ދިރާސީ އާއަހަރު ފެށި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިގެން ދިޔައިރު، ހދ. ހިރިމަރަދޫ ސްކޫލަށް ދަރިވަރުން ނޮފޮނުވުމަށް އެރަށުގެ ބެލެނެވެރިން ނިންމައިފިއެވެ.
އެރަށުގެ ކައުންސިލު މެމްބަރު މުހައްމަދު އަރުޒަން މިއަދު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސްކޫލްގެ ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ބެލެނެވެރިން ގޮވާލަމުންދާ ކަމަށެވެ.
އަށް އަހަރު ނުވަ އަހަރު ވެގެން ދިޔައިރުވެސް ސްކޫލްގެ ދަރިވަރުންގެ ނަތީޖާއަށް ބޭރު ޓީޗަރުންގެ ފަރާތުން އެއްވެސް ބަދަލެއް ގެނެސްވެވިފައިނުވާކަމަށް އަރުޒަން ފާހަގަކުރެއްވިއެވެ.
"އެއްވެސް ނަތީޖާއެއް މާއްދާ ތަކަކުން ނުލިބި. ހަމަ ޒީރޯ ޕަސަންޓޭޖުގަ އެބަހުރި ނަތީޖާތައް,"
"އަށް އަހަރު ވީއިރު އިނގިރޭސިން އެންމެ ކުއްޖަކުވެސް ފާސްވެފައެއް ނުވޭ،" އަރުޒަން ވިދާޅުވިއެވެ.
އެރަށު ސުކޫލްގެ ބޭރު ޓީޗަރުންނާއި ބެހޭ ގޮތުން އަރުޒަން ވިދާޅުވީ އެ ޓީޗަރުންގެ ތެރެއިން ސްކޫލްގެ އިތުރު ހަރާކާތްތަކުގަ ބައިވެރިނުވާ ޓީޗަރުން ގިނަ ކަމަށާއި މިހާރުވެސް ކަރަންޓީނުގަ ތިބި ޓީޗަރުންގެ އަދަދު ގިނަ ކަމަށެވެ.
ހިރިމަރަދޫ ސްކޫލްގައި ހުރީ އިންޑިއާ ޕްރިންސިޕަލްއެއް ކަމަށާއި އެ ސްކޫލްއަށް ރަނގަޅު ދިވެހި ޕްރިންސިޕަލްއެއް ބޭނުންވާކަމަށް ބެލެނިވެރިން ބުނާކަމަށް ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވިއެވެ.
"އެސްއެމްޓީ [ސީނިއާ މެނޭޖްމެންޓް ޓީމް] އެއް ސްކޫލްގަ އޮވޭ، އެސްއެމްޓީއަށް އެއްވެސް އެއްބާރުލުމެއް ޕްރިންސިޕަލްއެއް ނުދޭ،" ކައުންސިލް މެމްބަރު އަރުޒަން ވިދާޅުވިއެވެ.
އަރުޒަން ވަނީ ސްކޫލްގެ ޕްރިންސިޕަލް އަދި ބެލެނެވެރިންނާ ނުވަތަ ޕީޓީއޭ އާ ބައްދަލުނުކުރާކަމަށާއި އަދި ބޭރު ޓީޗަރުން ދިވެހި ޓީޗަރުންނަށް އެއްބާރުލުން ނުދިނުމުގެ މައްސަލަތަކެއްވެސް އުޅޭކަމަށް އަރުޒަން ވިދާޅުވިއެވެ. މިއަދު ސްކޫލްތައް ހުޅުވިގެން ދިޔައިރު ހިރިމަރަދޫ ސްކޫލްގައި އެންމެ ދެރަވެގެން ޓައިމްޓޭބަލްއެއްވެސް ހެދިފައި ނުވާކަމަށް ވިދާޅުވެފައެވެ.
ކައުންސިލުން އިތުރަށް ވަނީ އެރަށު ސްކޫލްގެ ދަރިވަރުންގެ ފޮތްތައް ހަމަ ނުވާކަމަށާއި ކުދިންނަށް ލިބިފައިވަނީ ބާ ފޮތްތަކެއް ކަމަށް ފާހަގަ ކުރައްވާފައެވެ.
ބެލެނެވެރިން ގޮވާލަނީ އެ މައްސަލަތައް ހައްލުކޮށް ބޭރު ޓީޗަރުން ވީހާވެސް އަވަހަށް ބަދަލުވުން ކަމުގައި އަރުޒަން ވިދާޅުވިއެވެ.
އަދި ބެލެނިވެރިންގެ އެދުންތައް ފުރިހަމަ ނުވަނީސް ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމައިގެން ތިބި ކަމަށް ހިރިމަރަދޫ ކައުންސިލުން ވިދާޅުވިއެވެ.