ރެސްޓޯރަންޓުތަކުގައި އާންމު އުސޫލުން ހިދުމަތްދިނުމުގެ ހުއްދަ ދީފި

ޓައިޑްސް ކެފޭ --

ރެސްޓޯރެންޓުތަކުގައި އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ ދީފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވިދާޅުވީ، މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބައެއް ލުއިތައް ދޭނެ ކަމަށެވެ. އެގޮތުން ކެފޭ އަދި ރެސްޓޯރެންޓްތައް ހުޅުވާލުމަށް ނިންމާފައި ވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެގޮތުން ރެސްޓޯރެންޓް ކެފޭ ފަދަ ތަންތައް ހުޅުވާ ގަޑިތައް، ކުރިން ވެސް އާންމުކޮށް ހިދުމަތް ދޭ ގަޑިތަކާ އެއްގޮތަށް ބަދަލު ކުރުމަށް މިވަނީ ނިންމިފަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ޕާޓިތަކާއި ހަފްލާތައް ބޭއްވުމުގެ ހުއްދަވެސް މިއަދު ވަނީ ދީފައެވެ. އެގޮތުން އެފަދަ ހަފްލާތައް ބާއްވާއިރު ގައިޑްލައިންތަކާ އެއްގޮތަށް ބޭއްވުމަށް ޑރ ނަޒްލާ ވަނީ އާއްމުންނަށް ހަނދާން ކޮށްދީފައެވެ.

ޕާޓީތަކާއި ހަފްލާ ތަކުގައި ބައިވެރި ވެވޭނީ ވަކި އަދަދެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައި ނުވި ނަމަވެސް، މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އިރުޝާދު ދިނުމާއެކު، ވީހާވެސް ބަންދު ނޫން ތަންތަނުގައި ޕާޓީތައް ބޭއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑާއި ދެކޮޅަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރުންވެސް ހިމެނެއެވެ. އެކިފަހަރު މަތިން ރެސްޓޯރެންޓްތައް ފަދަ ތަންތަން ބަންދުކުރުމުގެ ސަބަބުން އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަމުގެ ޝަކުވާ އެ ވިޔަފާރިތަކުގެ ވެރިން ވަނީ މީގެ ކުރިން ކޮށްފައެވެ.

comment ކޮމެންޓް