ފުރަތަމަ ފަހަރަށް ޕެރަލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާނީ މާޒިން އާއި ފާތުން

ޕެރަލިމްޕިކްގައި ވާދަކުރާ މާޒިން އަދި އޭނާގެ އެހީތެރިޔާ ސައިފް --- ފޮޓޯ//ޕެރަލިމްޕިކް ކޮމިޓީ

ޖަޕާނުގެ ޓޯކިޔޯގައި މި މަހު ބާއްވާ ޕެރަލިމްޕިކްސް ގައި މުޅިން އަލަށް ރާއްޖެ ބައިވެރިވާން ނިންމުމާ އެކު އެ ގޭމްސްގައި ވާދަ ކުރާނެ ދުވުންތެރިންނަށް މުހައްމަދު މާޒިން އަދި ފާތިމަތު އިބްރާހިމް ހަމަޖައްސައިފިއެވެ.

ޕެރަލިމްޕިކްސް ބާއްވާތާ 61 އަހަރު ފުރިފައިވާ އިރު، މި އަހަރަކީ މި ގޭމްސްގައި ރާއްޖެ ބައިވެރިވާނެ ފުރަތަމަ ފަހަރެވެ. ޕެރަ އެތުލެޓިކްސްގެ އިވެންޓުތަކުގައި ރާއްޖެއިން މިފަހަކަށް އައިސް ބައިވެރިވުން އިތުރުކޮށްފައިވާ އިރު، މިހާރު ރާއްޖޭގައިވެސް ވަނީ ޕެރަ އޮލިމްޕިކްސް ކޮމިޓީއެއް ގާއިމުކޮށްފައެވެ. މާޒިން އާއި ފާތުން ވެގެންދާނީ، ޕެރަލިމްޕިކްސް ގޭމްސްއެއްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އެތުލީޓުންނަށެވެ.

ޕެރަލިމްޕިކްގައި ވާދަކުރާ ފާތުން އަދި އޭނާގެ އެހީތެރިޔާ ރަބާ އިސްމާއިލް --- ފޮޓޯ//ޕެރަލިމްޕިކް ކޮމިޓީ

އެކަން އިއުލާން ކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕެރަލިމްޕިކް ދުނިޔޭގަ ބާއްވާތާ 61 އަހަރު ވެފައިވާ ކަމަށާއި ރާއްޖޭ ފުރަތަމަ ފަހަރަށް ތަމްސީލުކުރާ ފާތުން އަދި މާޒިން އަށް ކާމިޔާބަށް އެދޭ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފައްދާދީ، ކާމިޔާބީތަކެއް ހާސިލްވެފައިވާކަމީ އަޅުގަނޑަށްލިބޭ އުފަލެއް," މަހްލޫފް ވިދާޅުވެފައިވެ އެވެ.

ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެތްލީޓުންގެ ތެރެއިން މާޒިންގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ މުހައްމަދު ސައިފް ޒާހިރެވެ. އަދި ފާތިމަތު އިބްރާހިމްގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ ރަބާ އިސްމާއީލް އާސިފެވެ. ރާއްޖޭގެ ދެ އެތްލީޓުންވެސް ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ.

މޮރިޝަސްގައި 2019 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެ ކެޓަގަރީގެ 100 މީޓަރު ދުވުމުން މާޒިން ވަނީ ލޯ މެޑަލްއެއް ހޯދައިފި އެވެ.

މިހާރު ކުރިއަށްދާ އޮލިމްޕިކްސް ނިމުމަށްފަހު ޕެރަލިމްޕިކްސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 24 އިން އަންނަ މަހު ފަހެއްގެ ނިޔަލަށެވެ.

comment ކޮމެންޓް