މަރު ކޮމިޝަނުން މިހާރު ކުރާހާވެސް މަސައްކަތަކީ ފޫ ނެެތް ފަޔަކަށް ފެންފުރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުވާލި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަހުގީގަށް ހުރަސްއެޅުއްވިކަމަށް ބުނާ މައްސަލައާ ގުޅިގެން އުމަރު މިއަދު "ސަން" އަށް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި މަރުތަކާއި އެހެނިހެން މައްސަލަތައް ވަރަށް ފުރިހަމައަށް ތަހުގީގުކޮށްފައިވާކަމަށެވެ.
އެހެންކަމުން މަރު ކޮމިޝަނަށް އަލަށް ކުރެވޭނެ އެއްވެސް އިތުރު ތަހުގީގެއް ނޯންނާނެކަމަށެވެ. އަދި މިހާރު އެ ކޮމިޝަނުން ކުރަމުންދާ ކަމަކީ ބޭކާރު ކަމެއްގެ ގޮތުގައި އުމަރު ސިފަ ކުރެއްވިއެވެ.
"ރިލްވާނުގެ މައްސަލައަކީ ހުރިހާ އެވިޑެންސެއް ހޯދާ ތަހުގީގުކުރެވިފައި އޮތް މައްސަލައެއް. އެހެންވީމާ އަލަކަށް ކުރެވޭނެ ތަހުގީގެއް ނޯންނާނެ،"
"މި ބޭފުޅުން ވެރިކަމަށް އައިސް ބައްލަވާލެއްވީމާ އެނގޭނެ އަޅުގަނޑުމެން ހުރިހާކަމެއް ކޮށްފައިވާކަން. މި މީހުން އަލަށް ފުރޮޅާނެ ގަލެއް ނެތްކަން އެނގޭނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ރިލްވާނުގެ މައްސަލަވެސް ވިއްކައިގެން ކަމަށެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުންް ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގެ ގެއްލުނު ރިލްވާންގެ މައްސަލަ ނުބަލަން އެއްވެސް އިރެއްގައި ރައީސް ޔާމީން ނާންގާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ވިދާޅުވި "ޑޯންޓް ބީ އޯވާވެލްމިން" ބަސްފުޅުގެ މާނައަކީ "ތި ވަރު އަރުވާނުލިޔަސް ފުދޭނެ" ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޮވާވެލްމުގެ މާނައަކީ "ހުއްޓާލުން" ނޫންކަމަށެވެ. އަދި އެގޮތަށް އެ މާނަ ކުރަނީ އެ މީހަކަށް އިނގިރޭސި ބަސް ނޭނގޭތީކަމަށެވެ.
"ޔާމީނަށް އޮންނާނީ ދަންނަވާފައި 80 ވަރަކަށް ފުލުހުންނާއި ސިފައިން ޓްރައިލަށް ޑިޕްލޯއިކޮށްފައިވާ ވާހަކަ. އިތުރު މީހުން ޑިޕްލޯއީ ކުރާ ވާހަކަ ދައްކާތީވެ ޔާމީން ވިދާޅުވީ ޑޯންޓް ބީ އޯވާވެލްމިން،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން އެހެން ވިދާޅުވުމުގެ މަގްސަދަކީ ދައުލަތުގެ ވަސީލަތްތައް އެއް ދިމާލަކަށް ހުސްކޮށް ނުލުންކަމަށެވެ.
"ރައީސް ޔާމީން އެއްގޮތަކަށްވެސް ތަހުގީގަކަށް ހުރަހެއް ނާޅާ. ކަނޑައެޅިގެން ދޮގެއް ހަމަ." އުމަރު ވިދާޅުވިއެވެ.