ޖިންސީ ފުރައްސާރައިގެ މައްސަލައިގައި ނިއު ޔޯކްގެ ގަވަރުނަރު އިސްތިއުފާ ދެއްވަން ޖެހޭ: ބައިޑެން

ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ -- ފޮޓޯ: ރޮއިޓާސް

ނިއު ޔޯކް (އޮގަސްޓު 4): އެމެރިކާގެ ނިއު ޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރެއްވި ކަމަށް އެކަމާ ގުޅުން ހުރި ތަހުގީގަކުން ހާމަ ވުމުން، ކޫމޯ އިސްތިއުފާ ދެއްވުމަށް ރައީސް ޖޯ ބައިޑެން ގޮވާލައްވައިފިއެވެ.

ކޫމޯގެ އިސްތިއުފާއަށް ބައިޑެން ގޮވާލެއްވީ، ކޫމޯ ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށް، ސްޓޭޓް އަދި ފެޑެރަލް ގާނޫނުތަކާ ހިލާފުވެފައިވާ ކަމަށް ނިއު ޔޯކްގެ އެޓާނީ ޖެެނެރަލް ލެޓީޝާ ޖޭމްސް ވިދާޅުވި ފަހުންނެވެ.

"އަޅުގަނޑަށް ފެންނަނީ [ކޫމޯ] އިސްތިއުފާ ދެއްވަން. އޭނާ މަގާމުން ދުރު ކުރަން [ނިއު ޔޯކް] ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން ނިންމަފާނެ ކަމަށް އަޅުގަނޑަށް ބެލެވޭ. ނަމަވެސް އެކަން ޔަގީނެއް ނޫން،" ބައިޑެން ވިދާޅުވި އެވެ.

ކޫމޯ ޖިންސީ ފުރައްސާރަކޮށްފައި ވޭތޯ ބެލުމަށް އެޓާނީ ޖެނެރަލްގެ ތަހުގީގެއް ފެށީ މިދިޔަ އަހަރު އޭނާއާ ދެކޮޅަށް އެފަދަ ތުހުމަތުތަކެއް ފެންމަތިވުމުންނެވެ. އަދި އެ މައްސަލަ ތަހުގީގު ކުރި ފަރާތްތަކުން ކޫމޯގެ މުވައްޒަފުން ހިމެނޭ ގޮތަށް، 179 މީހުންނާ ވާހަކަ ދެއްކި އެވެ. އަދި ކަމާ ގުޅުން ހުރި އެތައް ހާސް ލިޔެކިޔުމާއި ޓެކްސްޓް މެސެޖާއި ފޮޓޯތައް ހޯދާ، ބަލާފައިވެއެވެ.

އެ ތަހުގީގަށް ފަހު އެޓާނީ ޖެެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ކޫމޯ ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ 11 އަންހެނެއްގެ ތަޖުރިބާ ތަފްސީލުކޮށްފައެވެ. އަދި އެ 11 އަންހެނުންގެ ވާހަކައަށްވެސް ބާރުދޭ ހެކި ލިބިފައިވާ ކަމަށާއި އެމީހުންގެ ވާހަކަތައް ގަބޫލު ކުރާ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން ކޫމޯ ވަނީ އޭނާގެ އޮފީހުގެ މުވައްޒަފުންނާއި އެހެން އަންހެނުންނާވެސް ޖިންސީ ވާހަކަތައް ދައްކާ، އެމީހުންގެ ހުއްދައާ ނުލައި ގަޔަށް އަތްލާފައެވެ.

ކޫމޯ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް