ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތްކޮށްފައިވޭ: ޤައުމީ ޕާޓީ

10:00


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ސިއްރިއްޔާތުގައި މަސައްކަތްކޮށްފައިވާ ކަމަށް ޤައުމީ ޕާޓީން ތުހުމަތުކޮށްފި އެވެ.


ޤައުމީ ޕާޓީގެ ރަސްމީ ވެބްސައިޓްގައި ބުނެފައި ވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތްކުރައްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެ، އަދި މިކަމަކީ އިދިކޮޅު މެންބަރުން ކުރައްވާ ކަމެއް ކަމަށް ތުހުމަތުކުރައްވާ އޭގެތެރެއިން ތިން ބޭފުޅަކު ހައްޔަރުކޮށް އެބޭފުޅުންނަށް ބިރުދައްކާ އެކަމަކީ އެބޭފުޅުން ކުރެއްވި ކަމެއް ކަމަށް ދޭހަވާ ގޮތަށް ޚަބަރު ފަތުރާފައިވާ ކަމަށެވެ.


ނަމަވެސް އެކަމަކީ ރައްރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި މިސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށާއި އެކަމުގެ އެންމެ އަޑީގައި ސިއްރުން މަސައްކަތްކޮށްފައިވަނީ ސީދާ އެމްޑީޕީގެ މެންބަރުން ތަކެއް ކަމަށާއި އެފަރާތްތަކުން ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފެއްޓީ ސަރުކާރު ހިގަމުންދާގޮތާމެދު ހިތްހަމަނުޖެހިގެން ކަމަށް ވެސް ޤައުމީ ޕާޓީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.


ޤައުމީ ޕާޓީން އިތުރަށް ބުނެފައި ވަނީ އެމްޑީޕީގެ ބައެއް މެންބަރުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދު މިސަރުކާރު ހިންގަވަމުން ގެންދަވަނީ ރައްޔިތުންގެ ޙައްޤާއި މަސްލަޙަތު ހިމާޔަތްކުރުމުގެ ބަދަލުގައި އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން އެދޭގޮތަށް އެފަރާތްތަކުގެ މަސްލަޙަތު ހިމާޔަތްކުރުމަށެވެ. އަދި މިފަދަ ސަރުކާރެއް އޮތުމަކުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް މަންފާއެއް އޮންނާނެ ކަމަކަށް ގަބޫލު ނުކުރެވޭތީ ވީހާވެސް އަވަހަކަށް މިސަރުކާރު ވައްޓާލަންވީ ކަމަށް އެ މެންބަރުން އެއްބަސްވެފައިވާ ކަމަށް ޤައުމީ ޕާޓީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.


އެ މެންބަރުންގެ ތެރޭގައި ރާއްޖޭގެ އެންމެ އުތުރަށް ނިސްބަތްވާ ދެ މެންބަރަކާއި މާލެއަށް ނިސްބަތްވާ މެންބަރަކާއި އެންމެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ މެންބަރަކު ހިމެނޭ ކަމަށްވެސް ޤައުމީ ޕާޓީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ. އަދި އެ މެންބަރުން މިކަމުގައި ވަރަށް ފުންކޮށް ވިސްނުމަށްފަހު އިދިކޮޅު ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށްވެސް ޤައުމީ ޕާޓީގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.


މިކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ ބަހެއް ހޯދާލުމަށް ގުޅާލުމުން ބިޒީ ކަމަށް ވިދާޅުވެ ފޯނުކަނޑާލެއްވުމުން ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު