"މާފުކޮށްފިން..." ދެވިސްނުމެއްގައި އިނދެފައި ރިއުމާން އޭނާގެ ޖަވާބު އިއްވައިލިއެވެ.

ރިއުމާން އަވަސް ނަޒަރެއް ހުނައިދާއަށް ވެސް ދިނެވެ. އެއަށްފަހު އޭނާ އަނެއްކާ ވެސް އިސްޖަހައިލިއެވެ.

"ދެން ގެއަށް އަންނާކަށް އަދިވެސް ނުވިސްނަންތަ؟" ނާޝިދުގެ ސުވާލާއެކު، ރިއުމާންއަށް އަނެއްކާވެސް ނާޝިދާ ނަޒަރު ސީދާކޮށްލެވުނެވެ.

"އެގޭގައި ވެސް އުޅެވިދާނެ..." ރިއުމާން އެހެން ބުނެލިއެވެ. ހަޤީގަތުގައި ބައްޕައާ އެއްފުރާޅެއްގެ ދަށުގައި އުޅޭކަށް އަދިވެސް އޭނާގެ ހިތެއް ނޭދެއެވެ. މާފު ކުރިނަމަވެސް، އެގޮތަށް އެކަންކުރަން އޭނާގެ ހިތް ނުރުހުނީތީ، ރިއުމާން ބޭނުންވީ އޭނާގެ ހިތުގެ ގޮވުމަށް އިޖާބަދޭށެވެ. އޭނާ އެހެން ބުނީ ވެސް އެހެންވެއެވެ.

އިތުރަށް ރަޝާދު ވާހަކަ ދައްކަން އުޅުނު ނަމަވެސް އޭނާއަށް އެ ފުރުސަތު ނުދީ ހުނައިދާ ލޮލުން އިޝާރާތްކޮށްލުމާއެކު، ނާޝިދު ބޯ ޖަހައިލިއެވެ. އިތުރަށް އޭނާ އެ ވާހަކަ ބޭއްވުމަށްފަހު، ވަރަށް ފުން ނަޒަރަކުން ރިއުމާންއަށް ބަލައިލިއެވެ. އޭނާ ދައްކަން ބޭނުންވެފައި އެތައް ބައިވަރު ވާހަކަތަކެއް ހުރިނަމަވެސް ކެތްތެރިވިއެވެ. މިވަގުތު ރިއުމާންއާ ހުރިހާ ވާހަކައެއް ދެއްކިޔަސް އެކަން ގަބޫލުކުރަން އުނދަގޫވާނެކަން އޭނާއަށް އެނގޭތީއާ ވެސް މެއެވެ. އޭނާ އިތުރަށް ދައްކާނެ ވާހަކައެއް ނޭނގުމާއެކު، އޮފީހުގެ ވާހަކައެއް ފެށިއެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ރިއުމާންގެ ހިތުގައި ވީ ޒަހަމްތައް ފަސޭހަވަމުން ދިޔަނަމަވެސް، އޭނާއަށް އަދިވެސް ސަޖަލް މަތިން ހަނދާން ނައްތައިލެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން އޭނާއާ އަޒްހާއާ ދެމެދު ވެސް އެކުވެރިކަން ކުރިފަޅާ ހެދެމުންދިޔައެވެ. އޭނާއަށް އުނދަގޫވާ ކޮންމެ ފަހަރަކު އަޒްހާ އާ ވާހަކަ ދައްކައިލެވުމުން ރިއުމާންގެ ހިތަށް ލުއިވިއެވެ. އަޒްހާ އަކީ އޭނާއަށް ކަންތައްތައް ހިއްސާކުރެވޭނޭ ގާތް އެކުވެރިއެއް ކަމަށް ވީތީ، އޭނާ ސަޖަލްގެ ވާހަކަ އަޒްހާ ކައިރީގައި ދައްކާ ކޮންމެ ފަހަރަކު އަޒްހާގެ ހިތަށް ކުރާ އަސަރުތަކުގެ ކުޑަ ވެސް ހިލަމެއް ރިއުމާންއަކަށް ނުވެއެވެ. އަޒްހާގެ ހިތުގައި ހިނގާ އިހުސާސްތައް އެއްވެސް ވަރަކަށް އޭނާއަކަށް ނޭނގެއެވެ. އަޒްހާ ވެސް މަސައްކަތް ކުރަމުންދިޔައީ އޭނާގެ ހިތު ތެރޭގައި އެ އިޙްސާސްތައް އޮއްބައިލާ، ރިއުމާންއާ މެދު އެކުވެރިއެއްގެ ނަޒަރުން ދެކޭށެވެ. އެހެންނަމަވެސް އެކަމަށް ތަންނުދެނީ އޭނާގެ ބަސްނާހާ ހިތެވެ. އެހިތުގެ ލަގަން އޭނާގެ އަތުން ދޫވިތާ އެތައް ދުވަހެކެވެ. ރިއުމާން ފެނުނު ފުރަތަމަ ދުވަހުވެސް އޭނާގެ ހިތް، އޭނާގެ އަތުން ވީއްލިގެން ދިޔަކަމީ އޭނާއަށް ޔަގީންވާކަމެކެވެ. ރިއުމާން ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އެ ފުން ދެލޮލަށް ގެއްލިފައި ހުރެވެނީ ދުވަހަކުވެސް ފޫހިނުވާނޭ ފަދަ ގޮތަކަށެވެ. އެހެންނަމަވެސް ރިއުމާންގެ ހިތުގައި އަބަދުވެސް ސަޖަލް ވީތީ، އޭނާއަށް އޭނާގެ އިޙްސާސްތައް ރިއުމާންގެ ކައިރީގައި ފާޅުކުރާކަށް ނުކެރެއެވެ.

"އޭ.... އަޒޫ... ކޮންވިސްނުމަކަށް ގެއްލިފަ؟" ރެސްޓޯރެންޓްގެ ތެރޭގައި އަޒްހާއާ ރިއުމާންއާ ދެމީހުން ތިބިއިރު އަޒްހާ އިނީ ހިޔާލަކަށް ގެއްލިފައެވެ. އެެތެރެ ކޮންމެވެސް ވަރަކަށް ހަލަބޮލި ނަމަވެސް، އެތަނުގައި ހިނގަމުން ދިޔަ އެއްވެސް ކަމެއް އޭނާއަށް ނޭނގޭ ކަހަލައެވެ. ރިއުމާން ދެފަަހަރަކު އަޒްހާގެ މޫނާ ދިމާލުގައި އަތް ހޫރައިލީ، ގޮވާ ގޮވާ ވެސް އަޒްހާގެ އެއްވެސް އިޝާރާތެއް އޭނާއަށް ނުލިބުމުންނެވެ.

"އާނ... ކީކޭ؟" އަޒްހާއަށް ސިހިފައި އަހައިލެވުނެެވެ.

"އަހަރެން ބުނީ ހާދަ ވަރަކަށް ގެއްލިފައޭ ތި އިންނަނީ؟ އަނެއްކާ ކަމެއް ވީތަ؟" ރިއުމާން ސުވާލުކޮށްލިއެވެ. އަޒްހާ ދެފަރާތަށް ބޯ ހޫރައިލަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.

"އަހަރެން ވެސް އަހަރެންގެ ހުރިހާކަމެއް އަޒޫއާ ޝެއާ ކުރަނީނު. ދެން އަޒޫ ވެސް އަހަންނާ ޝެއާ ކޮށްބަލަ! ޔޯ ސީކްރެޓް ވިލް ބީ ސޭފް ވިތު މީ..." ރިއުމާން ބުނެލިއެވެ.

"ފަހުން ދޯ!." އަޒްހާ އެމައުޟޫއަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

"އުހުން.... އަހަންނަށް އެނގޭ އަޒޫއަށް ބޮޑުކަމެއްވެއްޖެކަން. އެހެން ނޫނީ އަޒޫ ތިހެނެއް ނީންނާނެ. އަޅެ އަހަންނާ ޝެއާ ކޮށްބަލަ!" ރިއުމާން ކެނޑިނޭޅި އެދެމުން ދިޔައެވެ. އަޒްހާ އެކަމާ އިތުރަށް އަޅާނުލުމަށް ބުންޏެވެ.

"ނޫނެކޭ... އަހަރެން މިރޭ މިތަނުން ދާނީ އަޒޫ އެ ވާހަކަތައް ކިޔައިދިނީމަ... އަބަދުވެސް އަހަރެން ކައިރީ ބުނާނެ ޝެއާ ކުރީމަ ހިތްހަަމަޖެހޭނެޔޭ... ދެން މިހާރު އަޒޫއަށް ކިހިނެއްވީ؟" ރިއުމާން ހުރީ ދޫދޭގޮތަކަށް ނޫނެވެ. މިހާރަކަށް އައިސް އަޒްހާއަށް ބަދަލުތަކެއް އަންނަމުންދިޔަކަން އޭނާއަށް ފާހަގަ ކުރެވުނު ނަމަވެސް، ނޭނގެނީ އެއީ ކޮންކަމަކާ ގުޅިގެން އަންނަ ބަދަލުތަކެއް ކަމެވެ.

"ކަމެއް ނުވެޔޭ..."

"ގަބޫލެއް ނުކުރާނަން... ކޮންމެވެސް ކަމެއްވެއްޖެ. ދެން ބުނަބަލަ!" ރިއުމާން އަނެއްކާ ވެސް އަޒްހާއަށް ބަލައިލަމުން ބުނެލިއެވެ.

"އާނ އޯކޭ...." އަޒްހާ އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ. ރިއުމާންގެ ކައިރީގައި އޭނާއަށް ކުރި ނުލިބޭނެކަން ޔަގީންވީތީއާ ވެސް އެކުގައެވެ.

"އަވަސްކުރޭ..."

"ދެއާ ވޯޒް ދިސް ގާއި... އަމް.... އަހަރެން ވަރަށް ލައިކްވާ ކުއްޖެއް... ބަޓް އޭނަ ލައިކްވަނީ އެހެން ކުއްޖެއް ދެކެ... ސޯ...." އަޒްހާއަށް ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ. ރިއުމާންއަށް ހަމަ އޭނާގެ ހިތުގެ ހާލު އެއްގޮތަކަށް ވެސް ނޭނގެނީ ހެއްޔެވެ؟ އޭނާގެ ހިތުގައި އުތުރިއަރާ ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވަނީ ހެއްޔެވެ؟ އަޒްހާގެ ހިތުގައި ޝަކުވާތައް ވެސް އުތުރި އަރަމުން ދިޔައެވެ. ރިއުމާންގެ ހިތް މިލްކު ކުރުމަށް ކުރާނީ ކީއްކަމެއް އޭނާއަކަށް ނޭނގެއެވެ. ބައެއްފަހަރު އޭނާއަށް އަމިއްލަ ނަފްސު ދެކެވެސް ރުޅިއާދެވެއެވެ. ލިބެން ނެތް ލޯތްބަކަށް އުންމީދުކުރެވޭތީ ހައިރާން ވެސް ވެއެވެ.

"ހޭ...ހަމަޖެހިބަލަ، އޭނަ ކައިރީ ބުނެބަލަ ތިހިތުގަ ވާ އެއްޗެއް... ކިހިނެއް އަޒޫއަށް އެނގެނީ އޭނަ އެހެން ކުއްޖެއް ދެކެ ލޯބިވާކަމެއް؟ އޭނަ އުޅެނީ ރިލޭޝަންއެއްގަތަ؟" ރިއުމާން ޝައުގުވެރިވިއެވެ. އަޒްހާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އެހެންވިއްޔާ ޔޫ ހޭވް އަ ޗާންސް އޭ. އަޅެ އޭނަ ކައިރީ ބުނެބަލަ، ކާކުތަ އަޒޫ ކަހަލަ ކުއްޖަކަށް ނޫނެކޭ ބުނާނީ..." ރިއުމާން އަޒްހާ ހިތްހަމަ ޖައްސައިދިނުމުގެ ބޭނުމުގައި ބުނެލިއެވެ. ތިމާ ލޯބިވާ މީހާ ނުލިބުމަކީ ކިހާ ވޭންހުރި ކަމެއްކަން، އޭނާއަށް ވުރެ ރަނގަޅަށް އެނގޭނީ ކާކަށް ހެއްޔެވެ؟. އަޒްހާއަކީ އޭނާ އެންމެ ބޭނުންވި ދުވަހު އޭނާއަށް އެހީތެރިވާން ކައިރީގައި ހުރި މީހާއަށް ވާއިރު، މިއަދު އަޒްހާ އެފަދަ ހިތާމައެއް ކުރާކަށް އޭނާ ނޭދެއެވެ. މޭޒުމަތީގައި އޮތް އަޒްހާގެ އަތުގައި ރިއުމާން ހިފައްޓައިލުމާއެކު، އަޒްހާއަށް ސިހިފައި ރިއުމާންއާ ހަތަރު ކަޅި ހަމަކޮށްލެވުނެވެ. ދެން އޭނާއަށް ބަލައިލެވުނީ ރިއުމާން ހިފައްޓާފައިވާ އޭނާގެ އަތަށެވެ. އޭރު އެ ހިތުގެ ހިނގުން ވެސް ދިޔައީ އިންތިހާ ބާރުވަމުންނެވެ. ހީވަނީ މޭފަޅާލާފައި ބޭރަށް ނުކުމެދާނެހެންނެވެ. ރިއުމާންގެ އެންމެ ބީހިލުމަކުން ވެސް، އޭނާގެ މުޅި ހަށިގަނޑުގައި ފާޑެއްގެ ކަރަންޓު އޮއިވަރެއް ދައުރުކޮށްލިއެވެ. ރިއުމާން އަޒްހާގެ އަތަށް ބާރުކޮށްލުމާއެކު، އަނެއްކާ ވެސް އަޒްހާއަށް ރިއުމާންއާ ދިމާލަށް ބަލައިލެވުނެވެ.

"ޑޯންޓް ވޮރީ، ކިހިނެއް އެނގެނީ... ހަމަ އަދިވެސް އަޒޫއަށް އޭނަ ލިބިދާނެޔޭ..." ރިއުމާން ބުނެލިއެވެ.

"ޔޫ ތިންކް؟," އަޒްހާއަށް ބުމަ އަރުވައިލެވުނެވެ. އޭރު ވެސް އޭނާގެ އަތް ވަނީ ރިއުމާންގެ އަތުތެރޭގައެވެ.

"އައި އެމް ޝުއާ، އޭނަ ލިބޭނީ އަޒޫއަށް. ދެން ތިހާ ހާސްނުވޭ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ!" ރިއުމާން ބުނެލިއެވެ.

"މާންއަށް ވެސް އެނގެއެއްނު ލޯބިވާ މީހާ ނުލިބުމަކީ ކިހާ ވޭން ހުރިކަމެއްކަން..." އަޒްހާ އިސްޖަހައިލިއެވެ.

"އެހެން ވެގެނެއްނު އަހަރެން އަޒޫއަށް މި ހިތްވަރު ދެނީ... އަހަންނަށް ވީ ވަރު އެނގޭނީ އަހަންނަށްތާ... އަދިވެސް އަހަރެން އޭނަ ދެކެ ލޯބިވޭ... އެކަމަކު..." ރިއުމާން ވަކި ހިސާބަކަށް ބުނެފައި ހުއްޓައިލިއެވެ. އަޒްހާ އޭނާގެ އަތް ރިއުމާންގެ އަތު ތެރެއިން މިނިވަން ކޮށްލިއެވެ. ރިއުމާން މިފަހަރު ބުނެލި ޖުމްލަތައް ވެސް ޒަހަމު ދޭ ތީރުތަކެއްހެން ގޮސް ހެރުނީ ސީދާ އޭނާގެ ހިތަށެވެ.

"ދެން މާން ވެސް އެހެން ކުއްޖަކު ހޯދާކަށް ނުވިސްނަންތަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، އަޒްހާ ސުވާލުކޮށްލިއެވެ.

"އެހާ ފަސޭހަކަމެއް ނޫނޭ އެއީ އަޒޫ..." ރިއުމާން ބުނެލިއެވެ.

"އަޅެ އެއްފަހަރު ވެސް އޭނަ މަތިން ހަނދާންނައްތައިލަން މަސައްކަތް ކޮށްބަލަ! ލިބެން ނެތް ލޯތްބަކަށް އިންތިޒާރުކުރުމަށްވުރެ ތިމާއާއެކު އުޅެން ހުރި މީހަކާ އުޅުނިއްޔާ މާ ރަނގަޅެއްނު... "އަޒްހާ ބުނެލިއެވެ. އަޒްހާގެ ރާގު ހުރިގޮތުންނާ އެ ޖުމްލަތަކުގެ މާނަ ނަގަންވީ ގޮތެއް ރިއުމާންއަކަށް ނޭގުނެވެ. އޭނާއަށް އަޒްހާއަށް ބަލަހައްޓައިގެން އިނދެވުން ނޫންކަމެއް ނުކުރެވުނެވެ.

*****

އެންޖީއޯގެ އޮފީހުގެ ދޮރުގައި ކީކާޑު ޖައްސައި ހުޅުވައިލުމަށްފަހު، ސަޖަލް އެތެރެއަށް ވަތްއިރު ޖުމާނާ އެތެރޭގައި މަޑުކޮށްލައިގެން ކުއްޖަކާ ވާހަކަ ދައްކަން ހުއްޓެވެ.

"ހޭ ގާއިޒް... ކިހިނެއްވެފަ މިތާ ތިތިބީ؟" ސަޖަލް އައިސް ޖުމާނާ ކައިރިއަށް ހުއްޓެމުން ސުވާލުކޮށްލިއެވެ.

"ޝައު އަންނަންދެން މަޑުކޮށްލައިގެން..."

"އެހެންބަޔަކު އެބައުޅޭތަ؟" ސަޖަލް ސުވާލުކޮށްލިއެވެ.

"ޒިމްއާ ޝުޖާއާ އެބައުޅޭ..." ޖުމާނާ އެހެން ބުނެލިއެވެ. އެވަގުތު އޭނާއަށް ފޯނެއް އައުމުން ފޯނު ކަންފަތުގައި ޖަހައިލަމުން ދުރަށް ޖެހިލިއެވެ. ސަޖަލް ދެފަރާތަށް ބަލައިލަމުން، ޒާމިންމެންގެ ކެބިންއާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާ ގޮސް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ. އޭރު ޝުޖާއު ފައިލްތަކެއް މޭޒުމަތީގައި ބަހައްޓައިގެން އޭގެ ދޮށުގައި އެއަށް ގެއްލިފައި އިނެވެ. ސަޖަލްގެ ނަޒަރު ހުއްޓުނީ އެތަނުގެ އެތެރެއިން ވަދެވެން ހުރި ކެބިންގެ ބިއްލޫރިގަނޑުގެ އެފަރާތުން ފެންނަމުންދިޔަ ޒާމިންއަށެވެ. އެއީ ކޭސްއާ ގުޅުންހުރި ކަމެއް ކަމުގައި އޭނާއަށް ދެނަގަނެވުނީ، ޒާމިންގެ ކުރިމަތީގައި ހުރި ސޯފާގައި އިތުރު އަންހެނެއް އިށީނދެގެން އިނުމުންނެވެ.

"ވެލްކަމް ބެކް ސަޖޫ," މީހަކު ހުރިހެން ހީވެގެން ޝުޖާއު ފައިލްތަކުން ނަޒަރު ވަކިކޮށްލިއިރު ސަޖަލް ފެނިގެން އޭނާ ހިނިތުންވެލިއެވެ.

"ތެންކިއު. ޒިމް ބިޒީ ދޯ!..." ސަޖަލް ޝުޖާއުއަށް ބަލައިލަމުން ބުނެލިއެވެ.

"ޔާ... ވަރަށް ވަރުގަދަ ކޭސްއެއް ނަގައިގެން އެ އުޅެނީ..." ޝުޖާއު ބުނެލިއެވެ.

"އެއީ އަނެއް ކޭސްތަ؟ ޑްރަގް...." ސަޖަލް ސުވާލުކޮށްލިއެވެ.

"ޔާ... އެ ކޭސް އެއީ... މި ކުއްޖާ ގެއިން ނުކުމެގެން މަންމަމެން ގެއަށް ދިޔައިމަ ޑްރަގް ބޭނުންކޮށްގެން ހުރެ ގޮސް އެގޭ އެއްޗެއްސަށް ވެސް ގެއްލުން ދިނީ... ނުވިތާކަށް އެ ކުއްޖާއަށް ވެސް އަނިޔާ ކުރީ..." ޝުޖާއު ބުނެލިއެވެ.

"ދެން ކޭސް ވިން ވާގޮތެއް ނުވޭތަ އަދިވެސް؟" ސަޖަލް ސުވާލުކޮށްލިއެވެ.

"ކިހިނެއް ކޭސް ވިންކުރާނީ... އެ ފިރިހެން ކުއްޖާއަކީ މުއްސަނދި ވިޔަފާރިވެރިއެއްގެ ދަރިއެއް. އެމީހުން ލާރިން ހުރިހާކަމެއް ވެސް ކުރާނެތާ، ކުރިން ވެސް އެތައް ފަހަރަކު ބަންދުކުރި. އެކަމަކު ކޮންމެ ފަހަރަކުނވެސް ޖަލުން އެބަ މިނިވަންވޭ އެހާ އަވަހަށް..." ޝުޖާއު ބުނެލިއެވެ.

"ޝުޖާ ވެސް ކޭސްގެ ކަމެއްތަ ތިކުރަނީ؟" ސަޖަލް ޝުޖާއުގެ މޭޒު ދޮށަށް ހުއްޓި ސުވާލުކޮށްލިއެވެ.

"އާނ... މަގޭ ކޭސް ވިންވުމާ ދާދި ގާތުގަ... އަސްލު މަށަށް އެ ކޭސް ފުރަތަމަ ދޭން އުޅުނީ... އެކަަމަކު މަށަށް ވުރެ އެކްސްޕީރިއެންސް ވާނީ ޒިމް ތާ. އެހެންވެ ދެމީހުން ދެ ކޭސް ބަދަލުކޮށްލީ..." ޝުޖާއު އިތުރަށް އޮޅުން ފިލުވައިދިނެވެ.

ސަޖަލް އެތަނުގައި ހުއްޓާ ދޮރުފަތް ހުޅުވާލާފައި އެ އަންހެން ކުއްޖާ ނުކުތެވެ. އެ ކުއްޖާގެ މޫނުމަތި ފެނުމާއެކު، ސަޖަލްއަށް ވެސް ހިނދުކޮޅަކަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނިތްކުރިމަތި ފަޅައިގެން ގޮސްފައިވާއިރު، ކޯތާފަތުން ބޮޑުބައެއް ވަނީ ރަތްވެ ނޫފައިގަނެފައެވެ. އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ.

ސަޖަލްއަށް ބަލައިލުމަށްފަހު، އެ އަންހެން ކުއްޖާ ހިނިތުންވެލުމާއެކު، ސަޖަލް ވެސް ހިނިތުންވެލިއެވެ. އޭނާ ޒާމިން އިން ބައިގެ ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަނެވެ. އޭރު ޒާމިން ފައިލްތަކަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ސަޖަލްއަށް ބަލައިލަނީއެވެ.

"ހޭ... ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެއޭ... ހުރިހާކަމެއް އޯކޭތަ؟" ސަޖަލް ސުވާލުކޮށްލިއެވެ.

"ހެހެ. ސަޖޫ ނާންނަންޏާ ނުފެންނާނެ އެއްނު. ހައު އާ ޔޫ މިހާރު؟ ރެސްޓްކޮށްލީމަ އޯކޭވެއްޖެ ދޯ..." ޒާމިން ސުވާލުކޮށްލިއެވެ.

"އާނ!. ރަނގަޅު. ބިޒީ ދޯ..." ސަޖަލް ބުމަ އަރުވައިލަމުން ވަށައިގެން ބަލައިލަމުން ބުނެލިއެވެ.

"ނޫނޭ ބިޒީއެއް ނޫން އަނެއްހެން. އައި ވޯޒް ޖަސްޓް ގޮނަ ޓޭކް އަ ބްރޭކް އޭ... ވަރަށް އިރުވެއްޖެ މިތާ އިންނަތާ..." ޒާމިން ސަޖަލްއަށް ބަލައިލަމުން ބުނެލިއެވެ.

"ސޯ ޒާމިން ދޯ މިހާރު އެ ކޭސް ކުރިއަށް ގެންދަނީ..." ސަޖަލް އަހައިލިއެވެ.

"އާނ... ސަޖޫއަށް ދިމާވި ކަންތަކާ ހަމަ އެއްގޮތަށް ކަންތައްތައް ހިނގަނީ... ހަމައެކަނި އަނިޔާގެ ބައި އިތުރުވަނީ!" ޒާމިން އެހެން ބުނެލި ނަމަވެސް، ސަޖަލްއަށް އެއިން މާނަ ނަގާނެ ގޮތެއް ނޭނގުނެވެ.

"ތިބުނި އެއްޗެއް ނޭނގުނު..." ސަޖަލް ބުނެލިއެވެ.

"އަހަރެން މިބުނީ ހަމަ ސަޖޫއަށް ވެސް ވީ ގޮތަށޭވަނީ... ފާރަލުމާ، މެސެޖްކޮށް ގުޅުމާ..." ޒާމިން ކުޑަކޮށް އޮޅުން ފިިލުވައިލަދިނެވެ.

"އޯހ!..."

"ސަޖޫގެ ވެސް ކޯޓް ކޭސްއަކާ ހިސާބަށް މައްސަލަ ދިޔައީހޭ ފަހުން ފުލުހަށް ގޮސް މައްސަލަ ޖެއްސިނަމަ..." ޒާމިން ބުނެލިއެވެ.

"މިހާރު ދެން އެހާ ބޭނުމެއް ނޫން އެކަން ކުރާކަށް. އޭނަގެ އުނދަގުލެއް ވެސް އަނެއްހެން ނުވެއެއްނު..." ސަޖަލް ބުނެލިއެވެ.

"ހެހެ އޯކޭ..." ޒާމިން ބުނެލިއެވެ. އެއަށްފަހު އޭނާ ފައިލްތައް ލައްޕައިލާފައި ތެދުވިއެވެ. ދެމީހުން އެކުގައި އެތަނުން ނުކުމެގެން ދިޔައީ ޝުޖާއު ކައިރިއަށެވެ. ޒާމިންއާ ޝުޖާއު ވާހަކަ ދައްކަން ފެށުމުން ސަޖަލް ވެސް އެ ކެބިންއިން ނުކުމެލިއެވެ. އޭރު ޝައުފާ ވެސް އޮފީހަށް ވަންނަނީއެވެ. ސަޖަލް ފެނުމާއެކު އޭނާގެ މޫނުމަތިން ވެސް އުފާވެރިކަން ފެންނަމުން ދިޔައެވެ. އަޅާފައިވާ ބުރުގާ ރަނގަޅުކުރަމުން އޭނާ އައިސް ކުޑަކޮށް ސަޖަލްގެ ގައިގައި ބައްދައިލިއެވެ.

އެންޖޯއީގެ ބައެއް މަސައްކަތްތައް ކޮށްފައި، އެމީހުން ގެއަށް ދާން ނުކުތީ ވެސް އެކުއެކީގައެވެ. ފަހަރަކު މީހަކު އެމީހެއްގެ ސައިކަލަށް އަރައިގެން ދާން އަވަސްވެގަތެވެ. އެންމެން ދިޔަފަހުން، ޒާމިން ސަޖަލްގެ ކައިރިއަށް ޖެހިލާ ސަޖަލްއަށް ގޮވައިލިއެވެ.

"މިތާ ކައިރިތަނަކަށް ކޮފީއަކަށް ގޮސްލެވޭނޭތަ؟" ޒާމިން ސުވާލުކޮށްލިއެވެ. އެއާއެކު ސަޖަލް ހިނިތުންވެލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ.

"ހިނގާ ދާން..." ސަޖަލް ހިނގައިގަތެވެ. ދެމީހުން އެއްވަރެއްގައި ތިބެ ހިނގާފައި ގޮސް ވަނީ އެތަނާ މާދުރުނޫން ރެސްޓޯރެންޓެއްގެ ތެރެއަށްވަނެވެ. ހުސް މޭޒެއް ހޯދައިލަމުން ދެމީހުން ގޮސް މޭޒު ދޮށުގައި އިށީނުމާއެކު، ވެއިޓަރު އައިސް މެނޫ ދިއްކޮށްލިއެވެ.

"އަހަރެން އެއްޗެއް ކާކަށް ނޫން މިއައީ... ހަމައެކަނި ސަޖޫއާ ވާހަކަ ދައްކައިލަންވެގެން.." ޒާމިން ބުނެލިއެވެ. ހިނިތުންވެލުން ފިޔަވާ އިތުރުކަމެއް ސަޖަލްއެއް ނުކުރެއެވެ. ދެމީހުން ވެސް އޯދަރު ދިނީ ޑްރިންކަކަށެވެ.

"އަހަރެން އޭރު ދެއްކި ވާހަކައާ މެދު އެއްވެސް އިރެއްގައި ސަޖޫ ވިސްނިންތަ؟" ކުއްލިއަކަށް ޒާމިން ސުވާލުކޮށްލިއެވެ. އެއާއެކު ސަޖަލްއަށް ޒާމިންއާ ނަޒަރު ސީދާކޮށްލެވުނެވެ.

"ކޮން ވާހަކައެއް؟" ޒާމިންގެ ވާހަކައިގެ މިސްރާބުހުރިގޮތުން އެދައްކަނީ ކޮން ވާހަކައެއްކަން ސަޖަލްއަށް އެނގުނު ނަމަވެސް، އޭނާ އެ ސުވާލުކޮށްލީ ބުނާނެ އެއްޗެއް އެވަގުތު އޭނާގެ ހިތަށް ނައީތީއެވެ.

"އިނގޭނެ މިހާރު މިހެން ބުނާއިރު، އަހަރެން ބުނީމެއްނު އަހަންނަށް ސަޖޫ ވަރަށް ކަމުދެޔޭ، ސަޖޫ ބޭނުން ދުވަހެއް ވަންދެން އަހަރެން ޓައިމް ދޭނަމޭ..." ޒާމިން ބުނެލިއެވެ.

"އަހަރެން..."

"ސަޖޫއަށް އަހަންނަށް އިތުބާރު ނުކުރެވެނީތަ؟ އަހަރެން ވަރަށް ސަޖޫ ބޭނުން... އަޅެ ޖަވާބެއް ދީބަލަ އަހަންނަށް ދެން..." ޒާމިން ބުނެލިއެވެ.

"އަހަރެން..." ސަޖަލްއަށް އެހެން ބުނެފައި އަނެއްކާ ވެސް ހުއްޓައިލެވުނެވެ.

"އެންމެ ރަނގަޅު. އެޓް ލީސްޓް ވިސްނާލަފަ ވީކެއް ތެރޭ އަހަންނަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅޭ... އެހާ އިރަށް ވިސްނޭނެއެއްނު!." ޒާމިން ބުނެލިއެވެ. ސަޖަލްއާ ޒާމިންއާ ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ދެ ޒުވާނުންގެ ހިތަށްވެސް އާދަޔާ ޚިލާފު ގޮތެއް ވެގެން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު