ދެވަނަ ކުއާޓަރުގައި ދިރާގުގެ އާމްދަނީ 13 ޕަސެންޓް އިތުރު، ފައިދާއަށް 195 މިލިއަން ރުފިޔާ

ދިރާގު ހެޑް އޮފީސް--

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 195.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުގެ މާލީހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާއާ އަޅާބަލާއިރު 11 ޕަސެންޓް ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 51 ޕަސެންޓް އިތުރު އަދަދެކެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 230.6 މިލިއަން ރުފިޔާ އެވެ.

މި ކުއާޓަރުގައި ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 617 މިލިއަން ރުފިޔާ އެވެ.

މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ހަ ޕަސެންޓް ދަށް ނަމަވެސް، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

ދިރާގުން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އެކުންފުނީގެ ހިންގުމުގެ ހަރަދު ފަސް ޕަސެންޓަށް ކުޑަކޮށްފަ އެވެ.

comment ކޮމެންޓް