ލީބިޔާގެ ރެފިއުޖީންތަކެއް ދަތުރުކުރި ބޯޓެއް ބަންޑުންޖަހާލައި 57 މީހުން މަރުވެއްޖެ

ބޯޓު ބަންޑުން ޖެހުމާއި ގުޅިގެން މީހުން ސަލާމަތް ކުރުމަށް ފަޅުވެރިޔަކު ދުރުމި އަޅަނީ- ފޮޓޯ: ރިއުޓާޒް

ލީބިޔާއިން ރެފިއުޖީންތަކެއް ގޮވައިގެން ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުން ޖަހާލައި 57 މީހުން މަރުވެއްޖެއެވެ.

އެ ބޯޓުގައި ޖުމްލަ 75 މީހުން ދަތުރުކުރަމުންދިޔައިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ލީބިޔާ ދޫކޮށް ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކުރަން ދަތުރުކުރަމުން ދިޔަ މީހުންނެވެ.

އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 20 އަންހެނުންނާއި ދެ ކުޑަކުދިން ހިމެނެއެވެ.

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން ގެ ތަރުޖަމާނު ސަފާ މްސެހްލީ މީޑިޔާއަށް މައުލޫމާތު ދެއްވި ގޮތުގައި ބަންޑުންޖަހާލި ބޯޓަކީ މިދިޔަ އާދިއްތަ ދުވަހު ލީބިޔާގެ ހުޅަނގުން އޮންނަ ޙުމްސް ނަމަކަށް ކިޔާ ރަށަކުން ފުރައިގެން ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.

ބޯޓު ބަންޑުން ޖަހައިލާފައިވަނީ ލީބިޔާގެ ކަނޑުގެ ސަރަހައްދުންނެއެވެ.

ބަންޑުން ޖަހާލީ ބޯޓު ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީހެވެ. ނައްޓާލިތާ ދިމާވި އިންޖީނު މައްސަލައެއްގެ ސަބަބުން ބޯޓު ހުއްޓުނީ ކަމަށާއި އޭގެ ފަހުން ކަނޑުގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު ބަންޑުން ޖަހާލީ ކަމަށް ހާދިސާއިން ސަލާމަތްވި މީހެއް ވަނީ ބުނެފައެވެ.

ލީބިޔާގެ ދާހިލީ ހަމަނުޖެހުމުގެ ސަބަބުން އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު ދަނީ އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކުރަމުންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭ ލީބިޔާ ސަރުކާރުން ވަނީ ޔޫރަޕަށް ދާން މަސައްކަތްކުރި 7،000 އަށް ވުރެ ގިނަ މީހުން ކަނޑުމަތިން ހުއްޓުވައި އެގައުމުގެ ޑިޓެންޝަން ކޭމްޕްތަކައް ގެންގޮސްފައެވެ.

ކަނޑު ހުރަސްކޮށް އެފްރިކާ ބައްރުން ޔޫރަޕަށް ކުރާ ދަތުރުތަކުގައި ނުރައްކާތެރި އެތައް ހާދިސާއެއް މީގެ ކުރިންވެސް ހިނގާފައި އެބަ ހުއްޓެވެ.

މިއަހަރު މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި ކަނޑުގެ ހާދިސާއަކީ އޭޕްރީލް 22 ވަނަ ދުވަހު ބޯޓެއް ބަންޑުން ޖަހާލައި 130 މީހުން މަރުވި ހާދިސާއެވެ.

comment ކޮމެންޓް