އިންސާނީ ވަގު ވިޔަފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީވާން ގަވާއިދެއް ހަދަނީ

ޖުލައި 19، 2020: ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އަމިއްލައަށް ރަށަށް ދާން އެދިގެން ހުށަހަޅާ ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސާނީ ވަގު ވިޔަފާރީގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓާ ސާވިސް ރެގިއުލޭޝަނެއް އެކުލަވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ އިންސާނީ ވަގު ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ "ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް 2021" ގެ މުނާސަބަތާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

މިނިސްޓަރު ވަނީ އިންސާނީ ވަގު ވިޔަފާރިއަކީ އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ވިޔަފާރީގެ ޝިކާރައަކަށްވާ މީހުންގެ ހާލު ފާހަގަކުރައްވައި އެފަދަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިންސާނީ ވަގު ވިޔަފާރިއާ ދެކޮޅަށް އެ މިނިސްޓްރީއިން ކުރަމުންދާ ބައެއް މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓާ ސާވިސް ރެގިއުލޭޝަން އެކުލަވާލުމާއި، ވަގު ވިޔަފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް ހިމެނޭކަމަށް އެކަމަނާ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަދި ކޮވިޑުގެ އުނދަގޫ ދުވަސްވަރެއްގެ ތެރޭގައިވެސް އިންސާނީ ވަގު ވިޔަފާރިއާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ވިޔަފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޝެލްޓަރެއް ގުޅީފަޅުގައި ގާއިމުކުރުމާއި، އެންޓި-ޓްރެފިކިން އިން ޕަރސަންސް (އެންޓި-ޓިޕް) އޮފީހެއް ގާއިމުކުރުން ހިމެނެއެވެ. އަދި އެކްޝަން ޕްލޭން ތަންފީޒުކުރަން ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ގާނޫނު، އދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތްކުރަން ގާނޫނަށް ބަދަލުގެނައުންވެސް ވަނީ ފާހަގަކުރައްވާފައެވެެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކޮންމެ އަހަރަކު ނެރުއްވާ ޓްރެފިކިން އިން ޕަރސަންސް (ޓިޕް) ރިޕޯޓުގައި ރާއްޖެއަށް ލިބުނު ކުރިއެރުންވެސް ވަނީ މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް