ޗައިނާގެ ވޫހާންއިން ކޮވިޑް ފެނުމުން އަނެއްކާވެސް މުޅި އާބާދީ ޓެސްޓު ކުރަނީ

ވޫހާންގައި ދިރިއުޅޭ އެންމެން އަނެއްކާވެސް ކޮވިޑަށް ޓެސްޓު ކުރަން ވަނީ ނިންމާފަ -- ފޮޓޯ: ގެޓީ

ވޫހާން (އޮގަސްޓު 3): ޗައިނާގެ ވޫހާންއިން ކޮވިޑް-19އިގެ ކޭސްތަކެއް ފެނުމުން އެ ސިޓީގައި ދިރިއުޅޭ އެންމެން އަނެއްކާވެސް ބައްޔަށް ޓެސްޓު ކުރަން ނިންމައިފިއެވެ.

ކޮވިޑް އެންމެ ފުރަތަމަ ފެތުރުނު ސިޓީި ކަމަށްވާ ވޫހާންގެ މުޅި އާބާދީ ބައްޔަށް ޓެސްޓު ކުރާނެކަން އެ ސިޓީގެ އޮފިޝަލުން އިއުލާން ކުރީ، ވޫހާންއިން ހަތް މީހަކު ކޮވިޑަށް ޕޮޒޮޓިވްވުމުންނެވެ. އެ ސިޓީން ކޮމިއުނިޓީ ކޭސްއެއް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުތެރޭގައެވެ.

އެގާރަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާންއިން އެފަދައިން އިއުލާން ކުރި އިރު މުޅި ޗައިނާއިން އިއްޔެ 90 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އޭގެ ތެރެއިން 61 ކޭހަކީ ކޮމިއުނިޓީ ކޭސްތަކެވެ.

މިދިޔަ އަހަރުގެ މެއި މަހުވެސް ވޫހާންގައި ދިރިއުޅޭ އެންމެން ކޮވިޑަށް ޓެސްޓުކޮށްފައިވެއެވެ. އެއީ ކޮވިޑާ ގުޅިގެން އެ ސިޓީގައި އެޅި ފުރަބަންދުގެ ފިޔަވަޅުތައް އުވާލިތާ މަހެއް ފަހުން ބަލީގެ ކްލަސްޓާއެއް ފެނުމުންނެވެ. އޭރު ވޫހާންއިން ވަނީ 19 ދުވަހުގެ ތެރޭގައި އެންމެން ޓެސްޓުކޮށް ނިންމާފައެވެ. އަދި އޭރު ބައްޔަށް ޕޮޒިޓިވްވީ އެންމެ 300 ވަރަކަށް މީހުންނެވެ.

ޗައިނާގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް މިދިޔަ އަހަރު ހަރުކަށި ފިޔަވަޅު އަޅާ، ބަލި ކޮންޓްރޯލް ކޮށްފައި އޮތް ނަމަވެސް މިހާރު އެގައުމުގައި އަނެއްކާވެސް ކޮރޯނާވައިރަސް ދަނީ ފެތުރެމުންނެވެ. އެގޮތުން މިދިޔަ 10 ދުވަސް ތެރޭ ޗައިނާގެ 15 ޕްރޮވިންސަކުން، މިހާތަނަށް 300 މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ޗައިނާގެ ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުގައި އެގައުމުގައި މިހާރު ކޮވިޑްގެ ކޭސްތައް އިތުރުވާ ސަބަބުތަކުގެ ތެރޭގައި ފަސޭހައިން ފެތުރޭ ޑެލްޓާ ވޭރިއެންޓު މީހުންނަށް ޖެހުމާއި ގައުމުގެ އެތެރޭގެ ދަތުރުތައް އިތުރުވި ދުވަސްވަރަކާ ދިމާވުން ހިމެނެއެވެ.

ޗައިނާއިން މިހާރު ވަނީ ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓު ޓްރޭސިން ހެދުމާއި އެތައް މިލިއަން މީހުން ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި ބައެއް ސިޓީތައް ފުރަބަންދުކޮށް، ހަރުކަށި ފިޔަވަޅުތައް ވަނީ އަޅާފައެވެ.

ޗައިނާއިން ބުނާ ގޮތުގައި އެގައުމުން ވަނީ މިހާތަނަށް ކޮވިޑް ވެކްސިންގެ 1.67 ބިލިއަން ޑޯޒް ޖަހާފައެވެ. ނަމަވެސް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދެއް އެގައުމުން ހާމަ ނުކުރެއެވެ.

comment ކޮމެންޓް