ށ. ގޮއިދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ށ.ގޮއިދޫ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު -- ފޮޓޯ/އެމްޑަބްލިއުއެސްސީ

ށ. ގޮއިދޫ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫގެ އަމަލީ މަސައްކަތް މާލެ ވޯޓާ އެންޑް ސިވެރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

އެ ކުންފުނިން ބުނީ ގޮއިދޫ ފެނާއި ނަރުދަމާގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ.

އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ގެންދެވިފައިވާކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 12.07 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބަހައްޓާނެކަމަށެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ބަހައްޓާނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތުގެ ތެރެއިން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ.

މި މަޝްރޫގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.30 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 1.48 ކިލޯ މީޓަރުގެ ޕަންޕިން ލައިން އަޅާނެއެވެ. ހަމައެއާއެކު ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމުގެ އިތުރުން، ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ތެރެއިން އެ ކުންފުނިން ކުރާނެއެވެ.

މީގެ އިތުރުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މިމަޝްރޫއަށް ޖުމްލަ 86 މިލިއަން ރުފިޔާ ހަރަދުވާއިރު މި މަޝްރޫގެ މަސައްކަތް 540 ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ.

comment ކޮމެންޓް