ޖަމީލް ނައިބު ރައީސް ކަމުން ވަކިކުރި މައްސަލަ ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް: ސުޕްރީމް ކޯޓު

ޑރ. މުހައްމަދު ޖަމީލް އަހުމަދު -- ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނައިބް ރައީސް ކަމުން ވަކި ކުރި މައްސަލަ ފުރަތަމަ ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ޑރ. ޖަމީލް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގައި އަމަލުކޮށްފައިވަނީ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި ރައްޔިތުންގެ މަޖިލީހުން އަމަަލުކުރާ ގާނޫނީ ހަމަތަކާ ހިލާފަށްކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަންޖެހޭނީ ސިވިލް ކޯޓަށް ކަމަށް ރައުޔު ނެރުއްވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ. އޭނާގެ ރައުޔަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއީދު ކޮށްފައިވެއެވެ.

ޑރ. އަޒްމިރާލްދާގެ ރައުޔުގައިވަނީ ޑރ. ޖަމީލް ހުށަހެޅުއްވި އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނާފަދަ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާފަދަ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް ވިދާޅުވީ މި މައްސަލައަކީ ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓުން ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިފައިނުވާ މައްސަލައެއްކަމަށެވެ.

އެހެންނަމަވެސް ޑރ. ޖަމީލް ގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިނަމަ ސުޕްރީމް ކޯޓުގެ މިއަދުގެ ގަޒިއްޔާގައި ފާހަގަ ކުރައްވާފައިވާ ކަންތައްތަކަށް ބަލާ މި މައްސަލަ ސިިވިލް ކޯޓުން ބަލައިގަނެ ގޮތެއް ކަނޑައެޅިދާނެކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެވެ

ޖަމީލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ޖުލައި 21، 2015 ގައެވެ. އިތުބާރު ނެތްކަމަށް ވޯޓު ދިނީ މަޖިލީހުގެ 78 މެންބަރުންނެވެ. ވޯޓުގައި ބައިވެރި ނުވަނީ އެންމެ މެންބަރެކެވެ. އަދި ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ދެ މެންބަރަކު ނޫނެކޭ ވިދާޅުވިއެވެ. ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގީ އެ މައްސަލައަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށްފަހުއެވެ.

ޑރ. ޖަމީލް އޭރު މަގާމުން ދުރުކުރިއިރު އޭރުގެ ސަރުކާރުން ވަނީ ޑރ. ޖަމީލް މަގާމުގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާނުކުރައްވާކަމަށާއި، އަދި އޭރުގެ އިދިކޮޅު އެމްޑީޕީއާއެކު ގާތް ގުޅުންތަކެއް ބާއްވާކަމުގެ ތުހުމަތުކޮށްފައެވެ. އަދި މީގެ އިތުރުންވެސް ސަރުކާރު ދިފާއު ނުކުރައްވާކަމަށާއި ދައުލަތުގެ ބަޖެޓުން އާދަޔާހިލާފަށް ހަރަދުކުރައްވާކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް