ދިވެހީންގެ އެހީއާއެކު ބަންގްލަދޭޝްގައި އަނެއްކާވެސް މިސްކިތެއް

ކުރިން އެ މިސްކިތުގެ ހާލަތު؛ މިސްކިތް ހަދާފައި ހުރީ ޓިނުން: ދިވެހިންގެ އެހީގައި އެތަން 200 މީހުންގެ ޖާގައިގެ ރަނގަޅު މިސްކިތެއް ބިނާކުރަނީ -- ފޮޓޯ/އިންޓަނޭޝަނަލް އެއިޑް

ދިވެހީންގެ އެހީއާއެކު ބަންގްލަދޭޝްގެ ފަގީރު ސަރަހައްދެއްގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ދިވެހީންގެ އެހީގައި އެ ގައުމުގައި ބިނާކުރާ މިފަދަ ދެވަނަ މިސްކިތެވެ. މީގެ ކުރިންވެސް ދިވެހީންގެ އެހީގައި ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ބޯ ފެންވަޅުތަކެއްވެސް ވަނީ ގާއިމުކޮށްފައެވެ.

މިފަހަރު ބަންގްލަދޭޝްގައި ގާއިމުކުރާ މިސްކިތް އިމާރާތްކުރުމަށް ޖުމްލަ ހޭދަވަނީ 471،622.50 ރުފިޔާއެވެ. އެ އަދަދު ހަމަކުރުމަށް ބޭނުންވާ އިތުރު 152،350.50 އެހީގެ ގޮތުގައި ހޯދުމަށް އިއުލާންކުރުމުން ރާއްޖެއިން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި މަޝްރޫއު ހިންގާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ބުނިގޮތުގައި އެ އަދަދު ހަމަކުރަން ނެގީ އެންމެ 3 ގަޑިއިރެވެ.

އެ ޖަމިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިރެކްޓާ މުހައްމަދު އަލީ "ސަން" އަށް ކިޔައިދިން ގޮތުގައި އެ މިސްކިތް އެޅުމަށް ފަންޑުކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އަދި ދިވެހިންގެ އެހީއަށް އެދުނު އިރުވެސް ފަންޑުގެ ބޮޑު އެމައުންޓެއް ލިބިފައިވާ ކަމަށެވެ.

"މިހާރު އަޅާ މިސްކިތަކީ މީ އަޅުގަނޑުމެންނަށް މިކޮޅުގަ އުޅުން ބަންގްލަދޭޝް މީހެއްް މެދުވެރިކޮށް އެނގުނީ އޭނާގެ އާއިލާ މީހެއްގެ ބިމެއްގަ އިން މިސްކިތެއް އެއީ ވަރަށް ހާލުގަ ޓިނުން ހަދާފަ އިން މިސްކިތެއް،"

"ދެން އަޅުގަނޑުމެން އެހިސާބުން ފެއްޓިގެން އެކިއެކި ޑޯޏާޒް އަށް ޕްރޮޕޯސަލްއެއްގެ ގޮތަށް ފޮނުވައިގެން ބޮޑު އެމައުންޓެއް އޮތީ ލިބިފަ. ބާކީ އިން އަދަދު އަޅުގަނޑުމެން ހުޅުވާލީ އާންމުންނަށް މިސްކިތް އެޅުމުގައި ބައިވެރިވުމުގެ ގޮތުން،" މުހައްމަދު އަލީ ވިދާޅުވިއެވެ.

ކުރިން އެ މިސްކިތުގެ ހާލަތު؛ މިސްކިތް ހަދާފައި ހުރީ ޓިނުން: ދިވެހިންގެ އެހީގައި އެތަން 200 މީހުންގެ ޖާގައިގެ ރަނގަޅު މިސްކިތެއް ބިނާކުރަނީ--- ފޮޓޯ/ އިންޓަނޭޝަނަލް އެއިޑް

އެ މިސްކިތުގެ މަސައްކަތް ކުރިންވެސް އޮތީ ފެށިފައެވެ. ނަމަވެސް، މަސައްކަތް މަޑުޖެހިގެން ދިޔައީ ކޮވިޑްގެ ސަބަބުންނާއި އެ ގައުމުގެ ވިއްސާރަ މޫސުމުގެ ސަބަބުން ކަމަަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

"މިހާރު ފަންޑު ހަމަވީމަ ދެން އިންނާނީ އެކޮޅުގެ ލޭންޑްލޯޑް އާ ފަންޑު ހަވާލުކުރުން. ލޭންޑްލޯޑު މިދެންނެވީ ހަމަ މިސްކިތެއް ގޮތަށް ރަޖިސްޓާ ކޮށްފަ އިން ބިމެއް އެ ބިމަކީ. އެހެންވީމަ އެ މިސްކިތުގެ ރަޖިސްޓްރޭޝަންގައިވާ ވެރިފަރާތާ ފަންޑު ހަވާލުކޮށް، ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ޓްރާންސްޕޭރެންޓުކޮށް ގެންދިއުން،"

"އަޅުގަނޑުމެން ދެން އެކަން މޮނީޓާކޮށް ރިޕޯޓު ކަލެކްޝަން ކުރިއަށް ގެންދާނަން،" މުހައްމަދު އަލީ ވިދާޅުވިއެވެ.

އެހެން "ސޮދަގާތް ޖާރިޔާ" ޕްރޮޖެކްޓުތަކެކޭ އެއްގޮތަށް ތާވަލުކޮށްގެން އެ މިސްކިތުގެ ކަންކަންވެސް ބަލަމުންދާނެ ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ކުރާނަމަ އަނެއްކާވެސް އެ މަސައްކަތް ކުރިއަށް ދާނީ އާންމުންނަށް ހުޅުވާލައިގެން ކަން ފާހަގަކުރިއެވެ. މިހާރު ހަދާ މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އަޅުގަނޑަށް ޔަގީންވާ ގޮތުގަ މިހާރު މި އަޅާ މިސްކިތް އަޅާފަ، އަދި އެއް މިސްކިތް އަޅާވަރަށް ފައިސާ ލިބިފަ ހުރީ. ދެން މިވަގުތު އަޅުގަނޑުމެންގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓުން ބަލަމުން މިދަނީ އެ ލިބުނު ފައިސާއިން އިތުރު މިސްކިތެއް އަޅާނެ ބިމެއް ހޯދަން،"

"މި ބަލަނީ އެފްރިކާ، ނައިޖާ ނުވަތަ ޔަމަން ނުވަތަ މިސްކިތެއް ލިބުން ދަތިވެފަ އޮތް، މިސްކިތެއް މުހިންމުވެފަ އޮތް ހިސާބެއްގެ މިސްކިތެއް އެޅުމަށްޓަކައި،" މުހައްމަދު އަލީ ވިދާޅުވިއެވެ.

މިސްކިތުގެ މަސައްކަތް ކުރިއަށްދާ ވަރަކަށް އެެކަންކަމުގެ މައުލޫމާތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އަޕްޑޭޓު ކުރަމުންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި މިސްކިތް ހުޅުވޭ ދުވަހު، ހުޅުވިއްޖެކަން އަދި އޭގެ ލޮކޭޝަން ހިއްސާކުރާނެއެވެ.

އޭރުން އެއްވެސް ދިވެހި ރައްޔިތަކު ބަންގްލަދޭޝްއަށް ގޮސް އުޅޭ ނަމަ އެ މިސްކިތަށް ޒިޔާރަތްކުރަން ބޭނުންވިޔަސް ޒިޔާރާތް ކުރެވޭނެ ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

ކުރިން އެ މިސްކިތުގެ ހާލަތު؛ މިސްކިތް ހަދާފައި ހުރީ ޓިނުން: ދިވެހިންގެ އެހީގައި އެތަން 200 މީހުންގެ ޖާގައިގެ ރަނގަޅު މިސްކިތެއް ބިނާކުރަނީ--- ފޮޓޯ/ އިންޓަނޭޝަނަލް އެއިޑް

މުހައްމަދު އަލީ ވިދާޅުވީ، މީގެ ކުރިންވެސް ދިވެހީންގެ އެހީގައި ބަންގްލަދޭޝްގެ ފަގީރު ސަރަހައްދެއްގައި މިސްކިތެއް އަޅައި، އެތަން މިހާރު ބޭނުންކުރަމުންދާކަން އޭނާ ފާހަގަކުރިއެެވެ.

"އަޅުގަނޑުމެން ބަހައްޓާނަން މިސްކިތުގަ އެއީ ދިވެހީންގެ އެހީގަ ހުޅުވުނު މިސްކިތެއްކަން އެނގޭ ގޮތަށް. އަޅުގަނޑުމެން ބަންގްލަދޭޝްގަ އެޅި ފުރަތަމަ މިސްކިތުގަވެސް ހުންނާނެ އެގޮތަށް ދިވެހީންގެ އެހީގަ އެޅުނު މިސްކިތެއްކަން އެނގޭ ގޮތަށް. އެ މިސްކިތަކީ މަސްޖިދުލް އަހަދު،" މުހައްމަދު އަލީ ވިދާޅުވިއެވެ.

މިސްކިތް އެޅުމުގެ އިތުރުންވެސް އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ވަނީ ދިވެހީންގެ އެހީގައި ބަންގްލަދޭޝްގެ ފަގީރު ސަރަހައްދުތަކުގައި ފެންވަޅު ހެދުމުގެ މަސައްކަތްވެސް ކޮށްފައެވެ.

"އަޅުގަނޑުމެންގެ އުޅޭނެ ދިގުދެމިގެންދާ ސަދަގާތުގެ ގޮތުގައި ބަންގްލަދޭޝްގައި ފެންވަޅު ހެދުން. އޭގެ ތެރެއިން މިހާރު 200 އަށްވުރެ ގިނަ ފެންވަޅު އުޅޭނެ ދިވެހިންގެ އެހީގަ،"

"ބަންގްލަދޭޝްގެ ފަގީރު ހިސާބުތަކުގަ އަޅާފަހުރި. ހަމަ ދިވެހިންގެ އާއިލާތަކުގެ އެހީގަ. ވަޅުތަކުގަ ހުންނާނެ ނަންވެސް ޖަހާފަ." މުހައްމަދު އަލީ ވިދާޅުވިއެވެ.

comment ކޮމެންޓް