ޔާމީނާއި ގާސިމް އަނެއްކާވެސް ހައްޔަރުކުރުމަށް ހައިކޯޓުގެ އަމުރަކަށް އެދި ހުށަހަޅަން ސަރުކާރުން ނިންމައިފި

14:30


ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހިމާއި ޕީއޭގެ ރައީސް އަދި މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަނެއްކާވެސް ހައްޔަރުކުރުމަށް ޖިނާއީ ކޯޓުގެ އަމުރަކަށް އެދި ހުށަހަޅެމުން އެކޯޓުން އަމުރެއް ނެރެދީފައިނުވާތީ އެ ދެބޭފުޅުން ހައްޔަރުކުރުމަށް ހައިކޯޓުގެ އަމުރަކަށް އެދި ހުށަހަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.


"ޤައުމައިގެން އަމާން ބަނދަރަކަށް" މިނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހިއުމަން ރިސޯސަސް މިނިސްޓަރ އަލްއުސްތާޛު ހަސަން ލަތީފު ވިދާޅުވީ ސުޕްރީމް ކޯޓުން ޔާމީނާއި ޤާސިމް މިނިވަންކޮށް ދޫކޮށްލާފައިވީ ނަމަވެސް، މި ސަރުކާރުން އެބޭފުޅުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކުގެ ތަހްޤީޤްތައް އަދިވެސް ކުރިއަށްގެންދާ ކަމަށާއި އެމައްސަލަތަކާ ގުޅޭ އެކަށީގެންވާ ހެކި މިހާރު އެބޭފުޅުންނާ ދެކޮޅަށް އެބަހުރި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލު މިނިސްޓަރ ވިދާޅެއްނުވެ އެވެ.


ޔާމިނާއި ގާސިމް ދޫކޮށްލި މައްސަލައިގައި އަދުލު އިންސާފުގެ ދާއިރާއަށް ފާޑުވިދާޅުވެ، މިނިސްޓަރ ހަސަން ލަތީފް ވިދާޅުވީ ޔާމިނާއި ގާސިމްގެ އިތުރު ތަހްގީގެއް ފަށަން، ތަހްގީގަށް ބޭނުންވާ ކޯޓު އޯޑަރެއް ހޯދުމަށް މިދިޔަ ހަފްތާގައި ޖިނާއީ ކޯޓުގައި އެދުނު ނަމަވެސް އެ ދެ ބޭފުޅުން އިތުރަށް ބަންދުކުރާނެ ޖާގައެއް ނެތް ކަމަށް ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި ޖިނާއީ ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ނެރުނު އަމުރާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.


މިނިސްޓަރ ވިދާޅުވީ ޔާމިނާއި ގާސިމް ހައްޔަރު ކޮށްދެއްވުމަށް ފުލުހުން މިފަހަރު އެދިފައި ވަނީ ކޮރަޕްޝަނާއި މިނިވަން މުއައްސާއަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށެވެ. އަދި މިއީ މުޅިން އެހެން ކުށެއްގެ ތުހުމަތެއް ކަމަށާއި އަދި އެ ދެ ބޭފުޅުން ބަންދުގައި ނުބެހެއްޓޭނެ ކަމަށް ބުނެފައިވާތީ މިހާރު ފުލުހުންނާއި ޕީޖީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.


މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު ބަލަމުންދާ މައްސަލަތަކުގެ ތަހްގީގް ނިންމާ ރޯދަ މަސް އަންނަންވާއިރަށް މައްސަލަތައް ކޮޅެއްގައި ޖައްސާނެ ކަމަށެވެ. އަދި އެކަމުގައި ބަންދުކުރަން ޖެހޭ މީހުން ބަންދުކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު