ދެވަނަ ކުއާޓަރުގައި އުރީދުއަށް 97 މިލިއަން ރުފިޔާގެ ފައިދާއެއް

މާޗް 3، 2020: އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 97.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫއިން އާންމުކުރި ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުއާޓަރުގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީ ލިބިފަ އެވެ. އެ އަދަދުގެ ތެރޭގައި ހިމެނެނީ؛

  • މޯބައިލް ހިދުމަތްތަކުން: 320 މިލިއަން ރުފިޔާ
  • ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުން: 102 މިލިއަން ރުފިޔާ
  • އެހެނިހެން ހިދުމަތްތަކުން: 187،000 ރުފިޔާ

ދެވަނަ ކުއާޓާރުގައި އުރީދޫއަށް ލިބުނު އާމްދަނީ ފުރަތަމަ ކުއާޓަރުގެ އާމްދަނީއާ އަޅާބަލާއިރު 5.3 ޕަސެންޓު ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އެއީ 3.3 ޕަސެންޓް އިތުރު އަދަދެކެވެ.

ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އުރީދުއަށް 115 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބުނީ 97 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށްވި ސަބަބެއް ކަމަށް އުރީދުއިން ބުނީ ކޮވިޑް19 ޕެންޑެމިކްއާއެކު ރޯމިން ހިދުމަތްތަކުން ލިބުނު އާމްދަނީ ހީނަރުވުމުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް