"އާނ... އާނ.. ކީކޭ؟" އަޒްހާއަށް އަޅައަޅައިގަނެފައި ވާހަކަ ދެކެވުނެވެ.

"އެކުވެރިއެކޭ ކިޔާފަ ފެންނަކަމަށްވެސް ހަދައި ނުލާ ތިހުރީ އަނެއްކާ ކިހިނެއްވެފަ؟" ރިއުމާން ސުވާލުކޮށްލިއެވެ.

"އެއީ... އާނނ... ކަމެއް ނުވޭ..." އަޒްހާއަށް ވާހަކަ ވެސް ދެއްކުނީ އަޅައަޅައިގަންނަމުންނެވެ. ރިއުމާން އޭނާގެ ބުމަ އަރުވައިލެވުނެވެ.

"މިތަނުގައި ރިއުމާން ކީއްކުރަނީ؟" އަޒްހާއަށް ބުނާނެ އެއްޗެއް ނޭގިއިރުކޮޅަކު އިނދެފައި ވާހަކަ ދެއްކުނެވެ. އެެއީ އޭނާ ބުނަން ބޭނުންވި އެއްޗެއް ނޫނެވެ. މީހާ ނުތަނަވަސްވެފައި ހުރުމުގެ ސަބަބުން އޭނައަށް އެހެން ބުނެވުނީއެވެ. އެވަގުތު ރިއުމާންގެ ހިތަށް އަރާނެ އެއްޗަކާ މެދު ވިސްނާފައި އޭނާއަށް ކަންބޮޑުވެވުނެވެ.

"އަހަރެން ދޯ.... އަހަރެން ވިއްޔާ މިތަނަށް އައުން މަނައީތަ؟" ރިއުމާން ސުވާލުކޮށްލިއެވެ.

"ނޫނޭ އެހެންނެއް ނުބުނަމެއްނު..." އަޒްހާ ބުނެލިއެވެ.

"ހެޔޮ އެއްޗެއް ކިޔާތި އަޒްހާ... އެ ކުރަން ޖެހޭ ސުވާލެއްތަ؟ އެއްޗެއް ބުނާއިރު ވިސްނާލާފަ އެއްފަހަރުވެސް ބުނެބަލަ!" އަޒްހާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. އަޒްހާ ވިސްނުމަަކަށް ގެއްލިފައިއިން ތަން ފެނި، ރިއުމާން އަޒްހާއަށް ދެފަަހަރަކު ގޮވައިލިއެވެ. އެހެންނަމަވެސް އަޒްހާގެ ޙަބަރެއް ނުވުމާއެކު، އޭނާ އަޒްހާގެ މޫނާ ދިމާލުގައި އަތް ހޫރައިލިއެވެ.

"ކިހިނެއްވީތަ؟ ހާދަ ގެއްލިފައޭ މިއަދު ތި އިންނަނީ؟" ރިއުމާންއަށް ސުވާލުކޮށްލެވުނެވެ.

"އެއީ... ނޫނޭ... މާ ބޮޑުކަމެއް ނުވޭ... " އަޒްހާ ދެފަރާތަށް ބޯ ހޫރައިލަމުން ހިނިތުންވެލިއެވެ. އިތުރު އެއްޗެއް ބުނާނެ ފުރުސަތު ދެމީހުން ކުރެ އެކަކަށްވެސް ނުލިބުނީ، އެވަގުތު އެތަނަށް އައިސް ހުއްޓުނު އަޒްހާގެ ދޮންތަ ފެނުމުންނެވެ. އަޒްހާ ރިއުމާން ގާތު އޭނާ ދަނީކަމަށް ބުނެ ދޮންތަގެ ފަހަތުން ހިނގައިގަތެވެ.

"ޔާ ބާއި..." ރިއުމާން އެހެން ބުނެފައި ޓީވީއަށް ބަލައިލިއިރު، އޭނާގެ ނަންބަރު އަރާފައި އިންތަން ފެނިގެން ގޮނޑިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

ކްލިނިކުން ބޭރަށް ނުކުމެ ޓެކްސީއެއް ލިބޭތޯ މަޑުކޮށްގެން ތިބެފައި، އަޒްހާގެ ދޮންތަ ނާއިފާ، އަޒްހާގެ ކޮނޑުގައި އޭނާގެ ކޮނޑުން ޖަހައިލިއެވެ. އެއާއެކު އަޒްހާ، އޭނާގެ ދޮންތަ ނާއިފާއަށް ބަލައިލާ ބުމަ އަރުވައިލިއެވެ. ނާއިފާގެ ތުންފަތް މަތީގައިވި ލާނެތް ހިނިތުންވުން ފެނި، އަޒްހާއަށް ނާއިފާއަށް ބަލަން ހުރެވުނެވެ.

"ހާދަ ސަޅި ސޮރެކޭ އަތު އަޅުވައިލައިގެން ތިއުޅެނީ ދޯ..." ދޮންތަ އޭނާއާ ދިމާލަށް އެބަަލަނީ ކީއްވެގެންކަން އެނގުމުން އަޒްހާގެ މޫނު ރަތްވެގެން ދިޔައެވެ.

"ފްރެންޑެކޭ އެއީ..." އަޒްހާ ބުނެލިއެވެ. އޭނާގެ ހިތުގެ ޙާލު ސިއްރުކުރެވޭތޯ އޭނާ މަސައްކަތް ކުރި ނަމަވެސް، ނާއިފާއަށް އެ އަސަރުތައް ދެނެގަންނާކަށް އުނދަގުލެއް ނުވެއެވެ.

"ހޫމް ހޫމް... ފުރަަތަމަ ފެށޭނީ އެކުވެރިކަމޭ... އެއަށްފަހު އޭ ގުޅުން ކުރިއަށް ދާނީ..." ނާއިފާ އަޒްހާ އާ ދިމާކުރަން ފެށިއެވެ.

"ގައިމު އަހަރެން މީގެ ކުރިއަކުން ނުދެކެން އަޒޫ ފިރިހެން ކުއްޖަކާ އެހާ ގާތްކޮށް ވާހަކަ ދައްކަނިކޮށެއް... އަޒޫއަށް ބަލައިލާ ކޮންމެ މީހަކަށް ވެސް އެނގޭނެ އަޒޫ އޭނަޔާ ލައިކް ވާކަން... އަޅެ ބުނެބަލަ މީ ދޮގެއްތަ؟ އޭނަ ކަމުދެއެއްނު... ދޮގު ނުހަދައްޗޭ..." ނާއިފާ އަޒްހާއަށް ބަލައިލަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ނޫނެކޭ ދޮންތާ...." އަޒްހާ ދެކޮޅު ހެދިއެވެ.

"ތިހެން ބުންޏަސް ތި ދެ ކޯތާފަތަށް ބަލައިލާމީހަކަށް ވެސް ހުރިހާކަމެއް އެނގޭނެ... އެންމެނަށް އިޝްތިހާރުވޭ އެބަ އަޒޫ އުޅޭ ގޮތުން..." ނާއިފާ ހުއްޓާ ނުލާ ވާހަކަ ދައްކަމުން ދިޔައެވެ. އަޒްހާއަށް އޭނާގެ ކޯތާފަތުގައި އަތް ޖައްސައިލެވުނެވެ. އެއާއެކު ނާއިފާގާތަށް ހިނިއަންނަ ގޮތްވިއެވެ. އުމުރުން 24 އަހަރު ފުރުނުއިރުވެސް އަޒްހާގެ އުޅުން އަދިވެސް ހުންނަނީ ކުޑަކުއްޖެއް ހެންނެވެ.

"ދެން ބުނެބަލަ! އޭނާ ދެކެ ލައިކްވޭދޯ..." ނާއިފާ ބުނެލިއެވެ. އަޒްހާއަށް އޭނާގެ ދޮންތަ ކައިރިން ސަލާމަތް ނުވެވޭނެކަން އެނގޭތީ އެކަމަށް އެއްބަސްވިއެވެ.

"އާނ... އޯކޭއެއްނު..." އަޒްހާ އޭނާގެ ކަންފަތް ދަށަށް މޫނާ ގޮނާ ކުރަމުންދިޔަ އިސްތަށިކޮޅު ލައްވައިލަމުން ފެހިކުލައިގެ ބޯޑު ދިއްލައިގެން ދިޔަ ޓެކްސީއަކަށް އަތް ނެގިއެވެ.

"ހުވާ މިބުނީ... ހިތަށް އަރާ ކީއްކުރަން އަޅުވާފަ އިންނަ ބޯޑެއް ބާއޭ އެއީ... އެދިޔަައީ ފެހި ކުލަ ދިއްލައިގެން މީހުން އަރުވާ ފުރައިގެން.. މަގުމަތިން ޓެކްސީއެއް ލިބޭނެކަމެއް ނޭނގެ. ސެންޓަރަކަށް ގުޅަމާ..." އަޒްހާ ނާއިފާއަށް ބަލައިލިއިރު އޭރުވެސް ނާއިފާ ހުރީ ހެވިފައެވެ.

"ކިހިނެއްވީ؟"

"ކަމެއްނުވޭ.... ހަމަޖެހިބަލަ!" ނާއިފާ އެހެން ބުނެލާފައި ސެންޓަރަކަށް ގުޅައިލިއެވެ. ނަސީބަކުން ޓެކްސީއެއް ލިބޭގޮތް ވިއެވެ.

"ދެން ބުނެބަލަ! އޭނަވެސް ލައިކްވޭތަ އަޒޫ ދެކެ؟" ނާއިފާ އަނެއްކާވެސް އެ ވާހަކަ ފެށުމުން އަޒްހާއަށް ބުމަ އަރުވައިލެވުނެވެ. ދޮންތަ ހުއްޓާނީ އޭނާގެ އަނގައިން ހުރިހާ އެއްޗެއް ހޯދާފަކަން އޭނާއަށް އެނގެއެވެ.

"ނޭނގެ. ހަމަގައިމުވެސް އަހަރެން ލައިކްވޭ... ވަރަށް ބޮަޑަށް..." އަޒްހާ ބުނެލިއެވެ.

"ދެން އޭނަ ކައިރީ ބުނެބަލަ! މި ޒަމާނުގައި އަންހެން ކުދިންވެސް އަހައޭ ފިރިހެން ކުދިން ކައިރީގަ. އެއީ މައްސަލައެއް ނޫނޭ..." ނާއިފާ ބުނެލިއެވެ.

"އަދިވެސް އެވާހަކަ ދޮންތާ... ހުވާ މި ބުނީ ތި ނޫން އެހެން ވާހަކައެއް ދައްކަބަލަ!" ނާއިފާއަށް ބަލައިލަމުން އަޒްހާ ބުނެލިއެވެ.

"ވާހަކަ އޮޅުވާ ނުލާބަލަ! އޭނައާ ދިމާވި ގޮތް ކިޔައިދީބަލަ!"

"ފަހުން..." ވާހަކަ އެ ހިސާބަށް ދިޔަތަނާ ޓެކްސީއައިސް މަޑުކޮށްލުމާއެކު، ދެމީހުން ޓެކްސީއަށް އަރައިގެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ސެޝަން ނިންމާލުމަށްފަހު، ރިއުމާން ނުކުތްއިރު އޭނާގެ މޫނުމަތީގައި ހިސާބެއްގެ ހަމަޖެހުމެއް ވިއެވެ. ނަފްސަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާއިރު، އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ އޭނާ ތެރަޕީ ނަގަން ނިންމި ނިންމުމަކީ، އެންމެ ރަނގަޅު ނިންމުންކަން ޔަޤީން ކުރުމަށްފަހުއެވެ. ކްލިިނިކުން ނިކުތްތަނާ އޭނާގެ ބައްޕަ އޭނާއަށް ގުޅިއެވެ. ފޯނަށް ބަލައިލުމަށްފަހު، ވެސް ރިއުމާން ފޯނު ކަނޑައިލީއެވެ. މިވަގުތު ބައްޕައާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާ ފޯނު ސައިލެންޓަށް ލަމުން ޖީބަށް ފޯނުލަމުން ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްގެން ނިދަން އޮށޯވެފައި، އޭނާ ފޯނަށް އަނެއްކާވެސް ބަލައިލިއެވެ. ނާޝިދުގެ ފަސް މިސްކޯލު އޮތެވެ. ރިއުމާން އޭނާގެ ބައްޕައަށް ގުޅާ ޚިޔާލެއް ނުކުރިއެވެ. އޭނާ ފޯނު އެލާމަށް ޖައްސަލައިލަމުން ސައިޑް ކަބަޑު މަތީގައި ބާއްވައިލިއެވެ. އެއަށްފަހު ގައިމަތީގައި ރަޖާ އަޅައިލަމުން އޭސީގެ ފިނި މަތި ކޮށްލަމުން ދެލޯ މަރައިލިއެވެ. ނިދީގެ އަރާމުކަމުގެ ތެރެއަށް ރިއުމާން ގެނބޭކަށް މާ ގިނައިރެއް ނުނެގިއެވެ.

*****

ދަންވަރުގެ ވަގުތުގައި ސަޖަލްގެ ބައްޕަ ރަޝާދުގެ ޙާލު އަނެއްކާވެސް ދެރަވީ ކުއްލިއަކަށެވެ. އެއާއެކު ވޯޑުން އަނެއްކާވެސް އައިސީޔޫއަށް ރަޝާދު ބަދަލުކުރެވުނެވެ. ޑޮކްޓަރުން ބުނީ ކުރިއަށް ވުރެ ރަޝާދުގެ ޙާލު ދެރަކަމުގައެވެ. ވަކި އެއްޗެއް ބުނަން ދަތިކަމުގައެވެ. ގޮނޑިބަރީގައި އިށީނދިގެން އިން ސަޖަލް އޭނާގެ ބޮނޑުދައިތައަށް ދެފަހަރަކު ގުޅައިލި ނަމަވެސް ފޯނެއް ނުނަގައެވެ. ކަންބޮޑުވެ ހާސްވެގެން އެންމެ ފަހުން އޭނާއަށް ދެކޮޅަށް ހިނގެން ފެށުނެވެ. އޭރު އަނެއްކާވެސް އެ ދެލޮލުގެ ތެރޭގައި މުތީތަކެއްފަދަ ކަރުނަތައް ޖަމާވާން ފެށިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު، އޭނާ ހަމަޖެހެން މަސައްކަތް ކުރަމުން ގޮނޑީގައި އިށީނދެލީ ބައްޕައަށް ޓަކައި ހެޔޮ ދުޢާ ކުރަމުންނެވެ.

*****

ޖެހިގެން އައި ދުވަހު އޮފީހަށް ދާހިތްނުވެ ހުރެފައިވެސް ރިއުމާން އޮފީހަށް ދިޔައީ ނިންމަންޖެހޭ ގިނަ މަސައްކަތް ތަކެއް ހުރީތީއެވެ. އޭނާ އޮފީހަށް ގޮސް ވަތްއިރު، ނާޝިދު އެތަނުގައި މަޑުކޮށްލައިގެން ހުރިތަން ފެނި ކުއްލިއަކަށް އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ނާޝިދުގެ ލޮލުގައިވެސް ރިއުމާން އަޅައިގަންނާކަށް މާގިނަ އިރެއް ނުނެގިއެވެ. އޭނާ ރިއުމާން އާ ދިމާލަށް ހިނގައިގަތެވެ. ރިއުމާންވެސް މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.

"ކީއްވެތަ ގުޅީމަ ފޯނު ނުނެގެނީ؟" ނާޝިދު، ނުރުހުމާއެކު ސުވާލުކޮށްލިއެވެ.

"ނިދިފަ އޮތީމަ ގުޅިކަން ނޭނގުނީ..." ރިއުމާން ދޮގެއް ހަދައިލިއެވެ.

"މިރޭ ގެއަށް ކާން އަންނާތި...އެބަޖެހޭ ވާހަކައެއް ދައްކަން..." ނާޝިދު އެހެން ބުނެލުމާއެކު، ރިއުމާންއަށް ސުވާލުކޮށްލެވުނެވެ.

"ބޮޑުކަމަކުތަ؟" އޭނަ އަހައިލިއެވެ.

"އައިމަ އެނގޭނެއެއްނު... ނުވައެއް ޖަހާއިރަށް އަންނާތި..." ނާޝިދު ގަޑިވެސް ބުނެލިއެވެ. އެއަށްފަހު އިތުރު އެއްޗެއް ނުބުނެ ނާޝިދު ރިއުމާންއާ ދުރަށް ހިނގައިގަތެވެ. ބައްޕަ ދައްކަން އެ އުޅޭ ބޮޑު ވާހަކައަކީ ކޮބައިކަން އެނގޭފަދަ އަސަރުތަކެއް ރިއުމާންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަ ވެސް ލަސްނުކޮށް ލިފްޓުން ހަވަނަ ފަންގިފިލާއަށް އަރާ ޑިވެލޮޕްމެންޓަލް ޓީމުގެ އޮފީހަށް ވަނެވެ.

އެރޭ ރިއުމާން ނާޝިދާ ބައްދަލުކުރަން ދާންވެގެން ރީތިވެ ނިމުނުއިރު އަށްގަޑި ސާޅީސް ފަހެއް ވީއެވެ. އޭނާ އަތްދިގު ކަޅު ޓީޝާޓުގައި ފެންނައިރު ވަރަށް ހިތްގައިމެވެ. ގެއިން ނުކުމެގެން ކާރަށް އަރައިގެން ދުއްވައިލި ރިއުމާން، އޭނާގެ އަތު ކުރީގައި އޮތް ގަޑިއަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ.

އޭނާގެ ގެއާ ހިސާބަށް އާދެވުމާއެކު ގޭޓުން ކާރު އެތެރެއަށް ވައްދައިލީ ދޮރު ވާނަކަށް ހުރި މީހާ ގޭޓު ހުޅުވައިލަ ދިނުމުންނެވެ. ކާރު އެއްފަރާތުގައި ބާއްވާފައި، އޭނާ ގެއަށް ވަންނަން ހިނގައިގަތެވެ. އެއާއެކު ކުޑައިރުގެ ހަނދާންތައް އޭނާ ވަށައިލަމުން ދިޔުމުގެ ސަބަބުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. ހަޤީގަތުގައި އެ ގެ ފެންނަ ކޮންމެ ފަހަރަކު އެ މަންޒަރުތައް އޭނާގެ ލޯ ކުރިމަތީގައި ނިއުޅެން ނަގަނީ މަދު ސިކުންތުކޮޅެކެވެ. އޭނާ އެގެއާ ދުރުގައި އުޅޭ އެއް ސަބަބަކީވެސް އެއީއެވެ. ގެއަށް ވަންނަ ދޮރުގެ ދެފަރާތުގައި ޖަހާފައިވާ ދެ ތަނބުން އެއް ތަނބުގައި އަތް ޖައްސާލައިގެން އިރުކޮޅަކަށް ރިއުމާންއަށް ހުރެވުނެވެ. އޭނާ ބޮލުގައި އަތް ހިންގައިލިއެވެ. ފުންނޭވާއެއް ލާ މީހާ ހަމަޖެހިލިއެވެ. ގޭގެ ކޯޑުޖަހަން އުޅެފައިވެސް އޭނާ ބެލް އަޅައިލިއެވެ. އެތަނުގައި މަޑުކޮށްލައިގެން ހުއްޓާ އޭނާގެ ބައްޕަ ނާޝިދު އައިސް ދޮރު ހުޅުވައިލިއެވެ.

"ކޯޑެއް ބަދަލެއް ނުކުރަމޭ..." ނާޝިދު ބުނެލިއެވެ. އެ ސުވާލަށް ޖަވާބު ދޭކަށް ރިއުމާން ބޭނުމެއް ނުވިއެވެ. އޭނާ އެތެރެއަށް ވަދެލާފައި، އެތެރެއަށް ވަށައިގެން ބަލައިލިއެވެ. ތަނަވަސް ބޮޑު ގެއެކެވެ. ބަލައިިލި ކޮންމެ ދިމާލަކުން ގޭގެ މުއްސަނދިކަމާއި ހައިބަތު ފެންނަމުން ދިޔައެވެ. ތަނުގެ އެތެރޭގެ ޑިޒައިނާ ދަމާފައިވާ ދޮރުފޮތިތަކުގެ އިތުރުން، ސޯފާތައް ވެސް އެހާ ޝާހީއެވެ. ރިއުމާންއަށް އަނެއްކާވެސް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

އެ މުއްްސަނދިކަމަކުން އޭނާއަށް އެއްވެސް ފައިދާއެއް ނުކުރިއެވެ. ހަޤީޤީ އުފާ އިޙްސާސްކޮށްލާނެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އެންމެ ފަހަރަކުވެސް މެއެވެ. ފައިސާއާ މުދަލުން އުފާވެރިކަން ނުގަނެވޭނެކަން އޭނާއަށް ވުރެ ރަނގަޅަށް ދަންނާނީ އެހެން ކާކު ހެއްޔެވެ؟ ތަފާތު އެކި އެކި އެއްޗެހި ރިއުމާންގެ ހިތަށް އަރަމުން ދިޔައެވެ.

"އާދޭ..." އެފަދަ ވިސްނުންތަކެއްގައި އޭނާ ހުއްޓާ ސިހުން ގެނުވީ ނާޝިދު އޭނާއަށް ގޮވައިލަމުން އަންނާށޭ ބުނެލުމާއެކުގައެވެ.

ރިއުމާން އެއްވެސް އެއްޗެއް ނުބުނެ ނާޝިދުގެ ފަހަތުން ހިނގައިގަތެވެ. ނާޝިދު ދިޔައީ ކާ ބަޔާ ދިމާލަށެވެ. އެއްފަރާތަށް ކަހައިލެވެން ހުރި ބިއްލޫރި ދޮރު ކަހާލާފައި، ރިއުމާންއަށް ބަލައިލުމަށްފަހު، އެތެރެއަށް ނާޝިދު ވަދެލުމާއެކު، ރިއުމާން ވެސް އޭނާގެ ފަަހަތުން އެތެރެއަށް ވަނެވެ. އެއާއެކު ރިއުމާންގެ ލޮލުގައި އަޅައިގަތީ މޭޒު ދޮށުގައި އިން އަންހެން މީހާއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު