ޑީއާރްޕީން އާމިރަށް ޖޫރިމަނާގެ ފައިސާ ދޭކަށް ނުޖެހޭ: ސުޕްރީމް ކޯޓު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު -- ފޮޓޯ / ރައްޔިތުން މަޖިލީސް

ރައްޔިތުންގެ މަޖިލިސްގެ ކުޑަހުވަަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރުއަށް ޑީއާރްޕީން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ އުނިކުރުމަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.

ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކުރީ އާމިރުގެ ފަރާތުން ހައިކޯޓުގެ އަމުރު އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހުއެވެ.

އެ ހުކުމްކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ސިވިލް ކޯޓަށް އާމިރު ހުށައެޅި މައްސަލައާ ގުޅިގެން ޑީއާރްޕީގެ މައްޗަށް 2015 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ޖުމްލަ 19.10 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފައެވެ.

އެހެން ނަމަވެސް ޑިއާރްޕީއިން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ޖޫރިމަނާގެ ބައި އުނިކުރުމަށްފަހު ހުކުމް ކޮށްފަ އެވެ. އެއާއެކު ޑީއާރްޕީއިން އާމިރަށް ދައްކަން ޖެހޭނީ 4.05 މިލިއަން ރުފިޔާއެވެ.

ހައިކޯޓުން ޖޫރިމަނާ އުނި ކުރުމަށް ކުރި ހުކުމް ކޮށްފައިވަނީ ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 15.8 މިލިއަންއަކީ ލިބިފައިވާ ގެއްލުން ފޫބައްދަން ބަލާއިރު ޕްރިންސިޕަލް އަދަދަށް ވުރެ 3.9 ގުނަ ބޮޑު އަދަދަކަށްވާތީ ކަމަށް ހުކުމްގައިވެއެވެ.

ސުުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައިވަނީ ޖޫރިމަނާގެ ގޮތުގައި ޑީއާރްޕީއިން ދައްކަންޖެހޭ ފައިސާއަކީ އިންވޮއިސްގައިވާ ފައިސާ ނުދެއްކުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ބަދަލު ހޯދުމަށް ބޭނުންވާ ފައިސާއެއް ކަން އާމިރު ހައިކޯޓުގަައި ވާހަކަ ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ޖޫރިމަނާގެ ފައިސާ ހޯދަން ދެކެވިފައިވާ ވާހަކަތަކަކީ، އާމިރަށް ލިބެންޖެހޭ ފައިސާ ނުލިބިއްޖެނަމަ ލިބިދާނެ ގެއްލުމެއްގެ ބަދަލުގައި ފައިސާ ދައްކަންޖެހޭ ފަރާތަށް އުގޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ދެކެވިފައިވާ ވާހަކަތަކެއްކަމަށް ދެކޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައިވެއެެވެ.

އެހެންކަމުން ހައިކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

ސިވިލްކޯޓުން 2015 ވަނަ އަހަރު ހުކުމް ކޮށްފައި ވަނީ އާމީރު ހިންގާ ދެ ސްޓޫޑިއޯ ކަމުގައިވާ އެއިމް ކްރިއޭޝަނާއި އޭވީއެމް ޕްރޮޑަކްޝަންގެ ސާމާނާއި ތަކެއްޗާއި މީހުން ބޭނުންކޮށްގެން އެޕާޓީން ކޮށްފައިވާ މަސައްކަތްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާފައިނުވާތީ އެވެ.

އެ ދެ ސްޓޫޑިއޯ އިން ޑީއާރްޕީއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ ތެރޭގައި އެޕާޓީން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އަދި 2009 ވަނަ އަހަރު ހިންގާފައިވާ ބައެއް ހަރަކާތްތައް ވީޑިއޯކޮށް އެޑިޓްކޮށް ވީޑިއޯ ހައިދިނުން ހިމެނެ އެވެ.

comment ކޮމެންޓް