ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަމަށް އަނަސް

ފިނޭސްގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސް ސޯލިހު، އަނަސްއާ ހަވާލުކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އައްޔަން ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހު ވަނީ އަނަސްއަށް މަގާމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

އަނަސް އަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ބެޗަލާ އޮފް ލޯސް އެލްއެލްބީ (އޮނާސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އަނަސް އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާސްގެ މެނޭޖިންގް ޕާޓްނަރުގެ މަގާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ފުރުއްވާފައިވެއެވެ.

މީގެ އިތުރުން، އަނަސް އަކީ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިމެނެއެވެ. އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.

ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވެސް އޭނާ ކުރިމަތިލެއްވިއެވެ.

ފިނޭންސް މިނިސްޓްރީގައި މިވަގުތު އަނަސް ހިމެނޭ ގޮތަށް ތިން ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވެ. އަނަސްގެ އިތުރުން ދެން ތިއްބަވާނީ އިސްމާއިލް އަލި މަނިކު އަދި އަހުމަދު ޝަރީފްއެވެ. ސްޓޭޓް މިނިސްޓަރެއްގެ މުސާރައަކީ 25،000 ރުފިޔާއެވެ.

comment ކޮމެންޓް