ބަޔަކު އުޅެނީ މަގާމުން ދުރުކުރަން، އިސްތިއުފާއެއް ނުދޭނަން: މަހުލޫފު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މަގާމުން ދުރު ކުރަން ސިޔާސީ ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވި ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަނުގެ މައްސަލައިގައި ދައުވާކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ މީގެ ކުރިން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކަން އިންސާފުވެރިކޮށް ބަލާނެކަމަށް އޭރު ގަބޫލު ކުރެވުމުންނެވެ.

ނަމަވެސް އޭނާގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ އެހެން މައްސަލަތައް ބެލުމުގައި ޕީޖީ އޮފީހުން ތަފާތު ކުރާކަން މިހާރު ވަނީ ފާހަގަ ކުރެވިފައެވެ.

މަހުލޫފު ވިދާޅުވި ގޮތުގައި، ޕީޖީން ދައުވާ ކުރަން އާއްމު ގޮތެއްގައި ނަގަނީ ހަ ދުވަސް ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި ނަމަވެސް އޭނާގެ މައްސަލަ އެ އޮފީހުގައި އޮންނަތާ މިހާރު 60 ދުވަސް ވެއްޖެއެވެ.

އަދި އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ޕީޖީން އެކުލަވާލާފައިވާ ކޮމިޓީއިން މަހުލޫފުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ބުނެފައިވަނިކޮށް، އެ މައްސަލަ އެހެން ބަޔަކަށް ދޭން އުޅޭކަން މިހާރު ވަނީ ހާމަވެފައެވެ.

އެހެންކަމުން މަހުލޫފުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި ޝާމިލުވާ ސިޔާސީ ފަރާތްތަކެއް ތިބި ކަމަށާއި އެފަދަ ބަޔަކު ބޭނުންވާ ގޮތަށް، އަމިއްލައަށް މަގާމުން ދުރަށްޖެހިވަޑައިނުގަންނަވާނެ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައެއްގައި މީހުންނަށް ދައުވާ ކުރި އިރު އެހެން ބަޔެއްގެ ލަފާ ހޯދާށޭ ކިޔާފަ އެކަން ކޮއްފައެއް ނެތް. އަޅުގަނޑަށް އެނގޭ ވަރަށް ސާފުކޮށް ސިޔާސީ ބަޔަކުކަން މި ސަކަރާތް ޖަހަނީ. ސިޔާސީ ގޮތުން ބަޔަކު މިހާވަރުގެ ކަމެއް ކުރާ އިރު އަޅުގަނޑު ބޭނުމެއް ނުވޭ އެމީހުން ބޭނުންވާ ގޮތަށް ޖާގަ ދޭން. އެއީ އިސްތިއުފާ ދިނީމަ އެމީހުން ބޭނުންވާ ކަންތައްވީ. އޭރުން ދައުވާއެއްވެސް ނުކުރާނެ،" މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ހެކި ހޯދުމުގައި މައްސަލަތަކެއް ހުރި ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އަދި ބޭރު މީހެއްގެ ބަޔާން ނެގުމާ ބެހޭ ގޮތުން ރާއްޖޭގެ ގާނޫނުތަކުގައި ބުނެފައިވާ ގޮތާ ހިލާފަށް ލަންކާގެ ރައްޔިތެއްގެ ބަޔާން ނަގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެގޮތުން ރާއްޖޭގެ ގާނޫނުތަކުގައި އޮންނަނީ ބޭރު މީހެއްގެ ބަޔާން ނަގާ އިރު، ފުރަތަމަ ޕީޖީއިން ފޮރިން މިނިސްޓްރީއަށް އެކަން އަންގާ، އޭގެ ފަހުން އެ މިނިސްޓްރީން އަނެއް ގައުމުގެ ފޮރިން މިނިސްޓްރީއާ ވާހަކަ ދެއްކުމަށް ބުނެފައި ކަމަށް މަހުލޫފު ފާހަގަކުރެއްވިއެވެ.

ނަމަވެސް އޭނާގެ މައްސަލައިގައި ލަންކާގައި ހުންނަވާ ދިވެހި ސަފީރު އެގައުމުގެ ރައްޔިތަކަށް ގުޅުއްވައިގެން ބަޔާން ނެންގެވީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބަޔާން ނެގުމަށް ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ސަފީރު ހުންނެވި ކަމަށާއި ލަންކާގެ ރައްޔިތަށް ނުފޫޒު ފޯރުވާފައިވޭތޯ ބަލަން ޖެހޭ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

"ޖިނާއީ ތަހުގީގެއް ޒޫމް މެދުވެރިކޮށް ކުރި އިރު އެ ޒޫމް މީޓިންގައި ސަފީރު އިންނެވި. ލަންކާގެ ކުއްޖާއަށް ބިރު ދެއްކިތޯ. އެކުއްޖާގެ ވީޑީއޯ ނެގި އިރު އެކުއްޖާ އިނީ ކޮންތާކުތޯ. އެކުއްޖާގެ އަރިމަތީގެ ބަޑިހިފައިގެން ބަޔަކު ތިބިތޯ. އެކުއްޖާއަށް ލާރިދިންތޯ. ލޯޔަރެއް ނެތް ގައިމުވެސް. މިއީ ކުޑަ ކަމެއް ނޫން. މި ދައްކަނީ ވަރަށް ބޮޑު ކަމެއްގެ ވާހަކަ،" މަހުލޫފް ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓަރު ވަނީ އެ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާވެސް ހިއްސާ ކުރައްވާނެ ކަމަށާއި އޭނާގެ މަގާމާ ބެހޭ ގޮތުން ދެން ގޮތެއް ނިންމަވާނީ ރައީސް ކަމަށް ވިދާޅުވެފައެވެ.

މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް މަހުލޫފު ވަނީ އޭނާ އެ ބިލަށް ވޯޓު ދެއްވީ އޭރު އޭނާ ހުންނެވި ޕީޕީއެމްގެ ތްރީ ލައިން ވިޕާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ 33،000 ޑޮލަަރަކީ ފައިސާ ބަދަލު ކުރުމުގެ މުއާމަލާތެއްކަމަށް ބުނެ، އެސްއޯއެެފްގެ ނަމުގައި ތަައްޔާރުކޮށްފައިވާ "ޕޭމެންޓް ރިސީވްޑް" ސްލިޕެއް މަހުލޫފު އޭސީސީއަށް ހުށަހަޅާފައިވީ ނަމަވެސް، އެ ފައިސާއަކީ ޑޮލަރު ގަތުމުން ދިން ފައިސާކަން ތަހުގީގުން ބެލި ބެލުމުން އެނގެން ނެތް ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

ނަމަވެސް އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ހެއްކެއް ނުދެއްކޭނެ. ކޯޓަށް ދިޔައިމަ އެމީހުން ފަޟީހަތްވުން ނޫން އިތުރު އެއްވެސް ކަމެއް ނުވާނެ. މިއަދު މިދައްކާ ވާހަކަތައް، ކޯޓަށް މިމައްސަލަ ހުށަހަޅާ ދުވަހު އެމީހުން ލަދު ގަންނާނެ،" މަހުލޫފު ވިދާޅުވިއެވެ.

comment ކޮމެންޓް