އިތުރު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ލ. ގަން ފޮޓޯ/ ވިޒިޓް ލާމު، ފޭސްބުކް

ކޮވިޑް-19އަށް ޕޮޒިޓިވް ވެގެން އިތުރު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މޮނިޓަރިންގެ ހާލަތަށް ގެނައި ތިން ރަށަކީ ލ. ފޮނަދުއާއި އެ އަތޮޅު ގަމުގެ އިތުރުން އއ. ހިމަންދޫ އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒު "ސަން"އަށް ވިދާޅުވީ އެރަށުން ޕޮޒިޓިވް ވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު 72 ގަޑިއިރު ނުވާ ނެގެޓިވް ނަތީޖާ އަކާއެކު އެރަށް ދިޔަ އަންހެން ކުއްޖެއް ކަމަށެވެ.

މިއީ ފޮނަދޫ މިނިޓަރިންގެ ހާލަތަށް ގެނައި ތިންވަނަ ފަހަރެވެ.

ރިޔާޒު ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"ޕޮޒިޓިވް މިވީ މިރަށު ފިރިހެއް އިނދެގެން އުޅޭ ބޭރު ރަށެއްގެ އަންހެނެއް. އޭނާގެ އަލާމާތައް ހުރެގެން މިކޮޅުން ސާމްޕަލް ނަގައިގެން މިއަދު ނަތީޖާ ލިބުނު އިރު ޕޮޒިޓިވް ވީ،" ރިޔާޒު ވިދާޅުވި އެވެ.

ހިމަންދޫ ސިއްހީ މަރުކަޒުގެ އިސްވެރިޔާ އަބްދުﷲ ޝަރީފް "ސަން"އަށް ވިދާޅުވީ އެރަށުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު މާލެ ދިޔަ މީހުންގެ ތެރެއިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން، އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 28 މީހެއްގެ ނަތީޖާ ލިބުނުއިރު އޭގެ ތެރެއިން ހަތަރު މީހުން ޕޮޒިޓިވް ކަމަށެވެ.

މިއީ ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ.

"މޮނިޓަރިންއަށް ލީ ޑައިރެކްޓް ކޮންޓެކްޓެއްގެ ހަތަރު ސާމްޕަލެއް ޕޮޒިޓިވް ވެގެން. މިރަށަށް ޗުއްޓީއަށް އައިސް ދިޔަ މީހުންގެ ތެރެއިން މީހަކު މާލޭގަ ޕޮޒިޓިވް ވީ. ދެން އެބޭފުޅާގެ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި މި ރަށުން ނެގި 18 ސާމްޕަލްގެ ނަތީޖާ ލިބުނުއިރު ހަތަރު މީހުން ޕޮޒިޓިވް. އަދި ނަތީޖާ ނުލިބޭ ސާމްޕަލް އެބައުޅޭ،" ޝަރީފް ވިދާޅުވި އެވެ.

ލ. ގަން މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށާއި އެއް ފަސް ވެގެން އޮންނަ ފޮނަދުއަށް ދިޔަ މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ނެވެ.

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ މިއަދު މޮނިޓަރިނަށް ލީ ތިން ރަށް ހިމެނޭގޮތަށް ޖުމުލަ 17 ރަށެވެ.

މޮނިޓަރިންގެ ހާލަތުގައި މިވަގުތު ހުރި ރަށްރަށް:

  • ޏ. ފުވައްމުލައް ސިޓީ
  • ރ. ދުވާފަރު
  • ގއ. ކޫއްޑޫ
  • ށ. ފޯކައިދޫ
  • ގދ. ނަޑެއްލާ
  • ކ. ކާށިދޫ
  • ހދ. ކުޅުދުއްފުށި
  • ހއ. ދިއްދޫ
  • މ. ކޮޅުފުށި
  • ށ. ފީވަށް
  • ހއ. ތަކަންދޫ
  • ދ. ކުޑަހުވަދޫ
  • ގއ. ވިލިނގިލި
  • ރ. އުނގޫފާރު
  • ލ. ގަން
  • ލ. ފޮނަދޫ
  • އއ. ހިމަންދޫ
comment ކޮމެންޓް