށް ނިކުންނަވަން ފައްޓަވައިފިއެވެ.

ހޯމް މިނިސްޓްރީގެ ސްޕޯކްސްޕާސަން ހަފްސީ އަބްދުﷲ "ސަން" އަށް ވިދާޅުވީ މިނިސްޓަރު އިމްރާން މިހާރު ބަލިން މުޅިން ފަސޭހަވެފައިވާކަމަށެވެ. އަދި މިދިޔަ ބުދަ ދުވަހު އޮފީހަށް ނިކުންނަވަން ފައްޓަވާފައިވާކަމަށެވެ.

"މިހާރު އޮފީހަށްވެސް ނިކުންނަވަން ފައްޓަވައިފި. ނިކުންނަވަން ފެއްޓެވީ މިދިޔަ ބުދަ ދުވަހުން ފެށިގެން،" ހަފްސީ ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް ބެލެވިފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މިނިސްޓަރަށް ބަލި ޖެހުނީ ކިހިނެތްކަމެއް ޔަގީންވެފައިނުވާއިރު މިނިސްޓަރު އިމްރާން ވަނީ މިދިޔަ މަސް ތެރޭ އައި ހައްޖު ދުވަހާއި ދިމާކޮށް އެމަނިކުފާނުގެ ރަށް މ. ކޮޅުފުއްޓަށް ވަޑައިގެންފައެވެ.

މިނިސްޓަރު އިމްރާން ޕޮޒިޓިވްވިކަމަށް ބެލެވޭ ދުވަހު ދުވަހު ކޮޅުފުށިވެސް ވަނީ މޮނިޓަރިންއަށް ލައިފައެވެ. މިނިސްޓަރު އިމްރާން ޕޮޒިޓިވްވީ ކޮޅުފުއްޓަށް ޒިޔާރަތްކުރެއްވުމަށްފަހު މާލެ ވަޑައިގަތް ފަހުންނެވެ.

ކޮޅުފުށި ކައުންސިލް މެންބަރަކު ވިދާޅުވީ މިނިސްޓަރު ކޮޅުފުއްޓަށް ވަޑައިގަތުމުގެ ކުރިންވެސް ރަށުގައި ބަލި އޮތްކަމަށް ބެލެވޭކަމަށެވެ.

comment ކޮމެންޓް