ޒުވާން މަސްވެރިޔާ ރާއްޖެ ފަތަހަކުރާ ދަތުރަކަށް ތައްޔާރު!

ޒުވާން މަސްވެރިޔާ ހަސަން ސާޖިން. --ފޮޓޯ/ޒުވާން މަސްވެރިޔާ

ހަސަން ސާޖިން އާންމު ނަމުންނަމަ ޒުވާން މަސްވެރިޔާ މިހާރު އަމާޒު ހިފަމުން ދަނީ އެންމެ 17 މަސްތެރޭ ރާއެްޖޭގައި މީހުން ދިރިއުޅޭ 200 އަށް ވުރެ ގިނަ ރަށަށް ދަތުރުކުރުމަށެވެ.

"ޑިސްކަވާ މޯލްޑިވްސް ވިތް ޒުވާން މަސްވެރިޔާ" ގެ ނަމުގައި ސާޖިން ފަށަން މިއުޅޭ ދަތުރު އޭނާ އެންމެ ފުރަތަމަ އިއުލާންކުރީ ސޯޝަލް މީޑިއާގައެވެ. އެކަން ޓްވިޓާ މެދުވެރިކޮށް އިއުލާންކުރުމާގުޅިގެން "ސަން" އިން ސާޖިން އާ ސުވާލު ކޮށްލުމުން ޖޯޝާއެކު ގިނަ ވާހަކަތަކެއް ހިއްސާކުރަމުން ސާޖިން ވަނީ އޭނާގެ އަމާޒު ހުރީ މި ދަތުރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުން ކަމަށެވެ.

ހއ. އުތީމުން ފަށައިގެން އައްޑޫ އަތޮޅާއި ހަމައިން ނިންމާ މި ދަތުރުގައި ކޮންމެ ރަށަކަށް ދިއުމަށްފަހުވެސް ސާޖިން ވަނީ އެކި ކަންކަން ކުރަން ރާވާފައެވެ. އެ ދަތުރުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ ކަމަށް އޭނާ ކިޔައިދިނެވެ.

"އުތީމުން ފަށައިގެން އެ ސަރަހައްދުގައި ޑައިވް ކުރެވެން އިނިއްޔާ ޑައިވް ވެސް ކުރާގޮތަށް. އުތީމުގައި ފުރަތަމަ ކަމަކަށް، އުތީމަކީ ވަރަށް އާސާރީތަނެއް،"

"އެގޮތުން ކޮންމެ ރަށަކަށް އަރައި އެރަށެއްގައި ހުންނަ އާސާރީ ނުވަތަ ސަގާފީ ނުވަތަ މިސާލަކަށް ބުނާނަމަ އެރަށެއްގައި ހުންނަ ހުރިހާ ކަމެއް ސޯޝަލް މީޑިޔާއަށް ދޫކޮށްލެވޭތޯ،" ސާޖިންގެ ދަތުރާ ބެހޭގޮތުން ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އެރަށެއްގެ ހުންނަ ހާއްސަ ކަމެއްގެ ފޮޓޯއާއި ވީޑިއޯ ނަގައި އެ ތަކެތި މުޅި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާ ހަމައަށް ގެންގޮސް ރާއްޖެ ޕްރޮމޯޓްކުރުމަކީ އަމާޒެއް ކަމަށެވެ.

"މިސާލަކަށް މަސްވެރި ރަށަކަށް އަރައިފިއްޔާ އެރަށެއްގެ މަސްވެރިކަން، އެއީ ސްޕޯޓްސް ފިޝިންގް ވިޔަސް، ފާނަ މަސްވެރިކަން ވިޔަސް އަދި ކަންނެލީގެ މަސްވެރިކަން ވިޔަސް،" ސާޖިން ބުންޏެވެ.

ސާޖިންގެ ވީޑިއޯތަކާއި ފޮޓޯތައް އަމާޒުކުރަން ވިސްނަނީ ވަކި ކަމަކަށް ނޫނެވެ. އެރަށެއްގެ ހާއްސަ ހުރިހާ ކަމަކަށް އޭނާގެ "ފޯކަސް" އެބަ ހުއްޓެވެ.

"އަޑިންނާ މަތިން" ވީޑިއޯތައް ނަގަން ބޭނުންވާ ކަމަށް ސާޖިން ބުނެއެވެ. އެގޮތުން ޑައިވް ކުރެވޭ ހުރިހާ ހިސާބެއްގައި ޑައިވް ކުރުމަކީ އޭނާ ބޭނުންވާކަމެކެވެ.

ސާޖިން އަކީ ގްރޭޑް ނުވަކުން ފެށިގެން މަސްވެރިކަމުގައި އުޅެބޮޑުވި ފަރާތެކެވެ. މަސްވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭގެ ހުރިހާ މަސްވެރިންނާ ބައްދަލު ކުރުމަށް ސާޖިން ބޭނުންވާކަމަށް އޭނާ ބުންޏެވެ. އަދި އެމީހުންނާ ވާހަކަދައްކައި މަޝްވަރާކޮށް، މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ސާޖިން އަޑުއަހަންވެސް އޭނާ ބޭނުންވާކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގެ މަސްވެރިކަން ކުރާގޮތް ތަފާތު ކަމަށް ފާހަގަކުރަމުން ސާޖިން ބުނީ އެކި ހިސާބުތަކުގައި މަސްވެރިކަން ކުރާގޮތް ބަލައި، އެކަންވެސް އޭނާ ތަޖުރިބާ ކުރަން ބޭނުންވާ ކަމަށެވެ.

އެންމެ 17 މަސްދުވަހަށް އަމާޒު ކޮށްގެން ދަތުރު ފެށި ނަމަވެސް، ރައްރަށުގައި ކަންތައްތައް ހުންނަ ގޮތަށް ބަލައި، މި މުއްދަތް އިތުރު ވެދާނެ ކަމަށް ސާޖިން ފާހަގަކުރިއެވެ.

"އޭގެ ތެރޭގައި މަ ވަރަށް ކުރަން ބޭނުންވާ އެއް ކަމެއް، ރާއްޖޭގެ މަސްވެރިންގެ އަދަދު ހޯދުން. ރާއްޖޭގެ މަސްވެރިންގެ އަދަދަކީ އެނގިފައި ވާ އެއްޗެއް ނޫން،"

"ކަޅުބިލަމަސްވެރިން ކިހާވަރެއްތޯ، ކަންނެލި މަސްވެރިން ކިހާވަރެއްތޯ،" ސާޖިން ކިޔައިދިނެވެ.

ޒުވާން މަސްވެރިޔާ ހަސަން ސާޖިން. -- ފޮޓޯ/ޒުވާން މަސްވެރިޔާ

އޭގެ ތެރޭގައިވެސް ކޮންމެ ރަށެއްގައި މަސްވެރިކަން ކުރަނީ ކިތައް މީހުންކަމާއި، އެކަމުގައި ޝާމިލް ވަނީ ކިހާ އާއިލާއެއްތޯ ބެލުމުގެ ޝައުގުވެރިކަން ވެސް ސާޖިންގެ އެބަ ހުއްޓެވެ.

"މަސްވެރިންނާއެކީ މަހަށް ގޮއްސަ މަސްވެރިންނާއެކީ އުޅެން ބޭނުންވަނީ،" އެހެންކަމުން ސާޖިން ދަތުރު ކުރާ ރައްރަށުގެ މަސްވެރިންނާ އެކީ މަހަށް ދެވޭތޯވެސް އޭނާ މަސައްކަތް ކުރާނެއެވެ.

މި މަހުގެ ފަހުކޮޅުގައި ދަތުރު ފަށަން ރާވަމުންދާ ސާޖިން ބުނީ، މިވަގުތު އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ސްޕޮންސަރުންގެ ލިބުންކަމަށެވެ.

އަދި ސްޕޮންސާތައް ލިބޭހާ އަވަހަކަށް ދަތުރު ފެށުމަށް ސާޖިން ހުރީ ތައްޔާރަށެވެ. އަދި ކޮވިޑްގެ ހާލަތު ހުރި ގޮތުން، ރަށެއްގައި ކަރަންޓީން ވާން ޖެހިއްޖެ ނަމަ އެކަން ވެސް ކުރަން ތައްޔާރަށް ހުރި ކަމަށް އޭނާ ބުނެ އެވެ.

"އެހެންވެ 17 މަސްދުވަހޭ ބުނީ. ބޭނުންވަނީ ކޮންމެ ރަށަކަށް އަރާފައި ވެސް، އެރަށެއްގައި ކުުރާ ކޮންމެ ކަމެއް އެމީހުންނާ އެކީ އެކްސްޕީރިއަންސް ކޮށް، އެމީހުންގެ ވާހަކަތައް، އެމީހުން ކުރާ ކަންތައްތައް ސޯޝަލްމީޑިޔާއަށް އަރުވަން،" ސާޖިން ބުންޏެވެ.

މި ދަތުރުގައި ފަރުތައް ހިމާޔަތްކުރުމަށް ވެސް ސާޖިން މަސައްކަތް ކުރާނެއެވެ. އެގޮތުން އެކި ރައްރަށުގެ އެކި އެންޖީއޯތައް ނުވަތަ ކައުންސިލްތަކާއި ވާހަކަ ދައްކައިގެން ތިމާވެއްޓަށް ލިބޭ ބައެއް ގެއްލުންތަކާ ބެހޭ މަޝްވަރާތައްވެސް ސާޖިން ކުރާނެއެވެ.

ރާއްޖޭގައި މަސްވެރިކަން ޕްރޮމޯޓް ކުރަން އެއްވެސް ބައެއްގެ މާބޮޑު ޝައުގުވެރިކަމެއް ނޯންނަކަމަށް ސާޖިން ބުންޏެވެ.

ނަމަވެސް އޭނާ އެކި ތަންތަނަށް ޕްރޮޕޯސަލްތައް ހުށަހަޅަަައިގެން އުޅޭ ކަމަށާއި، މި ޕްރޮޕޯސަލް އަކީ މިފަދަ ގޮތަކަށް ރާއްޖޭގައި މިހާތަނަށް ހެދި ފުރަތަމަ ޕްރޮޕޯސަލް ކަމަށް އޭނާ ދެކެއެވެ. އެހެންކަމުން ސްޕޮންސާ ނުލިބުމުގެ ބިރުހީވި ނަމަވެސް އެކަމަށް އޭނާ އުންމީދު ކުރެއެވެ.

ސާޖިން ފާހަގަކުރި ގޮތުގައި މި ދަތުރަށް އޭނާ ބޮޑެތި ހަރަދުތަކެއްވެސް ކުރަން ޖެހެއެވެ. އެހެންކަމުން ކުންފުނިތަކާއި ސަރުކާރުގެ އެކި އިދާރާތަކުގެ އެހީތެރިކަންވެސް މިކަމުގައި ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މި ދަތުރުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ޓޫރިޒަމްގެ އިތުރުން ދަނޑުވެރިކަން ފަދަ ކަންތައްތައް ޕްރޮމޯޓްވާނެ ކަމަށް ސާޖިން ބުންޏެވެ.

ސަބަބަކީ އޭނާ މީގެ ކުރިން ހަދާފައިވާ ވީޑިއޯތަކާއި ފޮތޯތައް ގިނަ އަދަދެއްގެ މީހުން ބަލާފައިވާތީއާއި ބައެއް ވީޑިއޯތައް ބޭރުގެ އެކި ފަރާތްތައް ވެސް ބަލާތީކަމަށް އޭނާ ބުންޏެވެ.

އުމުރުން 23 އަހަރުގެ ސާޖިންގެ 'ޒުވާން މަސްވެރިޔާ' ޕޭޖް 159،965 މީހުން ފޮލޯ ކުރެއެވެ. އަދި 61،949 މީހުން އެ ޕޭޖަށް ލައިކު ދީފައިވާ ކަމަށް ސާޖިންގެ ޕްރޮޕޯސަލްގައި ފާހަގަ ކޮށްފައިވެއެވެ.

ސާޖިން ބުނީ އޭނާގެ މި މަސައްކަތުގައި ރައްރަށުގެ މީހުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށާއި ހާއްސަކޮށް ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

comment ކޮމެންޓް