ހއ. ތަކަންދޫ އިން ކޮވިޑް ކޭސްއެއް ފެނި އެރަށް މޮނިޓަރިން ހާލަތަށް ގެނެއްސިއެވެ.
ތަކަންދޫ ކައުންސިލް ރައީސް ހަސަން ނައީމް "ސަން" އަށް ވިދާޅުވީ އެރަށް މޮނިޓަރިންއަށް ލާފައިވާކަން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރަސްމީކޮށް އަންގާފައި ނުވާކަމަށެވެ.
"އެހެންނަމަވެސް ރަށުން ރެންޑަމްކޮށް ފްލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެފަ ވަނީ. އެ ކޭސްއާ ގުޅިގެން މިއުޅެނީ،" ނައީމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ނައީމް ވިދާޅުވިގޮތުގައި ޕޮޒިޓިވްވި ފަރާތަކީ ރަށުން ބޭރަށް ދަތުރުކުރި ފަރާތެއް ނޫނެވެ.
"ދެން ބެލެވެނީ ރަށު ތެރޭ އެހެން މީހެއްގެ ފަރާތުންކަމަށް ބަލި ޖެހުނީ. އެމީހާގެ ކޮންޓެކްޓްއެއްގެ ގޮތުގައި ހުރީ ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް. އެއީ އެބޭފުޅާގެ ފިރިކަލުން." ނައީމް ވިދާޅުވިއެވެ.
އެމީހާ ޕޮޒިޓިވްވުމާއެކު މިހާރު ރަށުގައި ކޮންޓެކްޓް ޓްރޭސިންގް ފަށާފައިވާކަމަށް ނައީމް ވިދާޅުވިއެވެ.
އީދު ބަންދާއެކު އައި ޗުއްޓީގައި ރަށަށް ގިނަ ބަޔަކު ދަތުރުކުރިކަމަށް ނައީމް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އަދި ކޮންޓެކްޓް ޓްރޭސިންގް ތެރެއިން މާލެއިން ދިޔަ ފަރާތަކާއި ޕޮޒިޓިވް ކޭސްއާ ބައްދަލުވިކަމެއް އަދި ފާހަގަކުރެވިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ރަށަށް ބަލި ދިޔަ ގޮތް ހޯދަން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ނައީމް ވިދާޅުވި ގޮތުގައި ރަށުގައި އުޅޭ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް ވަނީ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ.